ވާހަކަ

އިޙްސާސްވޭ

( 27 ސެޕްޓެމްބަރ 2022 އާ ގުޅޭ )

ފަޒްނާއަށް އައިރިކްގެ އަޑު އިވިގެން އައީ ދުވެފައެވެ. އޭރު އޭނާގެ އަތްދަނޑި މައްޗަށް މާޔަލް އުފުލާލައިގެން ނުކުންނަނީއެވެ. މަންމައަށް ގޮވާށޭ އައިރިކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އައިރިކް ހަލުވިކަމާއެކު މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ. ފަޒްނާއާއެކު ދުވަމުން ކަހަލަ ގޮތަކަށް ޝަބްނަމް ސިޑިން ފައިބައިގެން އައިއިރު މާޔަލް އުފުލާލައިގެން ހުރެ އައިރިކް ނުކުންނަނީއެވެ. ދަރިފުޅުގެ ފަހަތުން އޭގެ ދެމީހުން އައެވެ. ޕޯޓިކޯގެ ހަރުފަތްތަކުން ފައިބައިގެން ކާރު އޮތް ދިމާއަށް އައިރިކްއައެވެ.

މާޔާގެ ހެޔެއްނެތްކަން ޝަބްނަމްއާއި ފަޒްނާއަށް ވެސް އެނގެއެވެ. ހަމައެއާއެކު އައިރިކްގެ ހަރަކާތްތައް ފެނި އެމީހުންވަނީ ހައިރާންކަމެއްގައެވެ. ލޮލަށް ނުފެންނަ މީހަކު އެހާ ފަރިތަމަކަމާއެކު ޕޯޓިކޯގެ ހަރުފަތްތައް ހުރަސްކޮށް ސީދާ ކާރުގެ ކައިރިއަށް އައިސް ދޮރުފަތް ހުޅުވާން މަސައްކަތް ކުރުމުންނެވެ.

"ސުބްޙާނައްﷲ." އައިރިކްގެ ގާތުގައި ހުއްޓެވުނު ހިނދު ޝަބްނަމްގެ ދެ ލޯ ބޮޑުވީ ކަންބޮޑުވެގެންނެވެ. އައިރިކްގެ ހުދު ގަމީހުގެ ވައަތު ކޮނޑާ ދިމާއާއި މޭމަތިން ފެންނަން ހުރީ ލެޔެވެ. ހަރަކާތް ކެނޑިފައި އޮތް މާޔަލްގެ ނޭފަތް ކައިރިން އަނގަމަތީގަ ވެސް ވަނީ ހުސްލެޔެވެ. މާޔާގެ އަތުގައި އަތްލެއްވުނު ހިނދު އެ ހަށިގަނޑު ހޫނުވެފައިވާ މިންވަރު ޝަބްނަމްއަށް އިޙްސާސް ކުރެވުނެވެ.

"ހާދަ ހޫނޭ. ހުން އައިސްފަތަ؟." ޝަބްނަމްއަށް އަހާލެވުނެވެ.

"ކާރުގެ ތަޅުދަނޑި މަންމާ. ހަބީބު ކޮބާތަ؟." ހާސްވެފައި ހުރިވަރުން އައިރިކްއަށް މަޑަކުން ވާހަކައެއް ނުދެއްކެއެވެ.

ފަޒްނާ އެތެރެއަށް ދުއްވައިގަތީ ހަބީބު ހޯދާށެވެ. އައިރިކްގެ އަތުގައި ޝަބްނަމަ ހިފެހެއްޓިއެވެ. އެ ހުރިގޮތަށްތޯ ދަނީ އޭނާއަށް ސުވާލުކުރެވުނެވެ. މާޔަލްއަށް ވީ ކިހިނެއްތޯ ވެސް ޝަބްނަމްއަށް އެހުނެވެ.

"އިޓްސް މައި ފޯލްޓް." އަތްދަނޑިމަތީ އޮތް މާޔަލްއަށް ބަލާލާފައި އައިރިކް ބުނެލިއެވެ. ޝަބްނަމް އިންތިހާއަށް ހާސްވިއެވެ. އައިރިކްގެ ވާހަކައިން އޭނާއަށް ނެގުނީ އެންމެ ނުބައި މާނައެވެ. މާޔަލްއަށް އެވަރުވާނީ އައިރިކް ބޮޑުކަމެއް ކޮށްގެންކަން ޝަބްނަމްގެ ޟަމީރު ބުންޏެވެ.

