ގަލޮޅު ދޫހިމެރި ގޯޅީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ލ. ގަމަށް ނިސްބަތްވާ 23 އަހަރުގެ ހައްވާ ޒުހާގެ ޕޯސްމޮޓަމް ހަދައި ނިމިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ޕޯސްމޮޓެމް ހަދައި ނިމިފައިވާތީ ހަށިގަނޑު ވީ އެންމެ އަވަހަކަށް މާލެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހަފިތާގެ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު މާލޭގެ މަގެއްގެ މަތިން ޒިހާ މަރުވެފައި އޮއްވާ ފެނުމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ހައްވާ ޒުހާ މަރާލުމަށް ފަހު ބަޔަކު އޭނާ އެ ގޯޅިތެރެއަށް އެއްލައިލި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ އަންނަނީ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ހައްވާ ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ވެސް ކޮށްފަ އެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފަ އެވެ. އޭގެ ތެރެއިނ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.