ވާހަކަ

އިޙްސާސްވޭ

( 25 ސެޕްޓެމްބަރ 2022 އާ ގުޅޭ )

"މަލް..." މަލަކް ހުއްޓުމުން ދައްޔާނު ގޮވާލިއެވެ.

"ކޮޓަރިއަށް ވަނީމަ ވާގޮތް އެނގޭ." މަލަކް ބުނެލީ ދައްޔާނާ ނަޒަރު ސީދާކޮށްލަން ނުކެރި ހުރެއެވެ. އެއާއެކު ދައްޔާނު ހީނލީއެވެ.

ކުރީން ހަޔާތަށް އައި އެއްވެސް ބައިވެރިއެއް ޚާއްޞަނުވީ ކީއްވެކަން މަލަކްއަށް އެނގެއެވެ. އޭނާއަށް ލޯބިވެވުނީ އަދިކިރިޔާއެވެ. ދުވަހަކުވެސް މީހަކުދެކެ ލޯބިވެފައިނުވާ ދަރަޖައަކަށް އޭނާއަށް ދައްޔާނުދެކެ ލޯބިވެވިއްޖެއެވެ. ސިކުނޑިއާއި އަމިއްލަ ޟަމީރުގެ އަޑު ފަނޑުކުރުވީ މަލަކްގެ ހިތުގެ ތެޅުމުގެ އަޑުންނެވެ. އެހިތް އަވަސްވެފައިވަނީ ދައްޔާނުގެ ސަބަބުންނެވެ. މީގެ ކުރީން މަލަކް ބޭނުންނުވެއްޖެކަމެއް އޭނާ ލައްވާ އެއްވެސް މީހަކަށް ނުކުރުވޭނެއެވެ. އެހެންވިޔަސް މިހާރު އެ ބާރާއި ރުހުން ދައްޔާނަށް އޭނާ ދީފިއެވެ. ދައްޔާނުގެ އުފާވެރިކަމާއި އޭނާގެ ހިތްހަމަޖެހުން މަލަކްއަށް މުހިންމުވީއެވެ.

މޫނު ދޮވެލުމަށްފަހު ކުރިމަތީ ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް މަލަކް ބަލާލިއެވެ. އޭނާގެ މޫނަށް މަޑު ރަތްކަމެއް ހުއްޓެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި ތެމިފައިވާ އޮތް ދެ އަތްތިލަ ހާކާލައި ރީތިކުރާން ފެށިއެވެ.

"މަލް. އޯކޭތަ." ފާޚާނާ ދޮރުގައި ޓަކި ޖަހާލުމާއެކު ދައްޔާނު އަހާލިއެވެ.

"މި ނުކުންނަނީ." މަލަކް ނިކަން އަވަހަށް ބުންޏެވެ.

ކިތަންމެ މަތި އޮމާން ކުރިޔަސް އެ ކޮޓަރިއަށް މަލަކް އައި އިރު ހުރި ތާޒާކަމެއް އަނބުރާ ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެކަމާ ނުވިސްނާ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ލޯގަނޑުން ފެންނަ އަމިއްލަ ސޫރައަށް ބަލަން ހުރެ މަލަކް ހިނިތުންވެލިއެވެ.

"އައި ލަވް ހިމް. އައި ހޭވް ޓު ޓްރަސްޓް ހިމް." މަލަކް އަމިއްލަ ނަފްސަށް ބުނެލިއެވެ.

ފާޚާނާއިން މަލަކް ނުކުތްއިރު ދޮރުކައިރީ ދައްޔާނު ހުއްޓެވެ. އުނަގަނޑުން މަތި ހާމަކޮށްލައިގެން ހުރިއިރު އޭނާއަށް ބަލަން ނުކެރުނީ މަލަކްއަށެވެ. ދައްޔާނު ނިކަން އަވަހަށް މަލަކްގެ އަތުގައި ހިފާލައި ގާތްކޮށްލިއެވެ. އެނާގެ ކޯތާފަތުގައި އެއްއަތުން ފިރުމާލުމާއެކު ހުރިހާކަމެއް ރަނގަޅުތޯ ދައްޔާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. އެއާއެކު މަލަކް އާނއެކޭ ބުނުމަށް ބޯޖަހާލީއެވެ.