ހަބީބުއާއެކީހެން ފަޒްނާ އަތުވެއްޖެއެވެ. ކާރުގެ ފަހަތު ސީޓަށް މާޔަލްއާއެކު އައިރިކް އެރިއެވެ. ޝަބްނަމް އެރީ ކުރިޔަށެވެ. ހޮސްޕިޓަލަށް ދާން އެމީހުން ކާރުގައި ނައްޓާލިއެވެ. ދަތުރުމަތީ އިސާކަށް ޝަބްނަން ގުޅިއެވެ. އައިތަންއާއެކު އިސާކު ހޮސްޕިޓަލުން ޝަބްނަމްއާ ބައްދަލުކުރާނެކަން ބުންޏެވެ. ޝަބްނަމް ދޭތެރެއަކުން ފަހަތު ސީޓުގައި އިން އައިރިކްއަށް ބަލާލައެވެ. އޭނާ މާޔަލްގެ ނޭފަތާ އިރުއިރުކޮޅުން އިނގިލި ކައިރިކޮށްލައެވެ. މާޔަލް ނޭވާލާތޯ އައިރިކް ޔަގީން ކުރަނީއެވެ. އެ ނޭވާ ހުއްޓިއްޖެނަމަ އައިރިކްގެ ހިތް ވެސް ހުއްޓޭނެކަން ޔަގީނެވެ.

ހޮސްޕިޓަލުން އައިރިކްއާއި ޝަބްނަމްއާ ފުރަތަމަ ބައްދަލުކުރީ ފައިރޫޒެވެ. އަވަސްފަރުވާ ދިނުމަށްޓަކައި މާޔަލް ބޭއްވުނެވެ. ކަންތައްވީގޮތް ފައިރޫޒަށް އައިރިކް ކިޔާދިނެވެ. ހެނދުނު މާޔަލް އައިއިރު އޭނާ ހުރީ ހުމާކަމެއް އެއްގޮތަކަށް ވެސް އައިރިކްއަށް ނޭނގެއެވެ. އޭނާއަށް މާޔަލްގެ ފިހެމުންދިޔަ ހަށިގަނޑު އިޙްސާސް ކުރެވުނީ ވެއްޓުނު ވަގުތު ނަގަން ކައިރިވީމައެވެ. މާޔަލްގެ މެޑިކަލް ރިކޯޑް ބަލާފައިވާތީ އޭނާގެ މަޢުލޫމާތު ފައިރޫޒަށް އެނގެއެވެ. އެހެންވެ ޑަކްޓަރުންނާ މުއާމަލާތު ކުރަމުން ދިޔައީ އޭނާއެވެ. ގޮނޑިބަރީގައި ޝަބްނަމްއާއެކު އައިރިކް އިނީ ފައިރޫޒުގެ ޚަބަރެއް ވަންދެނެވެ.

"ކޮބާ މާޔާ؟." ދުވަމުން އައިސް އައިރިކް ކައިރީ މަޑުކޮށްލި އައިތަން ސުވާލު ކުރީ އިންތިހާއަށް ހާސްވެފައި ހުރެއެވެ. އޭރު ހަލުވި ހިނގުމުގައި އެ ދިމާއަށް އިސާކު ހުރެ އާދެއެވެ. އައިރިކް ވަގުތުން ގޮނޑިން ތެދުވިއެވެ. އައިތަންގެ ކޮނޑުގެ ދެފަރާތުން އޭނާ ހިފަހައްޓާލިއެވެ.

"މާޔަލްގެ ފެމެލީއާ ކޮންޓެކްޓްވާނެ ގޮތެއް އެނގޭތަ." އައިރިކް އަހާލިއެވެ. ބޭބެގެ ކަންބޮޑުވުމާއި ހާސްކަން އަޑުގައި ހުރި ތުރުތުރުން އައިތަން ނަގައިގަތެވެ. ބޮޑަށް ހީވަނީ އައިރިކް ބިރުގެންފައި ހުރީ ހެންނެވެ. ހަމައެއާއެކު އައިތަން ހައިރާންވީ މާޔާއަށް މާޔަލްއޭ އައިރިކް ބުނީމައެވެ.

"އައިތަން..." އައިތަން އެއްޗެކޭ ނުބުނުމުން އައިރިކް ގޮވާލިއެވެ.

