އެމެރިކާގެ ކެންސަސްގެ މީހަކު ޕެތޮލޮޖިސްޓަކަށް ހެދިގެން 350 މީހެއްގެ އޮޓޮޕްސީ ހެދިފަހުން ފަޅާއަރައިފި އެވެ.
އޭނާގެ އެ މަސައްކަތް ފަޅާއަރުވާލުމުގައި އެންމެ އިސް ދައުރެއް ކުޅެފައިވަނީ ސީއެންއެން އެވެ.
މި މީހާއަށް ކުރެވުނު ތުހުމަތުތައް ސާބިތުވުމުން އެމެރިކާގެ ފެޑެރަލް ކޯޓަކުން މިހަފްތާގައި ވަނީ އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. މިއީ ފޭކް ޑޮކްޓަރެއްކަން ފަޅާއެރިއިރު 350 އޮޓޮޕްސީ ހަދައިގެން މިލިއަނަކަށް ވުރެ ގިނަ ޑޮލަރު މި މީހާ ހޯދާފައި ވެއެވެ.
ޕެތޮލޮޖިސްޓަކަށް ވެގެން މި ހުރިހާ އޮޓޮޕްސީ ހެދި މީހަކީ މިކަމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ކިޔަފާއި ހުރި މީހެއް ނޫނެވެ. މިފަދަ މީހަކަށް ޕެތޮލޮޖިސްޓަކަށް ހެދިގެން އެހާ ގިނަ މީހުންނަށް މަކަރު ހަދައި އޮޅުވާލެވުނީ ކީއްވެ ހެއްޔެވެ؟
ސީއެންއެންގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 42 އަހަރުގެ ޝޯން ލީން ޕާސެލްސް އަކީ ޓޮޕޭކާގެ ރަށްވެއްސެކެވެ.
ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ބުނާ ގޮތުން ޕާސެލްސް ވަނީ ނެޝަނަލް އޮޓޮޕްސީ ސާވިސަސް އެލްއެލްސީގެ ނަމުގައި ވިޔަފާރި ކުންފުންޏެއް އުފައްދާފަ އެވެ. އަދި 350 އަށް ވުރެ ގިނަ އޮޓޮޕްސީ މިތަނުން ހަދައިދިނީގެން އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު އެކި މީހުން އަތުން ނަގާފައި ވެއެވެ. އަދި އޭނާ އޮޓޮޕްސީ ހަދައިދިން އެއްވެސް މީހަކަށް ސައްހަ ރިޕޯޓެއް ދީފައެއް ނުވެ އެވެ.
ކޮންމެ އޮޓޮޕްސީ އަކަށް 5،000 ޑޮލަރު އޭނާ ނަގަމުން ދިޔައިރު އޭނާ ހެދި އޮޓޮޕްސީތަކުގެ ރިޕޯޓުތަކުގައި ލައިސަންސް އޮތް ޕެތޮލޮޖިސްޓެއް ސޮއިކޮށްފައެއް ނުވެ އެވެ.
ފަޅާ އެރީ ކިހިނެއް؟
ޕާސަލްސް ފަޅާ އަރަން މެދުވެރިވީ 2014ގައި ހޫނު މޫސުމުގައި މިސޫރީގެ ފާގަސަންގައި އޭނާ މައިކަލް ބްރައުން ކިޔާ މީހެއްގެ އޮޓޮޕްސީ ހެދުމުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ހިސާބުންނެވެ.
ޕެތޮލޮޖީ އެކްސްޕާޓަކަށް ހެދިގެން އޭނާ މި ރިޕޯޓާ ގުޅެ ގޮތުން ވާހަކަދައްކަން ނެޝަނަލް ޓީވީ އަށް ވެސް އެރި އެވެ. އަދި އޭނާ އޮޓޮޕްސީ ހެދި ބައެއް މީހުންގެ ރިޕޯޓާ ގުޅޭ ގޮތުން ކޯޓަށް ހެކި ބަސް ދޭން ޑަޒަނަކަށް ވުރެ ގިނަ ފަހަރު ދިޔަ އެވެ.