"ޑިޑް އައި ހާޓް ޔޫ." ދައްޔާނު ސިއްރުން އަހާލިއެވެ. ހިސާބަކަށް އޭނާ ހާސްވެފައި ހުރި ކަހަލައެވެ. އޭނާ އިޝާރާތް ކުރީ އިރުކޮޅެއް ކުރީން އެ ދެމެދުގައި ހިނގައިދިޔަ ގުޅުމަށްކަން މަލަކްއަށް އެނގެއެވެ. ޖަވާބެއްގެ ގޮތުން ދެ ފަރާތަށް މަލަކް ބޯހޫރާލީއެވެ.

"އައި ލަވް ޔޫ." މަސްތުގެ އަސަރު ނުފިލާ ފަދަ އަސަރެއް ދައްޔާނުގެ އަޑުގައިވިއެވެ. ބޯއަރިކޮށްލުމާއެކު މަލަކްގެ ކޯތާފަތުގައި ދައްޔާނު ބޮސްދިނެވެ.

"މީ ޓޫ." ލަދުވެތި ހިނިތުންވުމަކާއެކު މަލަކް އިސްޖަހާލީއެވެ.

"ވަރަށް ލަސްވެއްޖެ. ގެއަށްދާން ބޭނުމީ." މަލަކް ބުންޏެވެ.

"އޯކޭ. ޓޮއިލެޓަށް ވަދެލާފަ މިނުކުންނަނީ. މަލް ރެޑީވޭ." ދައްޔާނު މިހެން ބުނެ މަލަކްއާ ދުރަށް ޖެހިލިއެވެ. އޭނާ ފާޚާނާއަށް ވަންނަންދެން ހަރަކާތެއްކުރާން ނޭނގިފައި މަލަކްއަށް ހުރެވުނެވެ.

* * * * *

ނިތްކުރިމަތިން އަތްނެގި ގޮތަށް މޫނުގައި ދެއަތްތިލަ މާޔަލް ހިންގާލިއެވެ. ފުންނޭވާއެއް އޭނާ ބޭރުކޮށްލިއެވެ. އެނދުން އޭނާ ތެދުވިއެވެ. ނިދޭ ގޮތެއް އޭނާއަށް ނުވީއެވެ. ކޮޓަރިން ނުކުމެ ސިޓިންރޫމުގެ ތެރެއިން ނުކުމެވެން ހުރި ބެލްކަންޏަށް އޭނާ ނުކުތެވެ. ހާމަވައިގެ ތެރެއަށް ނަފްސު ދޫކޮށްލިއެވެ. ލޯ މަރާލައިގެން އިރުކޮޅަކު ހުރެފައި ލޯ ހުޅުވާލިއެވެ.

"ރިކް..." މާޔަލްގެ ދެ ތުންފަތުން ބޭރުވެލިއެވެ.

ހަފަރާތުން އައިރިކްގެ ޚިޔާލުތައް އައިސް މާޔަލް ވަށާލައިފަ ވެއެވެ. ސުވާލުގެ ލިސްޓުގެ އެންމެ ކުރީގައިވަނީ އައިރިކްއާއެކު ލޯބީގެ ގުޅުމެއް މާޔަލް ފެށީ ކީއްވެތޯ އުފެދޭ ސުވާލެވެ. އޭނާއަށް އެންމެ ޤަބޫލުކުރާން ވެސް ދަތިވަނީ އެ ސަބަބެވެ. އިވާންއާ ރައްޓެހިވެގެން އުޅެމުން އޭނާ އެހެން ފިރިހެނަކާއެކު ލޯބީގެ ކުޅިގަނޑެއް ކުޅިދާނޭ ހެއްޔެވެ. އެއީ ދުވަހަކުވެސް މާޔަލް ކުރާން ބޭނުންވީކަމެއް ނޫނެވެ. އެފަދަ އޮޅުވާލުމެއް އެކަކަށް ވެސް އޭނާ އޮޅުވާނުލާނެއެވެ.

