ބޮލީވުޑް

ރިޗާ އާއި އަލީގެ ކައިވެނީގެ ރަސްމިއްޔާތު ފަށައިފި

"ފުކްރޭ"ގައި ލީޑް ރޯލު ކުޅުނު ދެ ތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެނީގެ ރަސްމިއްޔާތުތައް ނިއު ދިއްލީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

އެގޮތުން ބުރާސްފަތި ދުވަހު ސަންގީތު (ލަވަޔާއި ނެށުމުގެ ހަފުލާ) ކުރިއަށް ގެންގޮސްފައިވާއިރު މެހެދީ (ހީނާފަތްއެޅުމުގެ ރަސްމިއްޔާތު) ވެސް ވަނީ ފުރިހަމަ ކޮށްފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މުމްބައިގައި މި ދެ އެކްޓަރުންގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ކައިވެނީގެ ކުރިން އަލީ ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ އޭނާ އާއި ރިޗާގެ ގުޅުމަށް ރަސްމީ ސިފައެއް ގެންނަން މީގެ ދެ އަހަރު ކުރިން މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ކާމިޔާބުވާ ގޮތް މިވީ އަދި ކިރިޔާ ކަމަށެވެ.

އެމީހުންގެ ކައިވެނި އޭރު ނުކުރެވުނީ ޕެންޑެމިކްގެ ސަބަބުން ކަމަށް ވެސް އަލީ ބުނެފައި ވެއެވެ. އޭގެ ފަހުން އާއިލާގެ ގާތް މީހަކު މަރުވުމުން އަނެއްކާވެސް ކައިވެނީގެ ކަންކަން ފަސްކުރަން ޖެހުނީ އެވެ.

އަލީ އާއި ރިޗާ ކައިވެނި ކުރަން ފުރަތަމަ ހަމަޖެއްސީ އޭޕްރީލް 2020ގެ ދުވަހެކެވެ. ނަމަވެސް ކޮވިޑް ލޮކްޑައުން އާއި އާއިލީ މައްސަލަ ތަކެއްގެ ސަބަބުން ދެ ފަހަރެއްގެ މަތިން ކައިވެނި ފަސްކުރަން މަޖުބޫރުވީ އެވެ.

އަލީ އާއި ރިޗާ ބައްދަލުވީ 2012 ގައެވެ. އެއީ އެކުގައި ކުޅުނު "ފުކްރޭ"ގެ ޝޫޓިން ފެށުމާއެކު އެ ފިލްމުގެ ސެޓުންނެވެ. ފުރަތަމަ ބައްދަލުވުމާއެކު ވެސް ދެ މީހުން އެކަކު އަނެކަކާ ވަރަށް ގަޔާވާކަމުގެ އިހްސާސް އެ ދެ މީހުންނަށް ކުރެވުނެވެ.