ދުނިޔެ

ލުބްނާނަށް ރައީސަކު އައްޔަންކުރެވޭ ގޮތެއް ނުވި

ލުބްނާނަށް ރައީސަކު ހޮވުމަށް ގާނޫނު ހަދާ މަޖިލީހުގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުން ކޮޅެއްގައި ނުޖެހުމުގެ ސަބަބުން ނިންމާލަން ޖެހިއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރެވުނީ މީޝާލް މުއައްވަޒު ރައީސް ކަމަށް ހޮވުމަށެވެ. އެހެން ނަމަވެސް، އޭނާއަށް އެކަށީގެންވާ ވަރަށް ވޯޓެއް -- ތާއީދެއް ނުލިބުނެވެ. އެހެންކަމުން ދެން އޮތް ގޮތަކީ ބަހުސްގެ ދެވަނަ ބުރަކަށް ތާރީޚު ކަނޑައެޅުމެވެ.

ލުބްނާންގައި ގާނޫން ހަދާފައި އޮންނަ ގޮތުން ރައީސަކަށް އޮންނަނީ ހަ އަހަރުގެ އެއްދައުރެވެ. އެ ގައުމުގައި މިހާރު ހުންނެވި ރައީސް، މީޝާލް އޫން، ރައީސް ކަމުގެ މުއްދަު އޮކްޓޯބަރު 31 އަށް ހަމަވާނެ އެވެ.

ރައީސަކު ހޮވަން ފުރަތަމަ ބުރުގައި ވޯޓު ނަގާއިރު މަޖިލީހުގައި ހިމެނޭ 128 މެމްބަރުންގެ ތެރެއިން ތިންބައި ކޮށްފައި ދެބައި ހަމަވާ އަދަދަށް މެމްބަރުން ތިބެން ޖެހެ އެވެ.

އެއަށް ފަހު ރައީސް ކަމަށް ނަން އޮންނަ ބޭފުޅަކަށް އެއްބުރުން އަޣުލަބިއްޔަތު ލިބުމުން ފުދުނީ އެވެ. އެ ނޫން ގޮތެއް ދެން އޮންނަނީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމެވެ. ނަން އަނބުރާ ގެންގޮސް އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަކީ ވެސް ހިނގައިދާ މަރުހަލާ އެކެވެ.

ލުބްނާނަށް ރައީސަކު ހޮވުން ތާށިވެ ލަސްވާ ގޮތް ވެއްޖެ ނަމަ ސަރުކާރު ހުއްޓުމަކަށް އަންނާނެ އެވެ. މިގޮތަށް ކަންތައް ދިމާވެއްޖެ ނަމަ މިހާރު ވެސް މަޑުޖެހިފައި އޮތް އިގުތިސޯދު ހުއްޓި ގައުމަށް ބޭނުންވާ އަސާސީ ބާވަތްތައް އެތެރެކުރުމަށް ހުރަސްއެޅޭނެ އެވެ.

އިގުތިސޯދީ ގޮތުން ލުބްނާންގެ ހާލަތު 2019 އިން ފެށިގެން އަންނަނީ ދަށްވަމުންނެވެ. ސަރުކާރާ ހަވާލުވާނެ ބޮޑުވަޒީރަކު ނެތި ގިނަ ދުވަސްވުމުގެ ސަބަބުން ދުނިޔޭގެ މާލީ އިދާރާތަކުން ލިބެން ޖެހޭ އެހީތައް ވެސް މިއަހަރުގެ މެއި މަހާ ހަމައަށް ހުރީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

ލުބްނާންގައި މިހާރު ހުންނެވި ބޮޑުވަޒީރު ނަޖީބު މިގާތީގެ ޒައާމަތުގައި ގައުމު ހިންގައި ގަނެވޭވަރު އަދި ވެސް ނުވެ އެވެ. ކަން މިހެން އޮއްވައި ރައީސްގެ މަގާމު ހުސްކޮށް އޮންނަން ވެއްޖެ ނަމަ ލުބްނާނުން ދަތި އުނދަގޫ ދުވަސްތަކެެއް އަނެއްކާ ވެސް ތަޖުރިބާކުރާނެ އެވެ.

އަނެއްކޮޅުން ލުބްނާން ސަރުކާރުގެ މައްޗަށް ހިޒްބުﷲ ޖަމާއަތުން ބާރުގަދަކޮށް ބަސްބުނަމުން ގެންދާ މައްސަލާގައި އަރަބި އެކުވެރި ގައުމުތަކުން ވެސް މާބޮޑު އެހީތެރިކަމެއް ލުބްނާނަކަށް ނުލިބެ އެވެ.

ގަލްފު ގައުމުތަކުން ބުނާ ގޮތުން ލުބްނާނަށް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ހިޒްބުﷲއާ ނުލައި ގައުމު ހިންގަން ފެށުމުންނެވެ. އެ ނޫން ގޮތެއްގައި އެހީތެރިކަން އޮންނާނީ ދަރަޖަ ކުރެވިފަ އެވެ.

ލުބްނާންގެ ރައީސަކަށް ހޮވަން ޖެހެނީ ކްރިސްޓިއަނެކެވެ. ބޮޑުވަޒީރަކު ވާން ޖެހެނީ ސުންނީ މުސްލިމަކަށެވެ.

ރައީސްގެ މަގާމުގައި މިހާރު ހުންނެވި މީޝާލް އޫން އަކީ ހިޒްބުﷲއާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. އީރާންގެ ތާއީދާ އެކު އޭނާ ވެރިކަމަށް ހޮވުނީ 2106 ވަނަ އަހަރު -- ދެބުރަށް ބޯޓުލައިގެންނެވެ.