މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިންޖީނޭރުންގެ ގޮތުގައި 30 އޮފިސަރުން ތަމްރީނުކުރަނީ

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކެޕްޓަނުންނާއި އިންޖިނޭރުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން 30 އޮފިސަރުން ތަމްރީނު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނައްލަގުވާމީ ކަނޑުދަތުރުފަތުރުގެ ދުވަހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސިނާއަތައް ކުރިއަރުވައި ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ގެނައުމަށްޓަކައި ރައީސް އިބްރާހިމް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކެޕްޓަނުންނާއި އިންޖިނޭރުން ތަމްރީނު ކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 30 އޮފިސަރުން ތަމްރީނު ކުރުމަކީ އަމާޒެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 2020 ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި އުފައްދާފައިވާ ގައުމީ ޝިޕިން ލައިންގެ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާކޮށް ޝިޕިންލައިން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޝިޕިންލައިންގެ ތެރެއިން ދިވެހިންނަށް އިތުރު ވަޒީފާތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކުރުމަށްްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ އެހީތެރިކަމާ އެކު ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރުމަތިވެދާނެ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވެ ތިބެން ޖެހޭ ކަމަށާއި މިފަދަ ގެއްލުންތައް ކުޑަކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ އާދަ އިތުރުކުރަންޖެހޭ ކަމަށެވެެ.