ބޭރު ކުޅިވަރު

ޝަކީރާއަކީ އެންމެންގެ މީހެއް ކަމަށް ބުނެ ޕީކޭއަށް މަލާމާތްކޮށްފި

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަންހެނުން، އަދި މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ އަކީ އެންމެންގެ މީހެއް ކަމަށް ބުނެ އެސްޕަނިޔޯލްގެ ސަޕޯޓަރުން ޕީކޭ އަށް މަލާމާތްކޮށްފި އެވެ.

މިކަމެއް ހިނގީ ރޭ ސްޕެނިޝް ކަޕުގައި އެސްޕަނިޔޯލް އަތުން 2-0 އިން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލަށް ދިޔަ މެޗުގަ އެވެ. ޒުވާން ފޯވަޑް މުނިއާ އަލް ހައްދާދީ ޖެހި ދެ ގޯލުން މޮޅުވުމުން ޗެމްޕިއަން ބާސެލޯނާ ކުއާޓާ ފައިނަލަށް ދިޔައީ 6-1ގެ އެގްރީގޭޓުންނެވެ.

މި މެޗުގައި ޕީކޭ ކުޅެފައެއްނުވެ އެވެ. އޭނާ އިނީ ބެންޗުގަ އެވެ. އެސްޕަނިޔޯލްގެ ސަޕޯޓަރުން އޭނާއާ ދިމާކޮށް ހެދީ ދަނޑަށް ބޮޑު ބެނާއެއް ވައްދައިގެންނެވެ. އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދަނޑުގައި ދަމާފައިވާ އެ ބެނާގައިވަނީ ސްޕޭނު ބަހުން ލިޔެފައިވަނީ އޮތީ ޝަކީރާ އަކީ އެންމެންގެ މީހެއް ކަމަށެވެ. އަދި އެހެން ބެނާއެއްގައި ޝަކީރާގެ ކުރީގެ ފިރިމީހާ އެންޓޯނިއޯ ޑިލަރުއާ ބެހޭ ގޮތުން ވެސް ލިޔެފައިވެ އެވެ. މިއީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލަކަށްވާތީ މި މައްސަލަ ބަލައި އެސްޕަނިޔޯލްއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސްޕޭނުގެ މީޑިޔާތަކުން ވަނީ ބުނަން ފަށައިފަ އެވެ.

މީގެ އިތުރުން ވެސް މި މެޗުގައި ބާސެލޯނާއާ ދިމާކުރަން އެސްޕަނިޔޯލްގެ ސަޕޯޓަރުން ވަނީ އެކި ޒާތްޒާތުގެ ބެނާތައް ދަނޑަށް ވައްދައިފަ އެވެ. އޭގެ ތެރެއިން އެއް ބެނާގައިވަނީ މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެސްޕަނިޔޯލްގެ ކީޕަރު ޕައު ލޮޕޭޒް ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީގެ ފަޔަށް ފައިން އެރި މަންޒަރު ދައްކުވައިދޭ މަންޒަރު ކުރަހާފައިވާ ބެނާއެކެވެ. އަދި މި ހާދިސާ އަށް ތާއީދުކުރާ އިބާރާތްތައް ވެސް ލިޔެފައިވެ އެވެ. މީގެ އިތުރުން ބާސެލޯނާގެ ކުރީގެ ކޯޗު ޓިޓޯ ވިލަނޮވާގެ ލޮލަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އިނގިލި ކޮށްޕާލި މަންޒަރަށް ތާއީދުކޮށްފައިވާ ކުރެހުންތައް ވެސް ސަޕޯޓަރުން ގެންގުޅެފައިވެ އެވެ.