ޕީއެސްއައިޕީ

ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ މަސައްކަތް ނިންމާލެވިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މަޝްރޫއުގެ ދަށުން 381 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ 13.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ 12 މަޝްރޫއެއް ވަނީ މިސަރުކާރުގައި ނިންމާފަ އެވެ.

އިތުރު 12 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި 14 މަޝްރޫއު ކޮންޓްރެކްޓް ކުރެވިފައިވާއިރު ޓެންޑަރިިންގައި 11 ރަށެއް އަދި އެހެނިހެން މަރުހަލާތަކުގައި 25 ރަށެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ބަޖެޓުން ވަނީ 231 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.