ވޮޝިންޓަން ޕޯސްޓުގައިވާ ޚަބަރެއް ބުނާ ގޮތުގައި ޕާސަލްސް ޕެތޮލޮޖީއާ ގުޅޭ ރަސްމީ ތައުލީމެއް ހާސިލުކޮށްފައެއް ނެތެވެ.
އޭނާއާ މެދު ޝައްކުތަކެއް އުފެދިގެން ސީއެންއެން އިންވެސްޓިގޭޝަނުން ކުރި ތަހުގީގުގެ ރިޕޯޓު ދައްކާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. މި ރިޕޯޓުގައި މިއީ ފޭކް ޑޮކްޓަރެއްކަން ވަރަށް ރީތިކޮށް ފަޅާ އަރުވާލާފައި ވެއެވެ.
ޓީވީ އަށް އަރާ ވަރަށް އިތުބާރާއެކު ވާހަކަ ދައްކަމުން ޕާސެލްސް ބުނަމުން ދިޔައީ އޭނާއަކީ ވޮޝްބާން ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށެވެ. ނަމަވެސް އެ ޔުނިވަސިޓީން އެކަން ދޮގު ކޮށްފައި ވެއެވެ.
ސީއެންއެން ރިޕޯޓުގައި ޕާސެލްސްއާ މިކަމާ ގުޅޭ ގޮތުން ސުވާލުތައް ކޮށްފައި ވެއެވެ. އަދި އޮޓޮޕްސީ ހަދަން ދަސްކުރީ ކޮންތާކުންތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ މޯގްތަކުގައި ޕެތޮލޮޖިސްޓުން އޮޓޮޕްސީ ހަދާއިރު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި "އޮން ދަ ޖޮބް ޓްރެއިނިން" ހަދައިގެން ކަމަށެވެ.
ޕާސެލްސްއާ ސުވާލުކުރި ސީއެންއެން އޮފިޝަލު މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޕާސެލްސް އުޅެނީ އަމިއްލައަށް ޑޮކްޓަރަކަށް ހެދިގެންނެވެ.
"އެމީހުންނަށް އަހަންނަކީ ޑޮކްޓަރެއް ކަމަށް ހީވާނަމަ އެއީ އެމީހުންގެ މައްސަލައެއްނު. މީހުންނަށް އަބަދުވެސް ހީވާނެ ކަންކަން. އެކަކު ހީވިޔަސް ނާހާ ތިބެދާނެ. އަހަންނަކީ ފިޒީޝަނެއް ކަމަށް އެމީހުން ގަބޫލުކުރަންޏާ އެއީ އެމީހުންގެ މައްސަލައެއް. މަގޭ މައްސަލައެއް ނޫން،" ސީއެންއެން ރިޕޯޓަށް ދިން އިންޓަވިއުގައި ޕާސެލްސް ބުނެފައި ވެއެވެ.
ކޯޓުން ޕާސެލްސްގެ މައްޗަށް ކުރި ހުކުމްގައި މުޅި އުމުރަށް އޭނާ އޮޓޮޕްސީ ހެދުން މަނާކުރި އެވެ. އަދި އޭނާ ފޭކް އޮޓޮޕްސީ ހަދައިގެން މީހުން އަތުން ހޯދި ފައިސާ އަނބުރާ އެމީހުންނަށް ދޭން ވެސް އަމުރުކޮށްފައި ވެއެވެ. އަދި ޕްރޮފެސާ، ޕެތޮލޮޖިސްޓް، ޑޮކްޓަރު ފަދަ އެއްވެސް ޓައިޓްލްއެއް ބޭނުން ނުކުރަން ވެސް އަމުރުކޮށްފައި ވެއެވެ.