ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ބަޑިއެއް އޮވެދާނެ ކަމަށް ބުނުމުން އެއާޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

Sep 26, 2022

ބަޑިއެއް އޮވެދާނެތީ ލަގެޖު ރަނގަޅަށް ފާސްކުރަން ބުނި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ހަނިމާދޫ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ. އެ މީހާ ހައްޔަރުކުރި ސީދާ މައްސަލަ ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އިން ފޮނުވި މެސެޖުގައި ބުނެފައިވަނީ އެއާޕޯޓްގެ ރައްކާތެރިކަން "ކޮމްޕްރޮމައިޒް"ވާ ގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާ ގުޅިގެން ސުވާލުކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެއާޕޯޓުގެ ސެކިއުރިޓީއާ ގުޅޭ މައްސަލައެއްގައި ހަނިމާދޫ މީހަކު ހައްޔަރުކޮށްފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫ އެއާޕޯޓަށް ވަޑައިގެން އެ ތަނުން ހައްދުންމައްޗަށް ދަތުރުފުޅެއް ފައްޓަވާފައި ވަނިކޮށެވެ.