"އިވާންގެ ސަބަބުންތަ. އެކަމަކު އިވާން އެ ހުންނަނީ އަހަންނާ ހެދި މޮޔަވެފަ. އޭނާ ކެއާކުރާ ވަރާ ގާތަށް ވެސް އަހަންނަށް އޭނާއާމެދު އަޅާނުލެވޭ. އިވާންއަށް އެނގޭބާ އަހަރެން މިވަރުގެ ކަމެއް ކުރިކަން. ޔަގީނުން ވެސް ރިކްއަކަށް ނޭނގޭ އަހަރެންގެ ލޯބިވެރިއެއް ހުރިކަމެއް. އަހަރެން ރިކް ކައިރީ ނުބުނީ ކީއްވެ. އިވާން... އިވާންއަށްވުރެ ބޮޑަށް އަހަންނަށް ރިކްދެކެ ލޯބިވެވުނީތަ؟. އެހެންވެތަ ރިކްއަށް ހުރިހާކަމެއް ސިއްރުކުރީ. އިވާންއާ ދުރަށްދާނޭ ރީޒަންއެއް ހޯދަންވެގެން ހުރިހާ ބަހަނާއެއް ދެއްކީ... އެހެންވެދާނެތަ." މާޔަލްގެ ފިކުރުތައް އިތުރުވަމުން ދިޔައެވެ.

ބެލްކަނީގެ ފާރުބުރީގައި ހިފަހައްޓާލައިގެން ހުރި އަތްތިލައާއި މޫނުގައި ވާރޭގެ ފެންތިކި އައިސް ޖެހުނުކަމުގެ އިޙްސާސް މާޔަލްއަށް ކުރެވުނެވެ. އިސާހިތަކު ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ހަރަކާތެއް ކުރުމެއްނެތި މާޔަލް ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކުރިހާ ވެސް ކަމަކީ ދެ ލޯ މަރާލުމެވެ. ތެމި ފޯވާން ގިނައިރެއް ނުނެގިއެވެ. ފިނިވަމުން ދިޔަވަރަކަށް ބެލްކަނީގެ ފާރުބުރި މަތިން ދެ އަތް ހިއްލާލިއެވެ. އަދި ފިނިން ހަށިގަނޑު ސަލާމަތްކުރާ ފަދައިން މާޔަލްގެ މެޔާ ހިސާބުން އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލައި ބާރުކޮށްލިއެވެ.

"މީހަކު އަހަރެމެން ދެ މީހުން އެކްސިޑެންޓްކޮށްލީތަ؟. އަހަންނާއި ރިކްގެ ގުޅުމެއް އޮތްކަން އެނގޭ މީހަކުތަ؟. އެކަމަކު ކާކު؟... އަހަރެމެން ދަންނަ މީހަކުތަ؟... އާން! ނޭނގޭ މީހަކު އެކަހަލަ ކަމެއް ނުކުރާނެ. އަހަންނަށް ނޫނީ ރިކްއަށް ނަފުރަތުކުރާ މީހަކަށް ވެދާނެ. އެހެންވީރު... އަނެއްކާ... އަނެއްކާ އިވާންތަ؟. ހީ އިޒް... އޮބްސެސްޑް ވިތް މީ. ނޫން! އެއްވެސް ހެއްކެއްނެތި އިވާންގެ ބޮލުގައި އެވަރުގެ ތުހުމަތެއް އަޅުވަން ވެދާނެތަ!. ކީއްވެތަ ހަނދާންނުވާންވީ. ޕްލީޒް. ހަނދާންތައް އަންނަންވެއްޖެއެއްނު. ނިކަން ހަނދާންކޮށްބަލަ..." މާޔަލް އެކަނި ހުރެ ވާހަކަދެއްކިއެވެ. ބޮލުގައި އަމިއްލައަށް ޖަހާ ވެސް ލައިފިއެވެ. އޭނާގެ ސިކުނޑި ކައިރީ ހަނދާންތައް އިޔާދަކުރުމަށް އެދި އާދޭސްކުރަނީއެވެ.