"މާޔަލްއަކީ ކާކުކަން ދޮންބެއަށް އެނގޭތަ؟." އައިތަންއަށް އަހާލެވުނެވެ.

"ނޮޓް ނައު އައިތަން. ހާ ފެމެލީ އިޒް މޯ އިމްޕޯޓެންޓް... އެމީހުންނާ ކޮންޓެކްޓް ކުރޭ." އައިރިކް ބުންޏެވެ. އައިތަން ވަގުތުން އާނއެކޭ ބުނެ ފޯނު ނަގައިގެން އެއްފަރާތަށް ޖެހިލިއެވެ.

ތުނބުޅީގައި ވައަތްތިލަ ހިންގާލުމާއެކު ފިނި ނޭވާއެއް އައިރިކް ދޫކޮށްލިއެވެ. ހާސްކަން އިތުރުވެ ސިކުނޑިއަށް ކުޅަދާނަނުވާ ހިސާބަށް ހިނގައިދާނޭ އައިރިކްއަށް ހީވާ ކަހަލައެވެ. އޭނާގެ އެއްފައި ތަޅުވަންފެށި ގޮތް ގާތުގައި އިން ޝަބްނަމްއަށް ފާހަގަވިއެވެ. މަޑުމަޑުން ދަރިފުޅުގެ ފައިގާ ޝަބްނަމް އަތް ބާއްވާލުމާއެކު ފިރުމާލިއެވެ. އެހިނދު އައިރިކްގެ ނަޒަރު ޖެހިގެން އިން މަންމައާ އަމާޒުކޮށްލެވުނެވެ.

"މަންމާ... މާޔާ... އަހަންނަށް މާޔާ ވަރަށް މުހިންމު." އައިރިކް ބުންޏެވެ. ޝަބްނަމް ހަމައެކަނި ބޯޖަހާލީއެވެ.

ފައިރޫޒު ނުކުމެގެން އަންނާތީ ފެނުމާއެކު އޭނާއާ ކުރިމަތިލީ އިސާކާއި އައިތަންއެވެ. މާޔަލްގެ ޢާއިލާއަށް އަންގައިފިންތޯ ފައިރޫޒު ސުވާލުކުރިއެވެ. މާޔަލް ހޭނާރާކަމާއި އޭނާގެ ބޮލުގެ ސްކޭނެއް ވަރަށް އަވަހަށް ހަދަން ޑަކްޓަރުން ބޭނުންވާކަން ވެސް ފައިރޫޒު ބުންޏެވެ. އަދި މާޔަލްގެ ހުން ހުރީ ވަރަށް މަތީގައިކަން އޭނާ ފާހަގަކުރިއެވެ.

"ފެމެލީއާ ކޮންޓެކްޓް ކޮށްފިން. އެބާދޭ އެމީހުން." އައިތަން ނިކަން އަވަހަށް ބުންޏެވެ.

"މާޔާ އޯކޭވާނެތަ." އައިރިކް ސުވާލުކުރިއެވެ.

"ބްރެއިން އިންޖަރީސް އިޒްންޓް ލައިކް އަ ބްރޯކަން ބޯން... ބްރެއިންސް އާ މަޗް ލެސް ޕްރިޑިކްޓަބަލް. އިޓްސް ޓޫ ސޫން." ފައިރޫޒު ބުންޏެވެ.

"އިންޝާﷲ ރަނގަޅުވާނެ." ޝަބްނަމް ނިކަން އަވަހަށް އައިރިކްގެ ކޮނޑުގައި ފިރުމާލިއެވެ. ނާއުންމީދުވާކަށް އަދި ނުވޭކަން ޝަބްނަމް ވިސްނައިދޭން ބޭނުންވީއެވެ.

