ރިތިކް ރޯޝަން

ރިތިކްގެ އުފަންދުވަހު ޕާޓީގައި އަޑުގަދަކޮށްގެން ހޮޓާ ޖޫރިމަނާކޮށްފި

Jan 14, 2016

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ 42 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޮޑު ޕާޓީއެއް ބާއްވާފަ އެވެ.

ރިތިކްގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރުން ބައިވެރިވެފައިވާއިރު، ޕާޓީ ހޮނިހިރު ދުވަހުގެރޭ ބާއްވާފައިވަނީ މުމްބާއީގައި ހުންނަ ފޯ ސީޒަންސްގެ ހޮޓަލެއްގެ 34 ވަނަ ފްލޯގަ އެވެ.

ހޮނިހިރު ދުވަހުގެރޭ ވަރަށް ދަންވަންދެން ރިތިކްގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީ ކުރިއަށް ގެންގޮސްފައިވާއިރު، ޕާޓީއިން އަޑުގަދަކޮށް ލަވަޖަހައި، ޕާޓީއަށް ދައުވަތު ދީގެން ގިނަ ފަރާތްތަކަކުން ދިއުމުގެ ސަބަބުން ހޮޓެލް ހުންނަ ސަރަހައްދަށް އާންމުންގެ ގިނަބަޔަކު އެއްވުމުގެ ސަބަބުން އެސަަރަހައްދުގެ ޓްރެފިކް ބޮޑުވެ، އަޑުގަދަވި އެވެ. އޭގެ ސަބަބުން އާންމުންގެ ފަރާތަކުން ފުލުންނަށް ކުރި ޝަކުވާއަކާ ގުޅިގެން ހޮޓާ ވަނީ 25،000 ރުޕީޒް އިން ޖޫރިމަނާކޮށްފަ އެވެ.

އާންމުންނަށް އުނގަދޫވާ ގޮތަށް ލަވަޖަހައި އަޑުގަދަކޮށްފައިވާތީ މިމަައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އަޝްރަފް ޚާން ނަމަކަށް ކިޔާ މީހަކެވެ.

އޭނާ ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ރޭގަނޑު 1:30 ވުރެން ބޮޑުވި ފަހުން ޕާޓީއިން ވަރަށް އަޑުގަދަކޮށް ލަވަޖެހި އެވެ. ރޭގަނޑު 10ގެ ފަހުން އަޑުގަދަކޮށް އާންމުންނަށް އުނދަގޫވާ ގޮތަށް ލަވަޖަހައި ހެދުމަކީ މަނާ ކަމެކެވެ.

ފުލުހުން ފުރަތަމަ ޖޫރިމާނާކޮށް ނަސޭހަތްތެރިވުމުންވެސް އަޑުގަދަކޮށް ދަންވަންދެން ލަވަޖަހާފައި ވުމުން ދެވަނަ ފަހަރަށް ވެސް މައްސަލަ ރިޕޯޓް ކުރި އެވެ. އޭގެ ފަހުން ފުލުހުން ވަނީ އެރޭ ދަންވަރު 3:30 ހާއިރު އަލުން އެހޮޓަލަށް ގޮސް، ހޮޓަލުގެ މެނޭޖަރު 12،500 ރުޕީޒްއިން ޖޫރިމަނާކޮށްފަ އެވެ.