އިންޑަސްޓްރިއަލް ވިލެޖް

އިންޑަސްޓްރިއަލް ވިލެޖް: މާލޭގައި ނޭވާލެވިދާނެ އުންމީދެއް!

ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ރީތިކަން ދުނިޔޭ އެންމެންގެ ހިތް އަތުލައިފައިވީ ނަމަވެސް ބޭރުގައުމު ތަކުގެ މީހުން ރާއްޖޭގެ ވެރިރަށް މާލެ ސިފަ ކުރަނީ ދުނިޔެއިން އެންމެ ތޮއްޖެފައިވާ ވެރި ރަށުގެ ގޮތުގައެވެ. އެއީ ސަބަބެއް ނެތި އެއް ނޫނެވެ. ބާރު ސްޕީޑެއްގައި ކުރިއަރަމުން އައި މާލެއަށް ގިނަ އަދަދަކަށް މީހުން ދިރިއުޅުން ބަދަލުވެ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުން އެކި ހިދުމަތް ހޯދަން މީހުން އައިސް ތޮއްޖެހުނީ މާލެ އަށެވެ. ވޭތުވެ ދިޔަ ނު އަހަރަށް ބަލައި އިރުވެސް މާލޭގައި މީހުން ދިރިއުޅޭ އަދަދު 2.69 ޕަސަންޓު އިތުރުވެ 150،000 އާބާދީ ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން މާލެ ޖާގަ ކުޑަވެ ހިނގައި ބިނގައި އުޅެން ދަތިވެ މާލޭގައި ދިރިއުޅޭ މީހުނަށް ވަނީ އެތަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. މާލޭގެ ދިރިއުޅޭ މީހުން ހުން ވަނީ "ހިރި ނުލެވިފައޭ" ބުންޏަސް އެއީ ދޮގެއް ނޫނެވެ.

މާލޭގައި މިއަދު ހާލަތަށް ބަލައި އިރު އެތަށް ބަޔަކު ދިރިއުޅެމުން އަންނަ އިރު ކޮންމެ މީހެއް ވެސް ބަލަނީ އެމީހަކަށް ވާވަރަކުން އެންމެ މައްޗައް އިމާރާތް ހިއްލުމަށެވެ. ނަމަވެސް އެބޮޑެތި އިމާރާތްތަކުގައި ދިރި އުޅޭ އެންމެންގެ ސައިކަލާއި ކާރު ޕާކު ކުރަން ވެސް ޖެހެނީ ހިމަ މަގެއްގައެވެ. އަދި އެހިމަ މަގުތަކުގައި އެތައް ހާސް ސައިކަލާއި ބޮޑެތި އުޅަނދުފަހަރުތަށް ދުއްވަމުން އަންނަ އިރު މީހުން ހިނގާލަން އޮންނަ ޕޭމަންޓުގައި ވެސް އޮންނަނީ ޖާގަ ކުޑަވެފައެވެ. މި ހާސްވުމުގެ ތެރޭގައި މާލޭ ހުރިހާ ގެޔަކުން ނެރޭ ހުރިހާ ކުނިތަށް ވެސް ޖަމާ ކުރަން ޖެހެނީ މީހުން ދިރި އުޅޭ ހިސާބަށެވެ. އަދި އެ ބޭރުކުރުމަށް ކުނި ބާޖުތަށް ކައިރި ކުރަނީ ނޭވާ ލާން ނިކުންނަން އޮތް ހަމައެކަނި ބޭރުމަގާ ދިމާލުންނެވެ. މީގެ އިތުރުން ބޮޑެތި ކޮންސްޓްރަކްޝަން ވެހިކަލްތަކާއި ކެރޭނުފަދަ ތަކެތި މަގުތަށް ބަނދުކޮށްލައިގެން މަސައްކަތުގައި އުޅުމުގެ ސަބަބުން އެންމެން ކޮށިއަރުވައި ހާސްކޮށްލަ އެވެ.