ތުރުތުރުން އަޅަންދެން މާޔަލް ވާރޭގެ ތެރޭ ބެލްކަނީގައި ހުއްޓެވެ. ވިދާލާ ވިދުވަރާއެކު އިވިގެންދާ ބާރު ގުގުރީގެ އަޑު ހީވަނީ ކަންފަތް ބުޑުން އިވިގެންދާ ހެންނެވެ. ނަމަވެސް އޭނާ އެ އަޑަކަށް ނުސިހެއެވެ. ހާސްކަން އިތުރުވެފައިވުމުން ސިކުނޑިއަށް އެހެންކަމަކާ ވިސްނާނޭ ފުރުޞަތެއް ވެސް ނެތީއެވެ. ދަތްޕިލަ ޖެހޭތީވެ ބާރުކޮށްލައިގެން ހުރެ މާޔަލް އެތެރެއަށް ވަނެވެ. އޭނާގެ ފިޔަވަޅު ދަށުން ފެނުގެ ކޯރެއް ތަޅުންމަތީ އުފެދެމުން ދިޔައެވެ. މަޑުމަޑުން އައިސް ކޮޓަރިއަށް ވަންގޮތަށް މާޔަލްގެ މިސްރާބު ހުރީ ފާޚާނާއަށެވެ. މާޔަލްގެ ފިޔަވަޅު މަޑު ޖެހިލީ ލޯގަނޑުން އޭނާގެ ސޫރަ ފެނިފައެވެ. ނޭފަތް ކައިރިން ރަތްވެފައިވާ ރޮނގު ފެނުނެވެ. ވާރޭގެ ތެރޭގައި ހުރިއިރު އޭނާގެ ނޭފަތުން ލޭ ފޭބިކަމެއް އިޙްސާސެއް ވެސް ނުވެއެވެ. އެކަމަކު މޫނުމަތިން ފެންނަން އެ ހުރީ އެކަމުގެ ހެއްކެވެ. ތުންފަތް ކައިރި ވެސް އެ ހުރީ ރަތްވެފައެވެ.

ހޫނު ފެނުން ފެންވަރާލައިގެން މާޔަލް ނުކުމެ އިނީ ކޮޓަރީގައި ހުރި ގޮނޑީގައެވެ. ދެފައި ނަގައި ގަޔާ ކައިރިކޮށްލައިގެން ނޭފަތުގައި ޓިޝޫ ޖައްސައިގެންނެވެ. އޭނާއަށް ނިދުނީ އެހެން އިންދައެވެ. ފަތިސް ނަމާދަށް ތެދުވަން ފޯނުން އެލާމް އަޅަންފެށިއިރު ވެސް އޭނާ އިނީ ގޮނޑީގައި ނިދާފައެވެ. ނޭފަތުގައި ޖައްސަން ގެންގުޅުނު ޓިޝޫކޮޅު އޮތީ ގޮނޑި ކައިރިއަށް ވެއްޓިފައެވެ. ކަކުލުގައި ދެއަތް އަޅުވާލައިގެން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން މާޔަލް ނިދާފައި އިންއިރު ހީވަނީ ހަމަޖެހިފައި އިންހެނެވެ. އެގޮތަށް ނިދަން އޭނާ އާދަވެފައި އިން ކަހަލައެވެ. ނަމަވެސް ނިދީގެ ތެރެއިން މާޔަލް ހޭލައްވާލީ ފޯނުގެ އެލާމެވެ. ދެ ފައި ތިރިކޮށްލަން އުޅުނުއިރު ހިސާބެއްގެ އައްސިކަމެއް ދެ ފައިގަ ވެސް ހުއްޓެވެ. ތެދުވެ ހިނގައިގަންނަން ވަގުތުކޮޅެއް ނެގިއެވެ.

