ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ކަނޑައިގެން ދިޔަ ފަސް ކަނދުފަތި ހަރުކޮށްފި

ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ފަސް ކަނދުފަތި ގާއިމުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ގާއިމުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިދަތުރުގައި މ. އަތޮޅާއި، ތ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅު އަދި ޏ އަތޮޅުން ކަނޑައިގެން ގޮސްފައިވާ ފަސް ކަނދުފަތި ވަނީ ގާއިމުކޮށްފަ އެވެ. މިއީ މިއަހަރުގެ ހަވަނަ ދަތުރު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މ. އަތޮޅު ކަނދުފަތި ހަރުކޮށްފައިވަނީ ދިއްތުނޑީގެ އިރުދެކުނުން 16 މޭލު ބޭރުގަ އެވެ. ތ. ހިރިލަންދޫގެ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި ކަނދުފަތި ހަރުކޮށްފައިވާއިރު ގއ. މާމުޓާގެ އިރުން 12 މޭލު ބޭރުގައިވެސް ކަނދުފަތި ވަނީ ހަރުކޮށްފަ އެވެ.

ގދ. ފިޔޯރީގެ ދެކުނުން 12.5 މޭލު ބޭރުގައި އަދި ޏ. ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި ވަނީ ކަނދުފަތި ހަރުކޮށްފައެވެ.

އޮއިވާލި ކަނދުފަތިތަކަށް ގެއްލުން ވާފަދަ އަމަލެއް ނުހިންގުމަށާއި، އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަހައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވ. ކެޔޮދޫ، އދ. މާމިގިލި، ތ. ކިނބިދޫގެ އިތުރުން ގދ. ތިނަދޫ ކައިރީގައި ކަނދުފަތި އަޅާފައެވެ.