ހަނިމާދޫ

ހަނިމާދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވި މީހާ އަކީ ހަނިމާދޫގައި ކުއްޔަށް ދިރިއުޅެމުން ދިޔަ އުމުރުން 64 އަހަރުގެ އަހްމަދު ޖަލީލް ކަމަށެވެ.

އޭނާ މަރުވިކަން އެނގުނީ ރޭގެ ވަގުތެއްގައި ކޮޓަރިއަށް ވަނުމަށްފަހު އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެގެއަށް ގޮސް ބެލުމުންނެވެ.

ގެއަށް ގޮސް ފުލުހުން ބެލިއިރު އެމީހާ ކޮޓަރި ތެރޭގައި ހުރި އެނދުމަތީގައި އެއްވެސް ހަރަކާތެއްނެތި އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި އެ ރަށުގެ ހެލްތް ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހަނިމާދޫ ރައްޔިތަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ މަރުވި މީހާއަކީ އެރަށުގައި ދިރިއުޅެމުން އައި މާލޭ މީހެއް ކަމަށެވެ. އަދި އެރަށުގައި އިއްޔެ ކުރިއަށް ދިޔަ އީދު ކުޅިވަރުތަކުގައި އޭނާ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށްވެސް އެ މީހާ ބުންޏެވެ.

މި ހާދިސާއާއި ގުޅިެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.