ދުނިޔެ

800 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ބޭކާރުވެއްޖެ: ގޭސްޕްރޮމް

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން ލީކުވުމުގެ ސަބަބުން 800 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ބޭކާރުވެއްޖެ ކަމަށް ރަޝިއާގެ ގޭސް ކުންފުނި، ގޭސްޕްރޮމް އިން ބުނެފި އެވެ.

ގޭސްޕްރޮމްގެ ތަރުޖަމާން ސަރުގޭ ކުޕްރިޔަނޯފް އދ. އަށް ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުން ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ލިބުނުގެ ގެއްލުމުގެ ސަބަބުން ކަނޑަށް ލީކުވި ގޭސް 800 މިލިއަން ކިއުބިކް މީޓަރަށް ވުރެ ވެސް އިތުރުވާނެ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި 800 މިލިއަން ކިއުބިކް މީޓަރަކީ ޑެންމާކަށް ތިން މަސްދުވަހަށް ބޭނުންވާ ވަރުގެ އަދަދެއް ކަމަށެވެ.

ގޭސްޕްރޮމް އިން ބުނާ ގޮތުން ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭކަށް ލިބިފައި ހުރި ގެއްލުންތައް އަންދާޒާކުރަށް މަސައްކަތްތައް ވަނީ ފަށާފަ އެވެ. އަދި މަރާމާތުކުރުން އަވަސްކޮށް ލަސްނުކޮށް ހިދުމަތް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

ގޭސްހޮޅިތައް މަރާމާތުކޮށް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަސައްކަތްތައް އަންދަޒާކުރަން ދަތިވަނީ މީގެ ކުރިން އެކަހަލަ މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.

ރަޝިއާއިން ބޯލްޓިކް ކަނޑު އަޑިން ޔޫރަޕަށް ގޭސް ފޮނުވަން ޖަރުމަނަށް އަޅާފައި އޮންނަ ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ގޮތް ނޭނގޭ ބަޔަކު ހަމަލާދީ ވަނީ ގޮއްވާލާފަ އެވެ. މި މައްސަލަ މިހާރު އޮތީ އދ. އަށް ހުށަހަޅާފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ގަބޫލުކުރަނީ ގޭސް ހޮޅިތަކަށް ދިނީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމަށެވެ. އަދި އެއީ ފިނި މޫސުމާ ދިމާކޮށް ޔޫރަޕް ގަނޑުކޮށްލުމުގެ ނިޔަތުގައި ބަޔަކުން ދިން ހަމަލާއެއް ކަމަށެވެ.

ގޭސް ހޮޅިތަކަށް ހަމަލާދިނީ ރަޝިއާއިން ކަމަށް ބައެއް ގައުމުތަކުން ގަބޫލުކުރާއިރު އެއީ އެމެެރިކާއިން ދިން ހަމަލާއެއް ކަމަށްވެސް ބުނެވެ އެވެ.

އެމެރިކާ އަކީ ނޯޑް ސްޓްރީމް ގޭސް ހޮޅިތަކާ ވަރަށް ބޮޑަށް ދެކޮޅުހަދާ ގައުމެކެވެ. ގޭސް ހޮޅިތަކުގެ ޒަމާން ދުއްވާލުމަކި ވިސްނުމެއް ކަމަށް އެމެރިކާގެ ސަރުކާރުން ކިތަންމެ ފަހަރަކު ވަނީ ބުނެފަ އެވެ.