ދިމާކުރިމަތިން އަންނަ ރަޒާ ފެނުމާއެކު އައިތަން ގޮނޑިބަރިން ތެދުވިއެވެ. އޭނާގެ ކައިރީ މައިރާ ހުއްޓެވެ. އައިތަންގެ ކުރިމަތީ ހުއްޓުމާއެކު މާޔަލް ކޮބާތޯ ސުވާލުކުރިއެވެ. އެއާއެކު އަވަސްފަރުވާދޭ ބައިގަ މާޔަލްއަށް ފަރުވާދެމުން ގެންދާކަން އައިތަން ބުނެ އެދިމާއަށް އިޝާރާތް ކުރިއެވެ. މައިރާގެ ނަޒަރު ދަތުރުކޮށްލީ ގޮނޑިބަރީގައި އިން އައިރިކްއަށެވެ. އޭނާގެ ގަމީހުގައި ލޭ ހިކިފައި ހުރިތަން ފެނި މައިރާގެ މެޔަށް ފިނިވެލިއެވެ. ރަޒާ ހުރީ އެތައް ސުވާލެއްގެ ޖަވާބު އައިތަންގެ ގާތުން އެނގެން ބޭނުންވެފައެވެ. މާޔަލްގެ ކަމެއްގައި އައިތަން އޭނާއަށް ގުޅީމައެވެ. އައިތަންއާއި މާޔަލްގެ ދެމެދުގައި ގާތްކަމެއް އުފެދުނީ ކޮންއިރަކުކަމެއް އޭނާއަށް ނޭނގޭތީއެވެ. ނަމަވެސް ހާލަތާއި ވަގުތަށް ވިސްނާފައި އިތުރު ހާސްކަމެއް އުފެދިދާނޭތީ ސުވާލު ކުރުމުގެ ރަޒާ ވިސްނުން ފަސްކޮށްލީއެވެ.

މައިރާ ބަލަން ހުރިކަން އައިރިކްއަށް ފާހަގަވީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާ ތެދުވެގެން އައިސް ހުއްޓުނީ މައިރާގެ ކުރިމަތީއެވެ. މާޔަލް މަސައްކަތް ކުރަނީ އޭނާގެ ކައިރީކަން އައިރިކް ބުނެ އަމިއްލަ ތަޢާރަފެއް ދިނެވެ. އެ ވާހަކަ އަޑުއަހަން ކައިރީގަ ހުރި ރަޒާ އަޖައިބުވީލެއް ބޮޑުކަމުން ވަގުތުން އައިތަންއަށް ބަލާލިއެވެ. ހުރިހާ ހަޤީޤަތެއް ހާމަކުރާކަށް އައިރިކްއަކަށް ނުކެރުނެވެ. މާޔަލްއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަމާއި އަދި މާޔަލްގެ ހާލު ގޯސްވާންޖެހުނު ސަބަބު އެއްވެސް މީހެއް ކައިރީ ބުނާން އައިރިކް ފަސްޖެހެއެވެ. މާޔަލްގެ ޢާއިލާގެ މެންބަރުންނާ ބައްދަލުވެފައި ނެތަސް އެމީހުންގެ ވާހަކަ އައިރިކްގެ ގާތުގައި އޭނާ ހުރީ ދައްކާފައެވެ. އެހެންވެ އެ ޢާއިލާގައި ތިބެނީ ކޮންބައެއްކަން އައިރިކްއަށް އެނގެއެވެ. ކުރިމަތީ ހުރި މައިރާއަކީ މާޔަލްގެ ދޮންތިކަން ދެނެގަންނަން އޭނާއަށް އެނގުނީ އެހެންވެއެވެ.

"ރޭގަ މާޔާ ކީއްކުރީ؟. ކީއްވެ ހުން އައިސްފަ ހުރެގެން އައީ؟. ގަމީހުގަ... މީ މާޔާގެ ލޭ. މާޔާގެ ނޭފަތުން ފޭބިހާ ލޭ." އައިރިކް ބުންޏެވެ.

