ބޮލީވުޑް

ސާޖިދު "ބިގް ބޮސް"ގެ ގެއަށް ވަނުމުން ކަމަކު ނުދިޔަ

ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 16" ރޭ ދައްކަން ފަށާފައިވާއިރު މިފަހަރު ބިގް ބޮސްގެ ގެއަށް ވަދެފައިވާ ބައިވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޑައިރެކްޓަރު ސާޖިދު ޚާން އެވެ. ބޮލީވުޑް ގިނަ ފިލްމުތަކެއް އުފައްދާފައިވާ ސާޖިދު އަކީ މި ޝޯގެ ހޯސްޓް ސަލްމާން ޚާންގެ ގާތް އެކުވެރިއެކެވެ.

ސާޖިދުގެ ކެރިއަރު ވަޅުޖެހީ ހިންދީ ފިލްމު އިންޑަސްޓްރީގައި އުފެދުނު "މީ ޓޫ"ގެ އޮއިވަރުގަނޑުގެ ތެރޭގައި ގިނަ ބަތަލާއިން ސާޖިދު އަށް ކުރި ތުހުމަތު ތަކަކާ ގުޅިގެންނެވެ. ޖިންސީ ފުރައްސާރަ ސާޖިދުގެ ފަރާތުން ފޯރާފައިވާ ކަމަށް ބުނެ ވަރަށް ގިނަ އަންހެން ފަންނާނުން އެ ދުވަސްވަރު ސާޖިދުއާ ދެކޮޅަށް ވާހަކަ ދައްކައި މިހާރު ސާޖިދު ހުރީ އިންޑަސްޓްރީން މުޅީން އެކަހެރިވެފަ އެވެ.

މި ޝޯގައި ސާޖިދު ބައިވެރިވީ ކިލަނބު ވެފައިވާ ގަދަރު އަލުން ހޯދަން ނަމަވެސް ސާޖިދު ޝޯގައި ބައިވެރިކުރުމުން ގިނަ ފޭނުން ވަނީ ވަރަށް ރުޅިގަދަވެފަ އެވެ. އޭނާ ކަހަލަ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރާ މީހަކަށް "ބިގް ބޮސް"ގެ ގެއިން ޖާގަ ދީގެން ނުވާނެކަމަށް ވަރަށް ގިނަ މީހުން ސޯޝަލް މީޑީއާގައި އަޑުއުފުލަން ވަނީ ފަށާފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ސާޖިދު އާއެކު އެކި ފިލްމުތަކުގައި މަސައްކަތްކުރި އަންހެން ފަންނާނުންތައް އޭނާ ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން ސާޖިދު ގެއިން ބޭރަށް ބޯދިއްކޮށްލަން ވެސް ނުކެރި ގޭގައި އިންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.

ސާޖިދު ބުނި ގޮތުގައި "ބިގް ބޮސް" އަށް ވަނުމުގެ ދައުވަތު ލިބުމުން އޭނާ އެ ފުރުސަތު ބޭނުންކުރީ ޚުދު އޭނާއަށް ވެސް ގޯސްކޮށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

"ކާމިޔާބީގެ ސަބަބުން އަހަންނަށް އަހަރެން އޮޅި އަހަރެންގެ އަމިއްލަ ނަފްސު ހަލާކު ކޮށްލެވުނީ. އަހަރެން މާބޮޑަށް ފޮނިވެ ބޮޑާވެގަތީ. އަހަރެންގެ ދުވަސް ދިޔައީ އަދި ކަމެއްނެތި ހަތަރު އަހަރު ގޭގައި އިންނަން ޖެހުނީ އެ ސަބަބާ ހުރެކަން އަހަރެން ގަބޫލުކުރަން،" ސަލްމާން ކައިރީ ސާޖިދު ބުންޏެވެ.

ސާޖިދަށް ބިގް ބޮސް އިން ފުރުސަތު ދިނުމުން ފޭނުން ހިތްހަމަނުޖެހުނަސް ބައެއް ފަންނާނުން ވަނީ ސާޖިދު އަށް ސަޕޯޓްކޮށް މަރުހަބާ ކިޔާފަ އެވެ.

ސާޖިދު އަކީ ޑައިރެކްޓަރު-ކޯރިއޮގްރާފަރު ފަރާ ޚާންގެ ކޮއްކޮ އެވެ. "ބިގް ބޮސް" ސްޓޭޖުގައި ސަލްމާނާއެކު ވާހަކަ ދައްކަމުން ސާޖިދު ބުނީ އޭނާ ހަގީގަތުގައި ވެސް ދިރިއުޅޭ ގޮތަށް ބިގް ބޮސްގެ ގޭގައި އުޅެން ދައްތަ ފަރާ ނަސޭހަތްތެރިވި ކަމަށެވެ.

ސަލްމާން ބުނީ ފަރާ އަކީ ބިގް ބޮސް ފޭނެއްކަމުން އޭނާ މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވުން ވަރަށް އެކަށީގެންވާ ކަމަށެވެ.

ރޭގެ އެޕިސޯޑުގައި ބިގް ބޮސްގެ ގެޔަށް ފުރަތަމަ ވަން ބައިވެރިޔަކީ ނިމްރަތު ކޯރު އަހުލޫވާލިއާ އެވެ. ދެވަނަ އަށް ސާޖިދެވެ. ތިންވަނަ އަށް އަބްދު ރޯޒިކް އެވެ.

މީގެ އިތުރުން މިސް. އިންޑިއާގެ ތާޖު ހާސިލުކޮށްފައިވާ މާންޔާ ސިންގް އާއި ބަތަލާ ޓީނާ ދައްތާ، ސައުންދަރިޔަ ޝަރުމާ، އެކްޓަރު ޝާލިން ބަނޯތު، ޝިވް ތާކަރޭ ވެސް މިފަހަރުގެ ބިގް ބޮސްގައި ބައިވެރިވެ އެވެ. އަދި ޓީވީ ބަތަލާއިންގެ ތެރެއިން ސުމްބުލް ތައުގީރު، ޝްރީޖީތާ ޑޭ ވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވެ އެވެ.