މޯލްޑިވްސް ޕޮލިސް ސާވިސް

ހަނިމާދޫ އެއާޕޯޓުން އަތުލި ބަނގުރާތައް ނައްތާލައިފި

Aug 26, 2021

ހދ. ހަނިމާދޫ އެއާޕޯޓުން އަތުލައިގެންފައިވާ ބަނގުރާތައް ނައްތާލައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ މިއަދު ނައްތާލާފައިވާ ކަމަށެވެ. އެ ތަކެތި ނައްތާލީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގަ އެވެ.

މިއަދު ނައްތާލާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާ އެވެ.

އެ ތަކެއްޗަކީ ހަނިމާދޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އަތުލައިގެން ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.