ރޭ ބޭއްވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޗެއާމަންކަމުގެ މަގާމަށް ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް އަހުމަދު ސާޖިދު އިންތިހާބުކޮށްފި އެވެ.
މާފަންނު ޔޫތު ސެންޓަރުގެ ސެމިނާ ރޫމްގައި ރޭ އޮތް އިންތިހާބުގައި މާޒިޔާގެ ހުރިހާ މަގާމުތަކަށް ވެސް މެމްބަރުން ހޮވީ ވޯޓަކާ ނުލަ އެވެ. އެއީ ހިންގާ ބޯޑުގެ އެއްވެސް މަގާމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ކުރިމަތިނުލާތީ އެވެ.
ކްލަބުގެ ސްޕޯޓްސް ވައިސް ޗެއާމަނަކަށް އަބްދުﷲ މޫސަ ހޮވުނުއިރު އެޑްމިނިސްޓްރޭޓިވް ވައިސް ޗެއާމަނަށް ހޮވުނީ އިބްރާހީމް ވަހީދު އެވެ. ފައިނޭންސްގެ ވައިސް ޗެއާމަންކަމުގެ މަގާމް މުހައްމަދު ނައީމް އަށް ލިބުނުއިރު ސޯޝަލް ބައިގެ ވައިސް ޗެއާމަންކަމުގެ މަގާމަށް ހަމަޖެއްސީ އަބްދުލް މުހައިމިން އެވެ. ޖެނެރަލް ސެކްރެޓަރީއަކަށް އަބްދުލް ވައްހާބް ހަމަޖެއްސިއިރު ކްލަބުގެ ހަޒާންދާރަކީ ފާތިމަތު ޝާއިރާ އެވެ.
މާޒިޔާގެ ބޯޑު މެމްބަރުންނަކީ އަހުމަދު ޝިފާޒް، ހަސަން ޝާފިއު، ހަސަން ޝިފާން، އިބްރާހީމް ޝާފިއު އަދި އަލީ ޝާހިދު އެވެ. ސްޕޯޓްސް މެނޭޖަރަކީ މުހައްމަދު ސުވެއިދު (ސްވޭޓޯ) އެވެ.
ކްލަބުގެ ލައިޒަން އޮފިސަރަކަށް އަކްރަމް ރަމްޒީ ހަމަޖެއްސިއިރު އޯގަނައިޒިން ކޮމިޓީގެ ސެކްރެޓަރީއަކަށް އަހުމަދު ސުޒައިދު (ކޮއްކޮ) އަދި އެސެސްޓެންޓް އޯގަނައިޒިން ސެކްރެޓަރީ އަކަށް މުހައްމަދު ޝިފާޒް ވަނީ ހަމަޖައްސައިފަ އެވެ.
ސާޖިދު ވަނީ މީގެ ކުރިން 20 އަހަރު ދުވަހު މާޒިޔާގެ ޗެއާމަންކަމުގެ ދައުރު ފުރިހަމަކުރައްވާފަ އެވެ. ސާޖިދުގެ ޗެއާމަންކަމުގައި މާޒިޔާ ވެފައިވަނީ ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބަށެވެ. 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ އަހަރުން އަހަރުން ކުރިއެރުން ހޯދައި މިހާރު އެޓީމަކީ ރާއްޖޭގެ ޗެމްޕިއަނުންނެވެ.
މިދިޔަ ތިން ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އޭއެފްސީ ކަޕްގައި ވެސް އެޓީމު އަންނަނީ ރާއްޖެ ތަމްސީލު ކުރަމުންނެވެ. 2016 ވަނަ އަހަރު ރާއްޖޭގެ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި އެޓީމު މިހާރު ވަނީ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2012، 2014، 2022 ވަނަ އަހަރުގެ އެފްއޭ ކަޕް އެޓީމުން ކާމިޔާބުކޮށްފައިވެ އެވެ.
ފުޓްބޯޅައިގެ އިތުރުން މާޒިޔާ އިން އަންނަނީ އެހެން ކުޅިވަރުތަކުގައި ވެސް ވާދަކުރަމުންނެވެ. އެ ކްލަބުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ސާޖިދުއާ އެކު އޮތް މާޒިޔާގެ ހަރުދަނާ މެނޭޖްމަންޓެވެ.