ހައްވާ ޒުހާ

ޒުހާގެ މަރު: ގުޅުން ހިންގުމަށްފަހު ތާހިރުވާން ގެންގުޅުނު ފޮތިގަނޑު ހެއްކަކަށް!

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ ސުމޮން މިއާ އާ ދެކޮޅަށް ހެކިބަސް ނަގައިފި އެވެ. މިއަދު ހެކި ނަގާފައިވާއިރު އިތުރު ހެކިންނާއި ގަރީނާ ހުށަހަޅާފައިވެސްވެ އެވެ.

ޒުހާ މަރާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން ފުލުހެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއީ ސީރިއަސް އެންޑް އޮގަނައިޒް ކްރިމް ޑިޕާޓްމެންޓްގެ ސީރިއަސް ބައިގެ ހެޑް އުސްވަތު އަހުމަދާއި ސްޓާފް ސާޖެންޓް މުހައްމަދު ޝަރުމީލް އަދި އަހުމަދު އަބޫބަކުރެވެ.

ހެކި ބަސް ދެއްވަމުން އުސްވަތު ވިދާޅުވީ، ސުމޮން އުޅުނީ ގަވައިދާ ހިލާފަށް ކަމަށާއި، ނަމެއް ކަމަށް ބުނެގެން އުޅެނީ މަންނާނު ކަމަށެވެ.

ޒުހާގެ ތަހުގީގުގެ ހުލާސާ:

އުސްވަތު މިއަދު ވަނީ ޒުހާ މަރާލި މައްސަލާގައި ތަހުގީގުކުރިއަށް ދިޔަ ގޮތާއި ސުމޮން ހައްޔަރުކުރެވުނު ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ.

ޒުހާ މަރާލާފައި އޮތްވާ ފެނުމުން އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިބެލުމުން ޒުހާ ބާއްވާފައި އޮތް ސަރަހައްދާ ހަތަރު ފޫޓެއްހާ ދުރުގައި ކަޅު ދަބަހަކާއި އަންހެނެއްގެ ފައިވާން ހުއްޓެވެ. އެ އަތް ދަބަސް ތެރެއިން ޒުހާގެ އައިޑީކާޑާއި އައިޖީއެމްއެޗަށް ދައްކާފައިހުރި ލިޔުންތަކެއް ހުއްޓެވެ. ޒުހާ މަރުވެފައިވާކަން ކަށަވަރުކުރީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނެވެ. ޒުހާގެ ހަށިގަނޑު ބެލިބެލުމުން ކަރުގެ ދެ ފަރާތުގައި ނިޔަފަތިން ވަކި އަޅާފައި ހުއްޓެވެ. އަދި ވާއަތް ރަތްވެފައި ހުއްޓެވެ. ޒުހާގެ ގައިގާ ހިރަފުސް ހުރީ ވާތު ފައިގަ އެކަންޏެވެ. މިކަމުން އޭނާ އެތަނަށް ގެނެސްފައިވަނީ އުފުލާލައިގެންކަން އެނގެ އެވެ.

ޒުހާ ދިރިއުޅުނު ގ. ޑްރޫމްއިން މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ޒުހާގެ މަރާ އެމީހުންނާ ގުޅުމެއް ނެތުމުން ވަނީ ދޫކޮށްލާފަ އެވެ. ޒުހާގެ ފޯންގެ ކޯލް ޑީޓެއިލްސް ފުލުހުންނަށް ލިބިފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. ޒުހާ މަރާލި ދުވަހު އެ ފޯނަށް އެންމެ ގިނައިން ގުޅާފައިވަނީ އުރީދޫ ނަންބަރަކުންނެވެ. ބެލިބެލުމުން އެނގުނީ އެއީ ލާލްކުރި ފާތިމަތު ޒުނޭރާގެ ނަންބަރެއް ކަމަށެވެ. ޒުނާރާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުން އެ ނަންބަރަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކަށް ނަގައިދިން ނަންބަރެއް ކަމަށް ބުންޏެވެ. އެ ދެމީހުން ކައިވެނިކުރަން އުޅުނު ކަމަށާއި މިހާރު ގުޅުމެއް ނެތް ކަމަށް ބުންޏެވެ.