* * * * *

ހެނދުނުގެ ނާސްތާ ކުރިޔަށް ދިޔައިރު އެންމެންނަށް ވެސް ފާހަގަވީ މާޔަލް ގަޔާނުވެފައި އިންކަމެވެ. ސައިތަށިން ކޯވަރެއް ބޯލުން ފިޔަވައި އޭނާ އެއްވެސް އެއްޗެއް ނުކުޔެވެ. ނާސްތާ ނިންމާ އެންމެންނަށްވުރެ ކުރީން އައިރިކް ތެދުވިއެވެ. މާޔަލް ނިމިފަ އިންނަމަ އޭނާއާއެކު އަންނަން ބުންޏެވެ.

ދެ ޒުވާނުން އައިސް އައިރިކް އުޅޭ ބަޔަށް ވަނެވެ. އެންމެ ކައިރިން ފެންނަން ހުރީ އެބައިގަ ހުރި އުނދޯއްޔެވެ. މާޔަލް އައިސް އެ އުނދޯލީގައި އިށީނެވެ. އެހެން ފަހަރު ތަކެކޭ އެއްގޮތަށް އޭނާ އިންތަން އައިރިކްއަށް އެނގުނު ފަދައިން އައިސް ކައިރީގަ އިށީނދެއްޖެއެވެ.

"ރިކް. އެއްވެސް ކަމެއް ނުފޮރުވާ އަހަންނަށް ހުރިހާ އެއްޗެއް ކިޔާދީފާނަންތަ؟. އަހަރެން ހަނދާންނެތުނީ ކީއްވެތޯ އެނގެން އަހަރެން ވެސް ބޭނުން. އެ ހަނދާންތަ ހޯދާނީ ކިހިނެއްކަމެއް ނޭނގޭ. ރިކް އަހަންނަށް ދޮގު ނުހަދާ ކިޔާދީފާނަންތަ. އަހަންނަކަށް ނުވިސްނޭ... އަހަރެމެން ދެމެދުގައި މިއޮތް ގުޅުން. އަހަންނަކަށް އެކައްޗެއް ވެސް ނުވިސްނޭ. ޕްލީޒް... ތަންތަންކޮޅުން ދުރުދުރުން އަރަތެއްހެން ވާހަކަނުދައްކާ، ސާފުކޮށް ކިޔާދީބަލަ." މާޔަލްގެ މޫނުން ފާޅުވާން ހުރީ ނުތަނަވަސްކަމެވެ.

"އަހަރެން މާޔާއަށް އޮޅުވާލާކަށް މަސައްކަތެއް ނުކުރަން. މިހާތަނަށް ކިޔާދީފަ ވާނީ ތެދު ހަޤީޤަތް." އައިރިކް ބުންޏެވެ.

"ހަނދާންނެތިފައިވާއިރު އެއީ ހިނގިކަމެކޭ ބުންޏަސް ޤަބޫލުކުރާން ފަސޭހަވާނެތަ. އަހަރެން ރިކްއަށް ޓްރަސްޓް ކުރާން ބޭނުންނުވަނީކީނޫން. އަހަރެންގެ ވެސް އަމިއްލަ ރޫލްސްތަކަކާއި ބައުންޑަރީސްތަކެއް ހުންނާނެ. އެކަމާ ޚިލާފު އުފެދޭ ކަންކަން ޤަބޫލުކުރާން ފަސޭހައެއްނޫން. އަހަންނަށް އެނގޭ ރިކްއާ ކުރީން މީޓްވިކަން. އެކަމަކު އެ ފީލް ނާންނަނީ... އެހިސާބަށް ވިސްނުން ގެންދަން ދަތިވަނީ، ތަކުރާރުކޮށް ސިކުނޑި ދައްކަނީ ރިކްއަކީ އިހަށް ދުވަހު އަހަންނާ ދިމާވި މީހެކޭ. އަހަންނަށް ރިކް އެންމެ ފުރަތަމަ ފެނުނީ ފިހާރައިގަ ހުއްޓާ، ވެހެމުންދިޔަ ވާރޭގައި ކާރުން ފައިބައިގެން ގޮސް މަގު މެދުގައި ހުއްޓުނީ... އެއީ އޭ އަހަރެމެންގެ ފުރަތަމަ ބައްދަލުވުމަކީ." މާޔަލް އިނީ ވަރުބަލިވެފައި ކަހަލައެވެ. ޖަވާބު ހޯދުމަށް ހުއްޓެންވީ ދިމާލެއް ނޭނގި ދުވެދުވެ އޭނާ ވަރުބަލިވެފައިވާ ކަހަލައެވެ.

