ހދ. ހަނިމާދޫ އާއި ބ. ދަރަވަންދޫ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ދަރަވަންދޫއަށް މާލެއިން ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި، އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޢޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.