"މަންމައަށް އެނގޭނަމަ މާއްކޮ ނުފޮނުވާނެ. ވަރަށް ބޮޑު އެކްސިޑެންޓެއް ވެ މާއްކޮއަށް ލިބުނު ހެޑް އިންޖަރީގަ ބައެއް ހަނދާންތައް ނެތިފަ ހުރީ. ވަރަށް ބޮޑަށް ބޮލު ތެރޭ ސްވެލިން ހުރި. ނާޝިގަނޑަށް ގެއްލުންވެފަ ހުރީ. ނޭފަތުން ލޭ އަންނަ ސަބަބަކީ އެއީ. ފެމެލީ އެންމެން ވެސް އުޅެނީ ނުލާހިކު ބަލައިގެން. ނިއުރަލް ސައިކޮލޮޖިސްޓަކަށް މިހާރު ވެސް ދައްކަމުން ދަނީ. ސްވެލިންގެ ސަބަބުން ދޭތެރެއަކުން ނޭފަތުން ލޭ އާދޭ. ސްޓްރެސްއާ ވީހާ ވެސް ދުރުގައި މާއްކޮ ގެންގުޅޭން ބުނެފަ އޮތީ. އެހެންވިޔަސް... އެ އެކްސިޑެންޓަށްފަހު މާއްކޮ ވަރަށް ޗޭންޖުވި. ފެންނަ ފެނުމަށް މިއިން އެއްވެސް އިންޖަރީއެއް ހުރިކަމެއް މީހަކަށް ފާހަގައެއް ނުވާނެ... އެކަމަކު... ފުދޭވަރަކަށް ދުވަސްވެއްޖެ މާއްކޮ އެގޮތަށް ބްލީޑް ނުވާތާ. ކީއްވެބާ... މަސައްކަތް ބުރައީތަ. އޮފީސް މާޙައުލެއްގައި މީހާ ސްޓްރެސްފުލްވާނޭ ކިތަންމެ ކަމެއް ހުންނާނެކަން އެނގޭ. ތީ މާއްކޮގެ ބޮސް ދޯ. މާއްކޮ ބުނި ބޮސްގެ އެސިސްޓެންޓްއަކަށޭ އުޅެނީ. އޮފީހާ ބެހޭ ގޮތުން ވަރަށް ވާހަކަނުދައްކާ. އެހެންވެ އެކަކަށް ވެސް ނޭނގޭ މާއްކޮގެ އޮފީސް ލައިފެއް."

"މާޔާ ބަލިކަން އެނގޭ. އޭނާއަށް ބުރައެއް ނުކުރަން. އައި އޭމް އޯލްވޭޒް ވިތް ހާ. މާޔާގެ ހުރިހާކަމެއް ޕާސަނަލީ ބަލަމުން އައީ." އައިރިކް ބުންޏެވެ.

"މާޔާ..." މައިރާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު އަންހެނަކު ގޮވާލި އަޑު އިވުނީއެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އަޑު އައި ދިމާއަށް ބަލާލިއެވެ.

"މައިރް... މައިރް..." އެދިމާއަށް މަޒްހަރާއެކު އާމާލް އަންނަނީއެވެ. އެ ދެމަފިރިންނާއެކު މަލަކް ހުއްޓެވެ. އެކަކަށްވުރެ ވެސް އާމާލް ހުރީ ކަންބޮޑުވެފައެވެ.

"ކޮބާ މައްޔު." ކައިރިއަށް އާދެވެންވާއިރަށް އާމާލް އަހައިފިއެވެ.

މައިރާ އޮޅުންފިލުވާ ދިނުމާއެކު މާޔަލްގެ ކައިރިޔަށް ދާން އާމާލް ބޭނުންވިއެވެ. އަވަސްފަރުވާދޭ ބަޔަށް އާމާލްއާއެކު މަޒްހަރު ވަނެވެ. ބޮލުގެ ސްކޭން ހައްދަން މާޔަލް ގެންދަން ތައްޔާރުވެފައި އޮތެވެ. ހަރަކާތެއްނެތި ހިމޭންވެފައި އޮތް މާޔަލް ފެނުމާއެކު އާމާލްއަށް ރޮވިއްޖެއެވެ. ހޮސްޕިޓަލާ ހަމައަށް ފޯރިއިރު ވެސް އޭނާގެ ހިތް ބިރުން ތެޅެނީ ވިއްޔާއެވެ. ދަރިފުޅު ފެނުމުން ކެތްނުކުރެވުނީއެވެ. އެކްސިޑެންޓުން ލިބުނު ޒަޚަމްތަކާއެކު ދަރިފުޅު ފެނުނު ވަގުތުގެ ހަނދާންތައް އާމާލްގެ ލޯކުރިމަތީ ވާ ކަހަލައެވެ. އެރޭ އޭނާއަށް ދަރިފުޅު ފެނުނުއިރު އެއީ އޭނާގެ މާޔަލްއޭ ބުނާން ވެސް ދަތިވިއެވެ. ދަރިފުޅަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ސިފަ އައިސްފައި އޮތް ބަދަލުގެ ސަބަބުންނެވެ. މަޒްހަރު އަވަހަށް އާމާލް ގޮވައިގެން ނުކުތެވެ. މައިރާގެ ގާތުގައި އާމާލް ބެހެއްޓިއެވެ. ދޮށީ ދަރިފުޅާއި ހަގު ދަރިފުޅުގެ ގާތުގައި މަންމަ ބެލުމަށް ބުނެފައި މަޒްހަރު އަވަސްވެލީ ހޮސްޕިޓަލުން ނިންމަން ބުނި ކަންކަން ކުރުމަށެވެ. ޑަކްޓަރު ފައިރޫޒާއެކު ސްކޭން ކުރާ ކޮޓަރިއާ ހަމައަށް މަޒްހަރު ދިޔައެވެ. މާޔަލްގެ ގާތުގައި ހަރަކާތްތެރިވާ ދެ ޑަކްޓަރުން ލަފާކުރަމުންދާ ގޮތް މަޒްހަރަށް ކޮންމެވެސް ވަރަކަށް ޑަކްޓަރު ފައިރޫޒު ކިޔާދިނެވެ.

