ހދ. ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހުރި 67 ކަރުދާސްކޮޅު ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ.
މި ދެ މީހުންގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު މި ދެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 67 ކަރުދާސްކޮޅު ފެނުނު ކަމަށެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 28 އަހަރުގެ މީހާ 15 ދުވަހު އަދި 36 އަހަރުގެ މީހާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.