ހަބަރު

މަސްތުވާތަކެއްޗާއެކު ދަރަވަންދޫއިން އަންހެނަކު ހައްޔަރުކޮށްފި

ބ. ދަރަވަންދޫ އިން މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދަރަވަންދޫ އިން އުމުރުން 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.