އައިރިކް އެއްވެސް ވާހަކައެއް ނުދައްކާ އޭނާގެ ފަޓުލޫނުގެ އަރިމަތީ ޖީބުން ފޯނު ނެގިއެވެ. ފޯނުން ގެލެރީ ހުޅުވާލުމާއެކު އޭނާ މާޔަލްއަށް ފޯނު ދިއްކޮށްލިއެވެ.

"ތީގެން ކޯއްޗެއް މާޔާއަށް ފެންނަނީ." މާޔަލް ފޯނުގައި ހިފުމުން އައިރިކް ސުވާލު ކުރިއެވެ.

އައިރިކްގެ ފޯނުން މާޔަލްގެ ފޮޓޯތައް ހުރީ ފެންނާށެވެ. އެއީ ވަޓްސްއެޕްއަށް ފޮނުވާފައި ހުރި ފޮޓޯތަކެއްކަން ބުނަން އެނގެއެވެ. ކޮންމެ ފޮޓޯއަކީ އަމިއްލައަށް ނަގާފައި ފޮނުވާފައި ހުރި ފޮޓޯކަން އޭގައި މާޔަލް ހުރި ގޮތުން ދޭހަވެއެވެ. މާޔަލްގެ ނިތަށް ރޫގިނަވެލިއެވެ. އޭނާގެ އަމިއްލަ ފޮޓޯ ފޮނުވާހާ އައިރިކްއާ އޮތް ގުޅުން ގާތްކަން އެ ފޮޓޯތައް ބުނެދީފިއެވެ. އިވާން އެދުނަސް އޭނާ އެގޮތަށް ފޮޓޯ ފޮނުވައެއް ނުހަދައެވެ. ބައެއް ފަހަރު އިވާން މާބޮޑަށް އާދޭސްކުރާނަމަ ވީޑިއޯކޯލަކުން އޭނާ ހުންނަ ގޮތް ދައްކާލައެވެ. މަޑުމަޑުން މާޔަލްއަށް ހިންދިރުވާލެވުނެވެ.

"ވަޓްސްއެޕް ބަލާ. މާޔާގެ ކޮންވަޒޭޝަން ހުޅުވާ." އައިރިކް ބުނެލިއެވެ.

ފޯނުގެ ގެލެރީއިން ނުކުމެ ވަޓްސްއެޕް މާޔަލް ހުޅުވާލިއެވެ. އޭގައި އެކި މީހުންނާ ވާހަކަދައްކާފައި އައިރިކް ހުއްޓެވެ. ނަމަވެސް މާޔާ ނޫން އަންހެނެއްގެ ނަމެއް ލޮގުން ފެންނާކަށް ނެތެވެ. މާޔާއާއި އައިރިކްއާ ދެމެދު ދައްކާފައި ހުރި ވާހަކަތައް މާޔަލް ކިޔަންފެށިއެވެ. ދެމެދުގައި ދެކެވިފަ ހުރި މަދު ވާހަކަކޮޅެއް ނޫނެވެ. ކޮންމެ ދުވަހަކު ދެ މީހުންގެ މެދުގައި މެސެޖު ބަދަލުކުރެވިފައި ހުރިކަން ތާރީޚުތައް ހެކިވެއެވެ. އައިރިކް ބުނިހެން އެ ދެމެދުގައި ވާހަކަ ދައްކަން ފެށިފައި އޮތީ ޒިލްމާގެ ކައިވެނީގެ އެއް މަސް ފަހުންނެވެ.