"މާލޭގެ ޑިވަލޮޕްމަންޓަށް މިހާތަނަށް މަސައްކަތް ކޮށްފައި މިވަނީ އެއްވެސް ކަހަލަ ރަނގަޅު ޕްލޭނަކާ ނުލާ. ވޭތުވެދިޔަ 10 އަހަރަށް ބަލައި އިރު ވެސް މާލެ އާރާސްތުކުރުމުގެ ގަވައިދާ އުސޫލުތަށް މި އޮތީ ބޮއްސުންލާފަ. މާލޭގެ މި މައްސަލަތައް ހައްދުފަހަނަ އަޅާފައިވާ މިންވަރު ބޮޑުކަމުން އެކަންކަން ހައްލު ކުރަން އުނދަގޫވެފަ މި އޮތީ،" މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވި އެވެ.

މި މައްސަލައަށް ހައްލެއް އެބައޮތްތަ؟

މި ކަނބޮޑުވުންތަކާއި ހާސްވުން ގަނޑުގެ ތެރޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުވާނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ނިވި ނިވި ހުއްޓާ ފެނިގެންއައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިޖްތިމާއީ ތަރައްގީއަށާއި މާލެ ތޮއްޖެހުން ކުޑަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަން ފެށި މަންޒަރެވެ.

އެގޮތުން ސަރުކާރުން މިއަހަރު ތެރޭ އެންމެ އިސްކަމެއް ދީގެން މިއަހަރު ކުރަން ރާވައިފަވާ އެއް މަސައްކަތަކީ މާލޭ ހުޅަނގު ދެކުނު ސަރަހައްދުން 4.5 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި މިފަދަ މައްސަލަތަށް ހައްލު ކުރުމަށް "އިންޑަސްޓްރިއަލް ވިލެޖް" ގާއިމް ކުރަން ފެށުމެވެ.

"މާލޭގެ މިހާރުގެ ހާލަތަށް ބަލައި އިރު އާންމު ރައްޔިތުނަށް އުންދަގޫވާ ފަދަ ބައިވަރު މަސައްކަތްތަށް އެބަ ކުރެވޭ. މިސާލަކަށް ބައެއް ކޮންކްރީޓް މަސައްކަތްތަކާއި ގޭހާއި ތެލުގެ މަސައްކަތް ނުވަތަ ބޮޑެތި ވޯކްޝޮޕްތަކުގެ މަސައްކަތް. އެހެން ކަމުން މިކަން ހައްލު ކުރުމަށް ސަރުކާރުން ނިންމަވާފައި މިވަނީ މިފަދަ ސިނާއީ މަސައްކަތްތަށް މީހުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ދުރަށް ބަދަލު ކުރަން. އަދި ކޮންކްރިޓް މަސައްކަތް ތަށް ވެސް އިންޑަސްޓްރިއަލް ވިލެޖުގައި ކުރާ ގޮތަށް މިވަނީ ނިންމާފައި. އޭރުން މަގު ބަނދުކޮށްގެން ހިލަ ބަސްތާ ޖަހައިގެން އުޅޭކަށް ނުޖެހޭ. މި ސަބަބުތަކާއި ހުރެ މި މަޝްރޫއުގެ ސަބަބުން ހަމަގައިމުވެސް މާލޭގައި ހިނގައި ބިނގައި އުޅޭ މީހުންނާށާއި ދުއްވާތަކެއްޗައް ބޮޑު ލުއިޔެއް ލިބި ގެންދާނެ ކަމުގެ ޔަގީން ކަން އެބައޮތް،" އިންޑަސްޓްރިއަލް ވިލެޖް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި މާލެ ހިއްފަސޭހަ ތަނަކަށް ހެދުމަށް މިހާރު މާލޭގައި ކުރަމުން އަންނަ ބައެއް މަސައްކަތް މާލެއިން ބޭރަށް ގެންދަން ޖެހެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހައްލު ކުރަން ޖެހެނީ ކުނީގެ މައްސަލަ ތަކެވެ.

"މިހާރު ކުނި ނެރުމަށް އެކަށީގެންވާ ސަރަހައްދެއް ނެތް. އެހެންވެ އެސަރަހައްދުގައި ކުނި މެނޭޖު ކުރާ ތަނެއް ހަދައި ބާޖުތައް ކައިރި ކޮށް ރައްކާތެރިގޮތަކަށް ތިލަފުއްޓަށް ގެންދެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ. އޭރުން މާލޭގައި ދެން ކުނި ކޮއްޓެއް ނޯންނާނެ. ދެން ކުރާނެ މަސައްކަތަކީ މުދާ ރައްކާ ކުރާ ބޮޑެތި ގުދަންތަކާއި ސްޓޯރުތައް ވެސް އެސަރަހައްދަށް ބަދަލު ކުރެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޭ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި ބޮޑެތި އުޅަނދުފަހަރު ހުޅަނގުދެކުނު އިންޓަރްރިއަލް ވިލެޖަށް ބަދަލު ކޮށް އެމްއެންޑީއެފްގެ ވާކްޝޮޕް ގަރާޖު އަދި ކަނޑުގައި ދުއްވާ އުޅަނދުތަށް ވެސް މިހާރު ހުރި ގޮތާއި ހިލާފަށް ބޮޑަށް ޖާގަހަދައި އެސަރަހައްދަށް ބަދަލު ކުރާނެ އެވެ. އަދި މިމަޝްރޫއު ނިމުމާއިއެކު މާލޭގެ މަލަަތި ފެންނާނެ ގޮތަށް ރައްކާތެރި އަދި ރީތި ގޮތަކަށް އެސަރަހައްދު ހަދައި ގްރީން ޒޯނެއް ގޮތުގައި ބަދަލުވެގެންދާނެ އެވެ.

މިމަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު ވިދާޅުވަނީ މިހެނެވެ، މިއީ މާލޭގައި ހުރި މައްސަލަތަށް ހައްލުކޮށް ވެރިކަން ކުރާ ރަށަކީ ހިއްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. މިއަހަރު ތެރޭ މާލެ ތެރެއިން ބޮޑެތި ގަރާޖުތަކާއި ވޯކްޝޮޕް އަދި މީހުންނަށް އުނދަގޫވާ ފަދަ މަސައްކަތް ކުރާ ތަން ތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާނެ އެވެ.

"ވަރަށް މުހިންމު ގިނަ ކަންތަށްތަކެއް ކުރެވިގެން މިދަނީ. ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަށް މި ވިލެޖުގައި ކުރިޔަށް ދާނީ. ރީތި ހިއްފަސޭހަ ގްރީން ތަނަކަށް އެތަން ވެސް ވެގެންދާނެ. މީގެ ސަބަބުން ރައްޔިތުންނަށް އެތަށް ފައިދާ ތަކެއްވެ ރާއްޖެއަށް ކުރިއެރުން ތަކެއް ލިބޭނެ. އެހެންވީމަ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ސަރުކާރުން މިކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ މީހެއް ގާތުގައި މި ދެއަހަރުގެ ތެރޭގައި ސަރުކާރުން ކުރީ ކޮން ކަމެއްތޯ އަހައިފިޔާ ގިނަ މީހުން ބުނަނީ މި ދެ އަހަރު ތެރޭ ޕާކުތަކެއް ހަދައިފިއޭ އެވެ. އެހާ ވަރަށް އިޖްތިމާއީ މަސައްކަތްތަށް ސަރުކާރުން ކުރަމުން އަންނަ އިރު މީގެ ކުރިން އެންމެ ބާރުބޮޑުކޮށް ސައިކަލާ ކާރު ތޮއްޖެހިފައި ހުރި ބައެއް މަގުތައް މިހާރު ހިނގައިފަ އުޅޭ މަގުތަކަކަށް ވަނީ ބަދަލުވެފައެވެ. ހަމަނޭވާއެއްލާނެ ފުރުސަތު އެބަ ލިބެއެވެ.

ހަލަބޮލި މާލެތެރެ މަޑުމަޑުން ތައްކަތުވެ ހިއްފަސޭހަ ތަނަކަށް ވުމުގެ އުންމީދެއް ވަނީ އާވެފަ އެވެ. މާލެ ހުޅުމާލެ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ވާނީ މާލެގެ "ބުރަކައްޓަށް" ލުޔެއް ލިބި ތޮއްޖެހިފައިވާ އެންމެނަށް ނެވާއެއް ލެވިދާނެ ކަންކަމަށެވެ.