ކޮންމެ ސްކޫލެއްގައި ގްރޭޑް 11 އަދި 12 ތައާރަފުކުރުމަކީ "ފީޒަބަލް" ކަމެއް ނޫން ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮންމެ ސްކޫލެއްގައި ގްރޭޑް 11 އަދި 12 ތައާރަފުކުރާނަމަ ރަނގަޅު ލެބޯޓްރީއެއް ކޮންމެ ސްކޫލެއްގައި ގާއިމުކުރަންޖެހޭ ކަމަށާއި ރަނގަޅު މުދައްރިސުން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.
އެހެންކަމުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮންމެ އަތޮޅެއްގައި ގްރޭޑް 11 އަދި 12 ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެއިތުރުން މާލެ ސަރަހައްދުގައި އެ ގްރޭޑްތަކަށް ޖާގަ އިތުރުކުރުމަށް މަސައްކަތް އެބަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ދަރިވަރުންގެ އަތު ފީ ނަގާތީ އެކަމުގައި ލުއިފަސޭހަ ގޮތެއް ހޯދުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރައީސް އޮފީހުން އެދިފައިވާތީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހުޅުމާލޭގައި މިހާރު ހަދަމުންދާ ސީއެޗްއެސްސީގެ އާ އިމާރާތް ނިމުމުން މިހާރު ހުރި ސްކޫލުގެ ދެ ގުނަ ޖާގަ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އެ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ މާޗްގައި ނިންމާލެވޭނެ ކަމަށާއި އަންނަ ދިރާސީ އަހަރަށް ޖާގަ އިތުރުވެގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.