މުހައްމަދު އަޒުހާން

އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ރެޑްބުލް ދަނޑު ސަރަހައްދުން: ޕޮލިސް

Sep 25, 2022

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެފި އެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.

އަޒްހާން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާ އެކު އަޒްހާން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރެވުނު މަސައްކަތުން ފުލުހުންނަށް އެންމެ ފަހުން ލިބުނު ސީސީޓީވީ ފުޓޭޖުތައް ބެލުމުން އަޒްހާން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ގެސްޓްހައުސް އަކުން ނިކުމެގެން ކާރެއްގައި ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން 13 ވަނަ ޓަވަރަށް ވަދެފައިވާ ކަމަށް ބުންޏެވެ. އަދި އެ ޓަވަރުން ފަތިހު 4:43 ހާއިރު ނިކުމެ ހުދުކުލައިގެ ޓެކްސީއަކަށް އަރައި އޭނާ ކުރިން ހުރި ގެސްޓްހައުސް އަށް އަނބުރާ ދިޔަ މަންޒަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކާރު ދުއްވި ޑްރައިވަރުން އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދުވެސް ފުލުހުން ވަނީ ދެނެގަނެފަ އެވެ. އެ ސަރަހައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދެވެ.

ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ވެސް އަދި ރާއްޖޭގެ ރަށަކަށް ވެސް އަޒްހާން ގޮސްފައި ނުވާ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

"މުހައްމަދު އަޒްހާން ހޯދުމުގެ މަސައްކަތް މިހާރުވެސް މިހާރުވެސް ފުލުހުން ކުރަމުންދާއިރު އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް ބެލެވޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ." ބަޔާނުގައިވެ އެވެ.

އަޒްހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުވެ ތިބޭ ފުލުހުންގެ ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.