ހައްވާ ޒުހާ

ޒުހާގެ ކަރުގައި ހިފިން، މަރައެއް ނުލަން: ސުމޮން

  • ގުޅުން ހިންގީ 700ރ. އަށް
  • ވަކީލެއް ބޭނުމެއް ނޫން
  • އަހަރެންގެ ފައިސާ ޒުހާ ފޭރުނު

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ޝަރީއަތް ފަށައިފި އެވެ. މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށެވެ.

މި މައްސަލާގައި ފުރަތަމަ އަޑު އެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. ދައުވާގައި ބުނެފައިވަނީ ހައްވާ ޒުހާގެ ކަރުގައި ސުމޮން ކަނާއަތުން ހިފާ، ޒުހާ މަރާލާފައިވާ ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލަނީ އެނގިހުރެ މީހަކު މަރާލި ކަމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމަށް ސުމޮން ހާޒިރު ކުރިއިރު، ތަރުޖަމާނަކު ވެސް ހާޒިރުކުރި އެވެ. ތަރުޖަމާނުގެ އެހީގައި ސުމޮންއަށް ދައުވާ ސާފުކޮށްދިން އިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ސުމޮން ބުނީ، ޒުހާ މަރުވިކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މައްސަލާގައި ކުރިއަށްދާން ވަކީލަކު ބޭނުންތޯ ސުމޮންއަށް ސުވާލުކުރުމުން އޭނާ ބުނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ. ދައުލަތުގެ ހަރަދުގައި ވެސް ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށް ބުންޏެވެ. ސުމޮން އިތުރަށް ބުނީ، ބޭނުންވަނީ ބަންގްލަދޭޝް އެންބަސީގެ މީހަކާ ބައްދަލުކޮށް ގައުމަށް ދެވޭނެ ގޮތް ހަަދަން ކަމަށެވެ.

ވަކީލަކު ބޭނުން ނެތް ކަމަށް ބުނުމުން ދައުވާއަށް ޖަވާބުދާރީވުމަށް ސުމޮންއަށް ފުރުސަތު ދިނެވެ. އޭނާ ބުނީ އެ ދުވަހު ޒުހާ އޭނާ ކައިރިއަށް ދިޔަ ކަމަށާއި އަދި ޖިންސީ ގުޅުން ހިންގުމަށް އެދުނު ކަމަށެވެ. އަދި 700 ރ. އަށް ގުޅުން ހިންގަން އެއްބަސްވި ކަމަށެވެ. އެ ދެ މީހުން ގުޅުން ހިންގުމަށްފަހު އެއްބަސްވި އަދަދަށް ފައިސާ ދިނުމުން ވެސް އިތުރު ފައިސާއަށް ޒުހާ އެދުނު ކަމަށާއި އޭނާގެ ޓީޝާތުގައި ހިފާ ދަމާ ޒުހާ ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށާއި އޭނާ ރައްކާކޮށްފައިވާ ފައިސާތަކެއް ތަރުފާލު ދަށުން ނަގަން ވެސް ޒުހާ މަސައްކަތްކުރި ކަމަށެވެ.

ސުމޮން ބުނީ، އެ ފައިސާތައް ނަގަން އުޅުމުން ޒުހާގެ ކަރުގައި ހިފި ކަމަށާއި ނަމަވެސް ޒުހާ ގަސްދުގައި މަރާލާފައިނުވާނެ ކަމަށެވެ. އަދި ކަރުގަ ހިފުމުން އޭނާ ވެއްޓުނު ކަމަށާއި ވެއްޓުމުން ކޮޓަރި ތެރެއިން ނެރެގެން ގެންގޮސް ގޯޅިގަނޑު ތެރޭގައި ބޭއްވީ ކަމަށެވެ. ސުމޮން ބުނީ އޭރު ވެސް ޒުހާ ކެއްސާ ކަމަށެވެ. އަދި ޒުހާއަށް ފިޓް ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ހަކުރު ބޯ މީހެއް، އެއްވެސް ރަނގަޅު މީހެއް ނޫން، އަހަރެންނަށް ކޮން ފައިދާއެއް ވަނީ އޭނާ މަރާލައިގެން، އެއްވެސް ފައިދާއެއް ނެތް،" ސުމޮން ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ސުމޮން އިތުރަށް ބުނީ، އޭނާ ހައްޔަރުކުރުމާއެކު ގައުމަށް ފޮނުވަން ރައްކާކުރި 40،000ރ. ރައްޓެއްސަކު ބޭނުން ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން އޭނާގެ އާއިލާ ގައުމުގައި ހާލުގައި ޖެހިފައިވާ ކަމަށެވެ. ސުމޮންގެ އަށް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެއް ހުންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ދައުވާއަށް އިންކާރުކޮށް، ދައުވާއަށް ސުމޮން ޖަވާބުދާރީވުމާ ގުޅިގެން ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. ހެކީގެ ގޮތުގައި ދައުލަތުން ވަނީ ސުމޮން ހައްޔަރު ކުރުމަށް އަދި ޒުހާގެ މައްސަލާގެ ތަހުގީގުގައި ހަރަކާތްތެރިވި ތިން ފުލުހެއްގެ ނަން ހުށަހަޅާފަ އެވެ. އަދި ޒުހާގެ ޕޯސްޓްމޯޓަމް ރިޕޯޓް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެެ.

ޒުހާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ބުނަނީ ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

މި މައްސަލާގެ އަޑުއެހުމެއްގައި ދެން އޮންނާނީ ހެކިންގެ ހެކި ބަސް ނެގުމެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.