ޑރ. ހުސައިން ރަޝީދު ހަސަން

ވައުދުތައް ފުއްދުނު މިންވަރު އެނގިވަޑައިނުގެންނެވި!

Sep 26, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަސްވެރިކަމާ ގުޅުންހުރި ވައުދުތައް ފުއްދިފައިވާ މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިސަރުކާރުން މަސްވެރިންނަށް ވީވައުދުތައް ފުއްދިފައިވާ މިންވަރާ ގުޅޭގޮތުން ސުވާލު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔުާޒު އެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރެވުނު މިންވަރު ބަލައިލެވިފައި ނެތުމުން އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މަސްވެރިކަމުގެ ޕޮލިސީތައް ތަންފީޒުކުރެވުނު ވަރުގެ ޕަސަންޓް އިންސައްތަ އަޅުގަނޑުމެން ކަލްކިއުލޭޓް ކޮށްފަ އެ ހިފައިގެނެއް ނޫން އައިސް މިއިނދެވުނީކީ. އެހެންވީމާ އެ ދަންނަވާކަށް ނޭނގޭ،" ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އިން ކުރެވުނު މަސައްކަތުގެ އިވެލުއޭޝަނެއް ހެދުމަށްފަހު މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ކޮމިޓީއަކުން އެދިފައިވާ ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރެވުނު މިންވަރު ހިއްސާކުރެއްވުމަށް މިނިސްޓަރަށް އެނގިވަޑައިނުގަތުމުން އެ ވަގުތު މަޖިލިސް ހޫނުވެ މެންބަރުންގެ ފާޑުވިދާޅުވުންތައް މިނިސްޓަރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ފާޑުކިޔުންތައް އަމާޒުވި ވަގުތު މިނިސްޓަރު ޑރ. ހުސައިން ދެއްވަން ޖެހިވަޑައިގަންނަވާ ޖަވާބު މަޖިލީހުގެ ޖަލްސާގައި ދެއްވީ މިނިސްޓަރު ނިސްބަތްވެވަޑައިގަންނަވާ ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެވެ.

ނިޒާމީ މައްސަަލަ ނަންގަވާ ގާސިމް ވިދާޅުވީ މި ސަރުކާރުގެ މަސްވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން 99 ޕަސެންޓް ވައުދު ފުއްދިފައިވާ ކަމަށެވެ.

މިނިސްޓަރު ހުސައިން އިތުރަށް ވިދާޅުވީ އޭނާއަކީ ގުޅިފައިވާ ކޯލިޝަނަކުން ވެރިކަން ކުރާ ސަރުކާރެެއްގެ މިނިސްޓަރަކަށް ވާތީ އޭނާ ތަންފީޒު ކުރައްވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަން ހިމެނޭ ގޮތުން ގުޅިފައިވާ ކޯލިޝަން މެނިފެސްޓޯއެއް ކަމަށެވެ.

ޑރ. ހުސައިން މީގެކުރިންވެސް މަޖިލީހުގައި އަމަލުކުރައްވާ އާންމު އުސޫލުން މިއަދުވެސް މެންބަރުންގެ ބައެއް ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވަ އެެވެ. އެފަދަ ސުވާލުތަކުން މިނިސްޓަރު ރެކިވަޑައިގަންނަވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނާ ހަވާލާދީ އެވެ. އެ ގާނޫނުގައި ދޮގު މައުލޫމާތު މަޖިލީހާ ހިއްސާކުރައްވައިގެން ނުވާނެ ކަމަށް ބުނެފައިވާކަން ފާހަގަކުރައްވާ ބައެއް ސުވާލުތަކަށް ޑރ. ހުސައިން މިއަދުވެސް ސާފު ޖަވާބެއް ނުދެއްވަ އެވެ.