"ކޮން އެކްސިޑެންޓެއް؟. އިސާކުއަށް އެނގޭތަ މާޔާ އެކްސިޑެންޓްވިކަން." ޝަބްނަމް ސިއްރުން އަހާލީ އިސާކުގެ ގާތުންނެވެ.

"މިވަގުތަކުނޫން. އެމީހުންގެ ދަރިފުޅާމެދު ކަންބޮޑުވެފައި އެތިބީ. އަހަރެމެން ކައިރީ ހުއްޓާ އެކުއްޖާއަށް އެހެން އެވީ. އަހަރެން މިވިސްނަނީ ވީގޮތަކާމެދު... އައިރިކް އެއްޗެއް ބުނިތަ؟. މާޔާ މިއަދު ހެނދުނު ތަފާތުކަން އަހަންނަށް ވެސް ފާހަގަވި. ރަނގަޅަށް ސަޔެއް ވެސް ނުބޮއެ. އައިރިކްއާއި މާޔާއާ ދެމެދު ކަމެއް ހިނގީތަ." އިސާކު ވެސް ވާހަކަދެއްކީ ސިއްރުންނެވެ.

ޑަކްޓަރުން ލަފާކުރީ މާޔަލްއަށް ސްޓްރޯކެއް ޖެހުނީ ކަމުގައެވެ. ހެދި ސްކޭނުން އެކަން އިތުރަށް ޔަގީންކޮށްދިނެވެ. އޭނާ ވިސްނާ ފިކުރުކުރާން އޭނާގެ ސިކުނޑީގެ ހާލަތު ފުރުޞަތެއް ނުދޭކަން އެމީހުން ފާހަގަކުރިއެވެ. ސްޓްރޯކްގެ ސަބަބުން މާޔަލްއަށް ބަދަލުތަކެއް އަތުވެދާނޭކަން ޑަކްޓަރު ބުންޏެވެ. ނަމަވެސް މާޔަލްގެ ހާލަތު ރަނގަޅުވުމަކީ ވެދާނޭކަމެއްކަން ވެސް ބުންޏެވެ. ޔަގީންކުރާން އެނގޭނީ މާޔަލް ހޭ އެރީމަކަން ޑަކްޓަރު ބުންޏެވެ. މިވަގުތައް މާޔަލްއަށް އެ އޮތީ ނުރައްކަލުން ސަލާމަތްވެފައިކަން ހާމަކުރިއެވެ. ނަމަވެސް ސްޓްރޯކަކީ އޭގެ އަސަރު ނުފިލާ ހުންނަ ކަމެއްކަން ވެސް ފާހަގަކުރިއެވެ.

"މަންމާ... ކުޑޫ އޯކޭ ވާނެ. ކުޑޫއަކީ ސްޓްރޯން ފައިޓާއެއް. ޝީ ވިލް ބީ އޯކޭ... ޕްލީޒް ދެން ހުއްޓާލާ." އާމާލްގެ ގައިގާ ބައްދާލައިގެން އިން މަލަކް ބުންޏެވެ.

"ކުޑަކަމެއް ވިޔަސް މައްޔު ބުނާނެ. އެކަމަކު މިއަދު... ހުންއައިސްފަ ހުރެގެން އެދިޔައީ އަހަރެން ކައިރީ ބަލިވިކަން ބުނެވެސް ނުލާ. ކޮޓަރިން ނުކުތީ ވެސް އޮފީހަށް ދާންވެގެން. މަންމައަށް އެއްޗެއް ބުނާނޭ ވަގުތެއް ވެސް ނުދިން." އާމާލް މަޑުމަޑުން ވާހަކަދެއްކިއެވެ.