"މާޔާ... ލަވް..." ކުއްލިއަކަށް މާޔަލްގެ ކައިރިން އައިރިކްގެ އަޑު އިވުނެވެ. އޭނާއަށް ބަލާލެވުނެވެ. ނަމަވެސް އައިރިކް އިނީ ހިމޭންވެއެވެ. ހައިރާންވިއެވެ. އޭނާއަށް އުނދޯލިން ތެދުވެވުނެވެ. ފޯނުގައި ހުރި ވާހަކަތައް ކިޔަމުން ވަކި ހިސާބަކަށް ދިޔަތަނާ އޭނާއަށް ބަދަލުތަކެއް އަންނަކަން އިޙްސާސް ކުރެވެން ފެށިއެވެ. އައިރިކް ކައިރީގަ ހިމޭންވެފައި އިންއިރު ވެސް އޭނާއަށް އައިރިކް ވާހަކަދައްކާ އަޑު އިވެނީއެވެ. އޭނާގެ އަޑުގައި ހުންނަ އަސަރުތައް އިޙްސާސް ކުރެވެނީއެވެ. އެ ވާހަކައެއްދެއްކީ ކޮންއިރަކުންކަން މާޔަލްއަށް އެނގޭހެން ހީވަނީއެވެ. ދެން ބުނާނީ ކީކޭކަން ލަފާކުރާން ވެސް މާޔަލްއަށް އެނގެނީއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ދެ ލޯ ކަރުނުން ބަރާވަމުން އައެވެ. އެހެންވިޔަސް ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އައިރިކްގެ ފޯނުގެ އިސްކުރީނަށް ޖެހި ލޭތިއްކާއެކު މާޔަލްއަށް ހީވީ ލޯމަތިން ދުނިޔެ އެނބުރިގަތް ހެންނެވެ. ހަށިގަނޑުގައިވީ ހުރިހާ ކަށިތަކެއް ބިނދެމުންދާ ފަދަ ގަދަ ވޭނެއް އޭނާގެ ހަށިގަނޑަށް ވެރިވިއެވެ. މީހާ އެއްލިގެން ދިޔަހެން ހީވިއެވެ. އަތުން ދޫވެގެން ފޯނު ވެއްޓުނެވެ.

"ރިކް...ރިކް..." މާޔަލް ވެއްޓެމުންދިޔަ ވަގުތު ގޮވިއެވެ. އޭނާއަށް ފެންނަނީ ރޭގަނޑުގެ އަނދިރިކަމުގައި ވާރޭވެހެމުން ދިޔަ ފުޅާމަގެވެ.

ކުއްލިއަކަށް އައިރިކް ތެދުވިއެވެ. އުނދޯލީގެ އެއްފަރާތު ދާރައިގަ މާޔަލްގެ ބޯޖެހުނެވެ. ރޯމަހެއްހެން މާޔަލް ތެޅެނީއެވެ. ދެ ލޮލުގެ ކަޅި ހުރީ އަރާފައެވެ. މާޔަލްގެ ގައިގާ އައިރިކް ހިފަހައްޓާލުމާއެކު އުނދޯއްޔާ ދުރަށް ޖެއްސިއެވެ. އަދި މާޔަލްގެ ގައިގާ ހިފަހައްޓައިގެން އިނދެ ނިކަން ބާރަށް މަންމައަށް ގޮވާލިއެވެ.

ފަޒްނާއަށް އައިރިކްގެ އަޑު އިވިގެން އައީ ދުވެފައެވެ. އޭރު އޭނާގެ އަތްދަނޑި މައްޗަށް މާޔަލް އުފުލާލައިގެން ނުކުންނަނީއެވެ. މަންމައަށް ގޮވާށޭ އައިރިކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އައިރިކް ހަލުވިކަމާއެކު މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ. ފަޒްނާއާއެކު ދުވަމުން ކަހަލަ ގޮތަކަށް ޝަބްނަމް ސިޑިން ފައިބައިގެން އައިއިރު މާޔަލް އުފުލާލައިގެން ހުރެ އައިރިކް ނުކުންނަނީއެވެ. ދަރިފުޅުގެ ފަހަތުން އޭގެ ދެމީހުން އައެވެ. ޕޯޓިކޯގެ ހަރުފަތްތަކުން ފައިބައިގެން ކާރު އޮތް ދިމާއަށް އައިރިކްއައެވެ.
(ނުނިމޭ)