މަންނާނު ނަމަކަށްކިޔާ މި މީހާއާ އިންނަން ޒުނޭރާ ތައްޔާރުވެފައިވާއިރު ކައިވެނިކުރުމަށް ނަގާފައިވާ މަންނާނުގެ ޕާސްޕޯޓް ފޮޓޯ ވަނީ ފުލުހުންނަށް ދައްކާފަ އެވެ. މަންނާނުގެ ނަމުގައި ރާއްޖެ އެތެރެވެފައިވާ ހުރިހާ ބަންގްލަދޭޝްގެ މީހުންގެ ފޮޓޯ ބެލިއިރު ވެސް އެމީހާގެ ފޮޓޯއާ ދިމަލެއް ނުވި އެވެ. އޭގެފަހުން ޒުނޭރާ ވަނީ މަންނާނުއަށް އަސްލަށް ކިޔަނީ ސުމޮން ކަމަށް ބުނެފަ އެވެ.

އޭރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖްތައް ބަލާފަ އެވެ. ވީޑިއޯތަކުން ލާލް ގޭތެރެއިން ސިއްރުސިއްރުން ފިރިހެނަކު ނިކުމެގެންދާތަން ފެނެ އެވެ.

ސުމޮން ހޯދުމަށް ކުރި މަސައްކަތުގައި އޭނާ ދިރިއުޅޭ ކަމަށް ބުނާ މއ. ކާމިޔާބު ގޭގެއަށް ފުލުހުން ދިޔަ އެވެ. އެ ގޭގައި ދިރިއުޅޭ މީހުން މަންނާނު އެގޭގައި ދިރިއުޅޭ ކަމަށް އިންކާރުކުރި އެވެ. އޭގެ އަނެއް ދުވަހަށް ފުލުހުންނަށް ވަނީ އިތުބާރު ހުރި ގޮތެއްގައި އެ ގޭގައި ސުމޮން އުޅޭކަން އެނގިފަ އެވެ. އަލުން ފުލުހުން އެ ގެއަށް ގޮސް ސުވާލުކުރުމުން އެނގުނީ ސުމޮން އުޅެމުންދަނީ ބުރެވި މަގުގައި ހުންނަ ރިސްތާ ކޮމްޕެނީ އޮފީހުގައި ކަމަށެވެ. އެތަނަށް ދިޔުމުން އެތާގެ ގުދަނުގައި އޭނާ އުޅޭކަން އެނގުނެވެ. އެ ގުނދަން ހުންނަނީ ދޫތުނޑިގޭގަ އެވެ. އެތަނަށް ފުލުހުން ވަންތަނުން މީހަކު ފިލަން ދުއްވައިގަތެވެ. ސުމޮން އަތުލައިގެންފައިވަނީ އެތާ ހުރި އަށްޓެއް ދަށުންނެވެ.