"ރިކް... ދަރިފުޅު ހެދުން ބަދަލުކޮށްލަން ދާންވީނު." ޝަބްނަމް ބުންޏެވެ.

"މާޔާ ހޭލީމަ ދާނީ." އައިރިކް ބުނެލިއެވެ.

އާމާލްއާއި އޭނާގެއާއެކު ތިބި މައިރާއާއި މަލަކް ވެސް އެ އަޑަށް ބަލާލިއެވެ. އެއީ ކާކުތޯ އާމާލް ސުވާލުކުރީ ދެނެވެ. މާޔަލް މަސައްކަތް ކުރާތަނުގެ ވެރިޔާކަން މައިރާ ބުންޏެވެ. މާޔަލް ހޮސްޕިޓަލަށް ގެނައީ އައިރިކް ކަމެވެ. އެކަމުގެ ހެކި އޭނާގެ ގަމީހުން ފެންނަން ހުރިކަން އާމާލްއަށް ވެސް ފެނެއެވެ.

"މަންމަމެން ދާންވީނު، ދޮންބެވެސް ދޭ... އަހަރެން މަޑުކުރާނަން." އައިތަން އައިސް އައިރިކްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ.

"އަހަރެން ނުދާނަން. މާޔާއަށް ވާގޮތެއް ނޭނގެނީސް ނުދާނަން." އައިރިކް ހިތްހަމަނުޖެހުނެވެ. އެހިނދު އިސާކު ގޮވާލިއެވެ.

"ގޮސްފަ އަންނާނީ. ތިހުރީ ހުރިގޮތް... ހެދުން ބަދަލުކޮށްގެން މާޔާގެ ހާލު ބަލަން އަންނާނީ. އެގޮތް އެންމެ ރަނގަޅެއްނު." އިސާކު ބުންޏެވެ. ވިސްނަން ހުރެފައި އައިރިކް ބޯޖަހާލިއެވެ.

މަންމައާއި ބައްޕައާއެކު ދާން އައިރިކް ހިނގައިގަތުމުގެ ކުރީން އާމާލްގެ ގާތަށް އޭނާ އައެވެ. އާމާލް ކައިރީ މަޢާފުކޮށްދިނުމަށް އައިރިކް އެދުނެވެ. އޭނާ ދުވަހަކުވެސް މާޔަލްއަށް ދެރަގޮތެއްވާން ނޭދޭކަން ބުންޏެވެ. އައިރިކްގެ ވާހަކަ ހުރިގޮތުން ހައިރާންވީ ނަމަވެސް މާޔަލްއަށް ދިމާވި ކަންތަކުގައި އައިރިކްގެ ކުށެއްނެތްކަން އާމާލް ބުންޏެވެ. އައިރިކް އެނބުރި އަންނާނަންކަން ބުނުމަށްފަހު އޭނާ ހިނގައިގަތީ ޝަބްނަމްއާއި އިސާކުގެ ކައިރިއަށެވެ.

"އިވާން... މިކޮޅަށް..." މަލަކް ފޯނު ނަގައި ކަންފަތުގައި ޖަހައިލުމާއެކު ބުންޏެވެ. އަދި އޭނާ އަތް ހޫރާލީ އިވާންގެ ސަމާލުކަން ހޯދުމަށެވެ.

"އިވާން..." ކަންފަތަށް އިވުނު ނަމާއެކު އައިރިކްއަށް އެ ނަން ކިޔާލެވިއްޖެއެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. ހުއްޓުމާއެކު ވަގުތުން ފަސްއެނބުރި މާޔަލްގެ ޢާއިލާއާ ދިމާއަށް އޭނާ ބަލާލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. އެ ޢާއިލާގެ ކައިރިއަށް އަންނަނީ ކާކުތޯ ބެލުމަށެވެ. އެހިނދު އިސްކޮޅުން ދިގު ޒުވާނަކު އައިރިކްގެ ގާތުން އަޅާފައި އައިސް އެ ޢާއިލާގެ ކައިރީ މަޑުކޮށްލައިފިއެވެ.
(ނުނިމޭ)