ހަބަރު

ޒުހާ މަރާލީ ޖިންސީ ގުޅުން ހިންގުމަށްފަހު ހިނގި ހަމަނުޖެހުމެއްގައި: ފުލުހުން

ހ. ދޫހިމެރި ގޯޅިގަނޑު ތެރޭގައި މިދިޔަ މަހުގެ ހަވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ލ. ގަން، ބާބުލްއަވާލި، ހައްވާ ޒުހާ މަރާލި ޖިންސީ ގުޅުން ހިންގުމަށްފަހު ހިނގި ހަމަނުޖެހުމެއްގައި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ޒުހާ މަރާލާފައިވަނީ ގަސްދުގައި ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

ޒުހާގެ މަރުގެ މައްސަލާގައި 50 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި ދިރިހެނެއް ހައްޔަރުކުރި އެވެ، މި ދެމީހުން ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ޒުހާގެ މަރާ ގުޅިގެން ގެއެއް ބަލާ ފާސްކޮށް، އެގޭގައި ދިރިއުޅެއް ބައެއް ހައްޔަރުކުރި ކަމަށާއި އެމީހުންގެ ވާހަކަތައް އަޑު އަހާ ބެލި ބެލުމުން އެމީހުން ކިޔައިދިން ވާހަކަތަކާއި ކަން ހިނގާފައިވާ ގޮތާ ފުށުން އެރުންތަކެއް ހުރި ކަމަށެވެ.

"ހައްވާ ޒުހާ މަރާލާފައި އޮތްތަނަށް އޭނާ ގެންދިޔަ ގޮތާއި އެމީހުންގެ ވާހަކަތަކާ ދިމާނުވާތީ ވަރަށް ތަފްސީލުކޮށް އެމީހުންގެ ވާހަކަތައް އަޑުއެހިން، ބެލިބެލުމުން އެމީހުން އެބުނާ ގޮތަށް ހައްވާ ޒުހާ އެގޭގައި މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް ނުބެލެވޭ، ހައްވާ ޒުހާގެ އެދުވަހުގެ މޫވުމެންޓް ވެސް އަޅުގަނޑުމެން ބެލިބެލުމުން ހ. ލާލުގެ ހުންނަ ގޯޅިގަނޑަށް އޭނާ ވަނީ އަމިއްލައަށް ދިރިހުއްޓާކަން އަޅުގަނޑުމެންނަށް އެނގުނު،" ރިޔާޒް ވިދާޅުވި އެވެ.

އެދުވަހުގެ ފަތިހު އެ ގޯޅިގަނޑު ތެރެއިން ފިރިހެނަކު ފިރިހެނަކު ނިކުމެގެން އަންނަތަން ސީސީޓީވީ ފުޓޭޖްތަކުން ފެނުން ކަމަށާއި އެމީހާއަކީ ކާކުތޯ ބަލަން ބެލިބެލުމުން އެއީ އެ ގޯޅިގަނޑު ތެރޭގައި ހުންނަ އެހެން ގެއެއްގައި ދިރިއުޅޭ ބިދޭސީ މީހެއްކަން އެނގުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެމީހާ ހޯދުމަށް ފުލުހުން މަސައްކަތް ފެށުމުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ޒުހާގެ މަރުގެ މައްސަލާގައި ބިދޭސީމީހާއާ ހައްޔަރުކުރީ އޭނާގެ ގޭގެ އެނދު ދަށުގައި އޮތްވާ ކަމަށާއި އެދެމީހުންގެ ދެމެދު އޮތް ގުޅުން ކިޔައިދިން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ބިދޭސީ މީހާ ހައްޔަރުކުރުމަށް ކުރި ތަހުގީގަށް އޭނަ ވަނީ މިކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ކިޔައިދީފަ، އަދި އޭނާއާ ހައްވާ ޒުހާއާ އޮތް ގުޅުމާއި އޭނަ އެތަނަށް ދާން ދިމާވި ސަބަބު ވެސް ވަނީ ކިޔައިދީފަ، އަދި އެ މައުލޫމާތުގެ އަލީގައި އަދި ޒުހާގެ ހަށިގަނޑުން ނެގުނު ސާންޕަލްތަކުގެ އެހީގައި އެނގުނީ އެދެމީހުންގެ ދެމެދު ޖިންސީ ގުޅުން ހިނގުމަށް އުފެދުނު ހަމަނުޖެހުމެއްގެ ތެރޭގައި ޒުހާ މަރުވެގެން ދިޔައީ ކަން، އެ ވާހަކަ އޭނާ ބުނި،" ރިޔާޒް ވިދާޅުވި އެވެ.

"މިއީ ހަމަ ގަސްދު މަރެއް ކަމަށް އަޅުގަނޑުމެން ދެކެން، ބިދޭސީމީހާގެ ޑީންނެއް ހައްވާ ޒުހާގެ ހަށިގަނޑު ތެރެއިން ނެގި ސާންޕަލްތަކުން ވަނީ ފެނިފައި،"

ރިޔާޒް ވިދާޅުވީ، ތަހުގީގަށްފަހު މި މައްސަލާގައި ހައްޔަރުކޮށްފައިވާ ސުމޯން ނަމަކަށްކިޔާ ބަންގްލަދޭޝް މީހާގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.