އިޓަލީ އަށް އަންހެން ބޮޑުވަޒީރަކު ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެއްޖެ އެވެ.
އިޓަލީގެ ތާރީޚްގައި އަންހެނަކު ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައެއް ނުވެ އެވެ.
އާދީއްތަ ދުވަހު އިޓަލީގައި ބޭއްވި އާންމު އިންތިހާބުގައި "ބްރަދާސް އޮފް އިޓާލީ" ޕާޓިން ކުރި ހޯދުމާ އެކު، އެ ޕާޓީގެ ލީޑަރު ޖޯޖިއާ މެލޯނީ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފާނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ.
ބްރަދާސް އޮފް އިޓަލީ އާއެކު އިންތިހާބުގައި ވާދަކުރި ކޯލިޝަންގައި ހިމެނެނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ސީލްވިއޯ ބެރުލޮސްކޯނީގެ ފޯރްޒާ އިޓާލީއާ ޕާޓީ އަދި ލީގް ޕާޓީ އެވެ.
އިއްޔެގެ ނިޔަލަށް ވޯޓު ފޮށިތަކުގެ ބޮޑުބައި ވަނީ ގުނާ ނިމިފަ އެވެ. އިންޓިރިއާ މިނިސްޓްރީން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ މުޅި އަޣުލަބިއްޔަތު ޖޯޖިއާ މެލޯނީގެ ކޯލިޝަނަށް ލިބޭނެ އެވެ.
ބްރަދާސް އޮފް އިޓަލީ އަކީ ސިޔާސީ މަސްރަހުގައި ލޭބަލްކުރެވޭ ކަނާތު ފިޔައިގެ ޕާޓީ އެވެ. އެ ޕާޓީއާ ކޯލިޝަން ހަދައި އެއްފިކުރަކަށް ތަބާވެ ވެރިކަން ހޯދަން ނުކުތް އަނެއް ދެ ޕާޓިން ވެސް ދަމަހައްޓާނީ މުޅި ޔޫރަޕްގެ ވިސްނުމާ ތަފާތު ވިސްނުމެއް ކަމަށް ބެލެވެ އެވެ.
ރަސްމީ ނަތީޖާ އާންމުކުރުމުގެ ކުރިން މެލޯނީ ވަނީ ކާމިޔާބު އިއުލާން ކުރައްވާފަ އެވެ. އާންމުންނާ މުޚާތަބު ކުރައްވައި މެލޯނީ ވިދާޅުވީ އިޓަލީން އަހަރެމެންނށް އިތުބާރުކޮށްފި ކަމަށެވެ. އޭނާ އަދި ވިދާޅުވީ އާންމުންގެ އިތުބާރު ބޮލާލައި ނުޖައްސަވާނެ ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ އޭނާ ވެވަޑައިގަންނަވާނީ އެންމެންގެ ވެރިއަކަށް ކަމަށް މެލޯނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އުއްމީދަކީ އެކުވެރިކަން އާލާކުރެއްވުން ކަމަށެވެ.
މެލޯނީގެ ކޯލިޝަނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިޓަލީގައި ކުރިން އޮތް ސަރުކާރަށް ކުރިމަތިވި ޕްރެޝަރު -- ހަކަތައިގެ އަގުބޮޑުވުމާއި ޔުކްރޭން ހަނގުރާމަ އަދި ގައުމުގެ އިގުތިސޯދުގައި ހުރި ބާގަނޑުތައް ބައްދަން ޖެހިވަޑައި ގަންނަވާނެ އެވެ.
މެލޯނީ ވެރިކަމަށް ވަޑައިގެން ކަނާތު ފިޔައިގެ ފިކުރަށް އަމަލުކުރައްވަން ފައްޓަވައިފިނަމަ ޔޫރަޕިއަން ޔޫނިއަންގައި ރެނދުއަޅާނެ ކަމަށް ބެލެވެ އެވެ.
މެލޯނީ އަކީ އިޓަލީއަށް ހިޖުރަކުރާ މީހުންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރެކެވެ. އަދި ވަކި ދީނެއްގެ ނަމުގައި އިއުލާން ކުރާ ހަރުކަށި ފިކުރު ނައްތާލައްވާނެ ކަަމަށްވެސް ވިދާޅުވި އެވެ. އެހެން ހުރިހާ ބަޔަކަށް ވުރެ އިޓަލީގެ ރައްޔިތުންނަށް ހެޔޮ ގޮތް އިޚުތިޔާރު ކުރައްވާނެ ކަމަށާއި އެއްވެސް ކަމަކަށް ވުރެ ބޮޑަށް ގައުމުގެ މިނިވަންކަމަށް އިސްކަން ދެއްވާނެ ކަމަށްވެސް މެލޯނީ ވިދާޅުވި އެވެ.