މުހައްމަދު އަޒުހާން

އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ

Oct 2, 2022
1

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 5:45 ހާއިރު ފެނިފައިވަނީ އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަމަށެވެ.

"އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ވާހަކަ ދަންނަވަން." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

އަޒްހާންގެ މައުލޫމާތު ފުލުހުން އެންމެ ފަހުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު 25 ވަނަ ދުވަހު އެވެ.

އެދުވަހު ފުލުހުން ބުނީ އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާ އެކު އަޒްހާން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރެވުނު މަސައްކަތުން ފުލުހުންނަށް އެންމެ ފަހުން ލިބުނު ސީސީޓީވީ ފުޓޭޖުތައް ބެލުމުން އަޒްހާން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ގެސްޓްހައުސް އަކުން ނިކުމެގެން ކާރެއްގައި ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން 13 ވަނަ ޓަވަރަށް ވަދެފައިވާ ކަމަށް ބުންޏެވެ. އަދި އެ ޓަވަރުން ފަތިހު 4:43 ހާއިރު ނިކުމެ ހުދުކުލައިގެ ޓެކްސީއަކަށް އަރައި އޭނާ ކުރިން ހުރި ގެސްޓްހައުސް އަށް އަނބުރާ ދިޔަ މަންޒަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކާރު ދުއްވި ޑްރައިވަރުން އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދުވެސް ފުލުހުން ވަނީ ދެނެގަނެފަ އެވެ. އެ ސަރަހައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދެވެ.

ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ވެސް އަދި ރާއްޖޭގެ ރަށަކަށް ވެސް އަޒްހާން ގޮސްފައި ނުވާ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައި ނުވާ ކަމަށެވެ.