ލައިފްސްޓައިލް

ޓީޗަރެއްގެ އަނިޔާއިން 15 އަހަރު ކުއްޖަކު މަރު

ކްލާސް ޓެސްޓެއްގައި ސްޕެލިން މިސްޓޭކެއް ޖެހިފައި އިނދެގެން 15 އަހަރު ކުއްޖަކަށް އޭނާގެ ޓީޗަރަކު ވަރަށް އަނިޔާކޮށްފި އެވެ. އަދި އެ އަނިޔާތައް ލިބުނުތާ 20 ދުވަސް ފަހުން ކުއްޖާ ވަނީ މަރުވެފަ އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އައުރިއްޔާ އޭރިޔާގައި ދިރިއުޅޭ ޑޭލިޓް (އެންމެ ދަށް ފަންތިއަށް ނިސްބަތްވާ) ކުއްޖާ މަރުވީ ދަގަނޑު ރޮޑަކުން އަޝްވިނީ ސިންގް ނަމަކަށް ކިޔާ ޓީޗަރު އެ ކުއްޖާގެ ބޮލުގައި ޖެހުމުން ލިބުނު ޒަހަމަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ. އެހެން ބައެއް ހަބަރުތަކުގައި ވަނީ ކުއްޖާއަށް އަނިޔާކޮށް ލަކުޑި ފަތިގަނޑަކުން ކުއްޖާގެ ބޮލުގައި ޓީޗަރު ޖެހި ކަމަށެވެ. ކުއްޖާ މަރުވީ 20 ދުވަސް ވަންދެން މަރާ ހަނގުރާމަ ކުރުމަށް ފަހު އެވެ.

މިއީ ސޯޝަލް ސައިންސް ޕޭޕަރުގައި ލިޔެވުނު ކުޑަކުޑަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް ލިބުނު އަދަބެކެވެ.

މި ޓީޗަރަކީ އާދާޝް އިންޓަ ކޮލެޖުގައި ކިޔަވައިދޭ މީހެކެވެ. ކުއްޖާއަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލުގައި ހޯދަމުންދިޔަ ފަރުވާއަށް އެންމެ ކުރީކޮޅު ޓީޗަރުގެ އަމިއްލަ ޖީބުން ހަރަދުކުރި އެވެ. ދެ ފަހަރެއްގެ މަތިން 40،000 ރުޕީސް ޓީޗަރު ކުއްޖާގެ މައިންބަފައިންނަށް ދިން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެ އެވެ. ނަމަވެސް ވަކި ހިސާބަކުން ޓީޗަރު ވަނީ ހަރަދުކުރުން ހުއްޓާލާފަ އެވެ. ކުއްޖާގެ މައިންބަފައިންގެ ފޯނު ކޯލުތަކަށް ފަހުން ފަހުން އޭނާ ޖަވާބެއް ނުދެ އެވެ.

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ފަހުން އެމީހުން ޓީޗަރުގެ ގެއަށް ވެސް ދިޔަ އެވެ. ނަމަވެސް ޓީޗަރު އެމީހުންނާ ހަޑި ހުތުރުބަހުން މުހާތަބުކޮށް ފޮނުވާލީ އެވެ.

"ސެޕްޓެމްބަރު ހަތްވަނަ ދުވަހު ސޯޝަލް ސައިންސް ޓީޗަރު އަޝްވިނީ ސިންގް ކްލާސް ޓެސްޓެއް ދިން. އެ ޓެސްޓަށް އަހަރެންގެ ދަރިފުޅު ވެސް ވަރަށް ފިލާވަޅު ދަސްކުރި. ދަރިފުޅަކީ އަބަދުވެސް ކިޔެވުމަށް ވަރަށް މޮޅު ކުއްޖެއް. ނަމަވެސް އެ ދުވަހުގެ ޕޭޕަރުގައި އޭނާއަށް ބަހެއްގެ ސްޕެލިން ނުބައިކޮށް ލިޔެވުނީ. އެކަމާ ޓީޗަރު އައި ރުޅިން ދަރިފުޅަށް އަނިޔާކޮށް ދަނޑިބުރިއަކުން ވެސް އޭނާގެ ގައިގައި ތެޅި،" ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު ކުއްޖާ މަރުވީ ސައިފައި މެޑިކަލް އިންސްޓިޓީއުޓްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކުއްޖާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު ޓީޗަރު ވަނީ ފިލާފަ އެވެ. މިހާރު އޭނާ ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގެ ފުލުހުން ދަނީ ކުރަމުންނެވެ.