އެޓާނީ ޖެނެރަލް

ނޫސްވެރިން ކަންބޮޑުވާ ހެއްކާ ބެހޭ ގާނޫނުގެ މާއްދާ އިސްލާހުކުރަނީ

ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާ ބެހޭ ގާނޫނުގައި ލާޒިމުކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަވާ ކަމަށެވެ.

ނޫސްވެރިންެ ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ބަޔާންކުރާތީ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ބުނީ އެ ހާލަތްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުންވެސް ހިމެނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އޭޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އޭޖީ އޮފީހުން ބުނީ އެ އިސްލާހުތައް ގެނައުމަށް އެކުލަވާލާ ބިލް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެ ބިލް މި ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެ އެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ހެއްކާ ބެހޭ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ އެ ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށެވެ.