ދުނިޔެ

ޕާކިސްތާންގެ ފައިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ޕާކިސްތާންގެ ފައިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް ވަކި ސަބަބެއް ވިދާޅުނުވެ އިސްތިއުފާ ދެއްވައިފި އެވެ.

ފައިނޭންސް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވިއިރު ޕާކިސްތާން އޮތީ އިގުތިސޯދީ ގޮތުން ވަރަށް ދަތި ނިކަމެތި ހާލަތެއްގަ އެވެ.

މިފްތާހް އިސްމާއީލް ވަކި ސަބަބެއް ވިދާޅުނުވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބު ކަމަށް ބެލެވެނީ ވެރިކަންކުރާ ޕާޓީގެ އިސް މެމްބަރުންގެ މެދުގައި އޭނާއާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކެވެ.

ލީކުވެފައި ހުރި އޯޑިއޯތަކުން އޯޑިއޯއެއްގައި އަންހެނަކާއި ފިރިހެނަކު މިފްތާހް އިސްމާއީލްއާ ބެހޭ ގޮތުން ވާހަކަދައްކާ އަޑުއިވެ އެވެ. އެއީ ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއި ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސް މަރްޔަމް ނަވާޒްގެ އަޑު ކަމަށް ބެލެވެ އެވެ.

މި ދެބޭފުޅުން ދެއްކެވި ވާހަކާގައި މިފްތާހް އިސްމާއީލްއާ ބެހޭ ގޮތުން މަރްޔަމް ނަވާޒް ވަަރަށް ބޮޑަށް ޝަކުވާ ކުރައްވަ އެވެ. އަދި މިފްތާހް އަށް ނިސްބަތް ކުރައްވައި އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މަރްޔަވް ނަވާޒް ވިދާޅުވި އެވެ.

މަރްޔަމް ނަވާޒް ދެއްކެވި ވާހަކައިން ދޭހަވަނީ ފައިނޭންސް މިނިސްޓާރުގެ މަގާމަށް މިފްތާހް ކުފޫހަމަނުވާ ކަމެވެ.

މިފްތާހް އިސްމާއީލް އަށް ވުރެ އިޝްހާގް ދަރު -- ޕާކިސްތާންގެ ކުރީގެ ފައިނޭންސް މިނިސްޓަރު، އެ މަގާމަށް ކަމުދާނެ ކަމަށް ވެސް މަރްޔަމް ނަވާޒް ވިދާޅުވެ އެވެ.

އަޑު ފެތުރިފައި އޮތް ގޮތުން ލަންޑަނަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިގަންނަވާނެ އެވެ.

ނަވާޒް ޝާރީފް އާއެކު އިޝްހާގް ދަރު ވެސް އިނގިރޭސިވިލާތުން ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަަމަށް ޚަބަރުތައް ބުނެ އެވެ. މި ދެ ބޭފުޅުންނަކީ ވަރަށް ގާތް އަދި އެކުގައި ވެރިކަން ކުރެއްވި ދެ ބޭފުޅުންނެވެ.

ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެއްގައި ނަވާޒް ޝަރީފް އާއި އިޝްހާގު ހައްޔަރު ކޮށްގެން ލާހޫރު ކޯޓަށް ހާޒިރުކުރަން އަމުރެއް އޮތީ ނެރެފަ އެވެ. އެހެން ނަމަވެސް ކޯޓުން ނެރުނު ހައްޔަރުކުރުމުގެ އަމުރު ވަގުތީ ގޮތުން މިހާރު އޮތީ މަޑުޖައްސުވާފަ އެވެ.