އޭނާއާ ސުވާލުކުރުމުން އޭނާ ވަނީ އަސްލު ނަމަކީ ސުމޮން ކަމަށާއި މަންނާނު ކިޔައިގެން އުޅެނީ ކަމަށް ބުނެފަ އެވެ. އެރޭ އޭނާ ހައްޔަރުކުރީ ގަވައިދާ ހިލާފަށް އުޅޭތީ އެވެ. އޭރު އޭނާ ހުރީ ވެސް ސިފަ އޮޅުވާލަން ތުނބުޅި މަތިމަސް ބާލައިގެންނެވެ. ޒުހާގެ މައްސަލާގައި އޭނާއަށް ސުވާލު ނުކުރަނީސް ބައެއް ވާހަކަތައް އޭނާ ކިޔައިދީފަ އެވެ. ޒުހާގެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ސުމޮން ތަހުގީގަށް ކިޔައިދީފައިވާ ގޮތުގައި ޒުހާއާއެކު ޖިންސީ ގުޅުން ހިންގާފައިވަނީ ޒުނޭރާ ދިރިއުޅޭ ލާލުކުރިގޭ ކޮޓަރި ބޭރުގައި ހުރި ސިޓިންރޫމްގެ ބިންމަތީގަ އެވެ. ފަސްސަތޭކަ ރުފިޔާއަށް ޖިންސީ ގުޅުން ހިންގުމަށް އެއްބަސްވެ، ޖިންސީ ގުޅުން ހިންގުމަށްފަހު ސުމޮން ބުނިގޮތުގައި ޒުހާ އިތުރަށް ފައިސާ ބޭނުންވި ކަމަށެވެ. ޒުހާގެ ކަރުގައި ސުމޮން ހިފީ، އޭނާގެ ފައިސާތައް އަތުލައި މުށު ތެރެއަށްލުމުންނެވެ. ކަރުގައި ހިފައިގެން ހުއްޓާ ޒުހާ އަޑުތަކެއް ލެއްވުމަށްފަހު ހަބަރު ހުސްވެގެން ވެއްޓުނީ ކަމަށް ތަހުގީގަށް ސުމޮން ކިޔައިދީފައިވެ އެވެ. އެ ސިޓިންރޫމް ތެރެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެތަނުގައި ހުރި ހުރިހާ ފޮއްޗެއް ފުލުހުން ތަހުގީގަށް ގެންގޮސް ތަހުލީލުކޮށްފައިވެ އެވެ. އެއީ އެތަނުގައި ޖިންސީ ގުޅުން ހިންގުމަށްފަހު ތާހިރުވާން ގެންގުޅުނު ފޮތިގަނޑު އޮންނާނެ ކަމަށް ބުނުމުންނެވެ.

ގަރީނާތަކެއް ހުށަހެޅި

ތިން ހެކިގެން ހެކިބަހަށް ބަލާފައި ދައުލަތުން ވަނީ އިތުރު ގަރީނާ އާއި ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ސިޓިންރޫމް ތެރެއިން ފެނުނު ފޮތިގަނޑުން ސުމޮން އަދި ޒުހާގެ ޑީއެންއޭ ފެނިފައިވާތީ އެ ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ އޮފިސަރު ވަނީ ހުށަހަޅާފަ އެވެ. އަދި ޒުހާގެ ފޯން ކޯލް ޑީޓެއިލްސް، ސީންގައި ނަގާފައިވާ ފޮޓޯތައް ވެސް ވަނީ ގަރީނާގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ސީސީޓީވީ ފްޓޭޖްތަކާއި އެ އޭގެ އެނާލިސިސް ރިޕޯޓްތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ތައްޔާރުކުރި ޕޮލިސް އޮފިިސަރު ވެސް ހެކީންގެ ވަނީ ހުށަހަޅާފަ އެވެ. ދެން ހުށަހަޅާފައިވަނީ ސީން ދައްކުވައިދޭ ގޮތަށް ފުލުހުން ތައްޔާރުކޮށްފައިވާ ފޮޓޯތަކެވެ. އެ ފޮޓޯތައް ތައްޔާރުކުރި ޕޮލިސް އޮފިސަރު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި މި ތިން ފުލުހުންގެ ހެކި ބަސް ނަގާނެ އެވެ. އަދި ޒުހާ މަރާލި ސުމޮން މައްޗަށް ސާބިތުވާނަމަ ވާރިސުންގެ ބަޔާން ވެސް ނަގާނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ސުމޮން ބުނީ އޭނާ ޒުހާ މަރާނުލާ ކަމަށެވެ. ނަމަވެސް ދެން ހިންގި ކަންތައްތަކަށް އޭނާ އިންކާރެއް ނުކުރެ އެވެ. މިއަދުގެ އަޑުއެހުމުގައި ސުމޮން ބުނީ އޭނާގެ އަންހެނުންނާއި ދެ ދަރިން ގައުމުގައި ތިބީ ނުކައި ކަމަށާއި، ގިނަ ދުވަސްތަކެއްވެއްޖެނަމަ އެމީހުން މަރުވާނެ ކަމަށެވެ.