އެމްއޭސީއެލް

އެމްއޭސީއެލްގެ ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

Oct 1, 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުމާލޭގައި ހެދި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފްލެޓް ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ހަދާފައިވާ އެމްއޭސީއެލްގެ ފްލެޓްތައް ހުރި ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

އެމްއޭސީއެލް އިން ހަދާފައިވާ 14 ބުރީގެ ދެ ޓަވަރުގައި ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާ އެކު ޖުމްލަ 384 އެޕާޓްމަންޓް ހުރެ އެވެ.

ފްލެޓްތައް އެޅީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ އެއް ކުންފުނި ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވަރަށް ރަނގަޅަށް ބަލަހައްޓައިދެމުން އިޖުތިމާއީ ވަރަށް ގިނަ މަސައްކަތްތަކުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާ ކަމަށް ފާހަގަކުރެއްވި އެވެ.

މަހްޖޫބު ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ފްލެޓްތަކެއް އަޅަން ނިންމީ ވެސް މުވައްޒަފުންގެ ބުރަ މަސައްކަތް ކުންފުނިން ފާހަގަކުރާތީ މުވައްޒަފުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

އެމްއޭސީއެލްގެ ފްލެޓްތަކަށް ފައިސާ ދައްކަންޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ. ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ދެއްކުމުގައި މުވައްޒަފުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަަމަޖައްސައިދީފައިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.