ޕީއެސްއައިޕީ

މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަދަދުތަކުން

ސަރުކާރުން ކުރިއަށް ގެންދާ އަދި ނިމިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލްތައް އަދަދުތަކުން ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

އެގޮތުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަދަދުތައް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ހިއްސާކުރައްވާފަ އެވެ.

މިއުވާން ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ ނިޒާމުގެ 11 މަޝްރޫއެއް މިހާރު ވަނީ ނިމިފަ އެވެ. ފެނާއި ނަރުދަމާގެ 118 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދެ އެވެ.

ބައެއް ސިޔާސީ ބޭފުޅުން އެކި ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަމުން ކުރީގެ ސަރުކާރުތަކުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދީފައިވާ ކަމަށް ބުނި ނަމަވެސް އެއީ އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާލި އަދަދަށް 118 ރަށުގައި މިހާރު މަސައްކަތް ކުރިއަށް ނުދާނެ ނޫންތޯ ކުރީގައި މި މަސައްކަތް ކުރެވި ރައްޔިތުންނަށް އަސާސީ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތްތައް ފޯރުކޮށްދެވިފައިވާނަމަ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ ތެރެއިން ކޮންޓްރެކްޓް ހަވާލުކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައި 12 މަޝްރޫއު މިހާރު އެބަ އޮތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މި ދައުރު ނިމެންވާއިރަށް، ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުގެ އަސާސީ ހިދުމަތް ހުރިހާ ރަށަކަށް ވެސް ލިބޭނެ ކަން ޔަގީންކުރެއްވުން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ބަނދަރާއި ޖެޓީ ތަރައްގީކުރުމުގެ 44 މަޝްރޫއު ނިމިފައިވާއިރު 37 ރަށެއްގެ މަޝްރޫއު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ކޮންޓްރެކްޓްކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައި 11 ރަށެއް އެބަ އޮތް ކަމަށާއި އެހެނިހެން މަރުހަލާތަކުގައިވެސް ރަށްރަށް އެބަހުރި ކަމަށް ވިދާޅުވި އެވެ.

މަގު ހެދުމުގެ ފަސް މަޝްރޫއެއް ނިމިފައިވާއިރު 21 ރަށެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ތިން މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 12 މަޝްރޫއެއް ނިމި 12 މަޝްރޫއެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. 14 ރަށެއްގެ މަޝްރޫއު ކޮންޓްރެކްޓްކުރެވިފައިވާއިރު ޓެންޑަރިންގައި 11 ރަށެއް އަދި އެހެނިހެން މަރުހަލާތަކުގައި 25 ރަށެއް އެބައޮތް ކަންވެސް ފާހަގަކުރެއްވި އެވެ.

މިއުވާން ވިދާޅުވީ ބޯހިޔާވަހިކަމުގެ ފަސް މަޝްރޫއެއް ނިމިފައިވާއިރު ހަތް މަޝްރޫއު ކުރިއަށްދާ ކަމަަށާއި 8 މަޝްރޫއެއް ކޮންޓްރެކްޓް ކުރެވި ޓެންޑަރިން މަރުހަލާގައި ފަސް މަޝްރޫއެއް އޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަހަރަށް ބަލާއިރު ގާތްގަނޑަކަށް 16 ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި އެކި މަރުހަލާތުގައި ކުރިއަށްދާނެ" މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޖީނުގެ އިމާރާތް ކުރުމުގެ 34 މަޝްރޫއެއް މިހާރު ވަނީ ނިމިފަ އެވެ. 42 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު 53 މަޝްރޫއު ކޮންޓްރެކްޓްކުރެވި އެހެނިހެން މަރުހަލާތަކުގައި 21 މަޝްރޫއު އެބައޮތް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ މައިގަނޑު 28 މަޝްރޫއު ނިމިފައިވާ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.