ދުނިޔެ

އިންޑޮނީޝިއާގެ ސްޓޭޑިއަމެއްގައި ފިތިގެން 129 މަރު

އިންޑޮނީޝިއާ ލީގު ފުޓުބޯޅަ މެޗެއް ބަލަން ދަނޑަށް ވަތް ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ތަކެއްގައި 129 އަށް ވުރެ ގިނަ މީހުން ފިތިގެންނާއި ފައިން އެރިގެން މަރުވެއްޖެ އެވެ.

ސީރިއަސް ޒަހަމްތަކާ އެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 180 އަށް ވުރެ ގިނަވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އިންޑޮނީޝިއާގައި ފުޓުބޯޅަ އަކީ ވަރަށް ފޯރި ހުންނަ ކުޅިވަރެެކެވެ. ވާދަވެރި ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ އަނިޔާވެރިކަމަށް ކިތަންމެ ފަހަރަކު މަގުފަހިވެ އެވެ.

އިރުމަތީ ޖާވާގެ އަވަށެއްގައި ރޭ ކުޅުނު ފުޓުބޯލަ މެޗުގައި ބައްދަލުކުރީ ވާދަވެރި "ޕަރުސެބަޔާ ސުރަބަޔާ" އާއި "އަރޭމާ މަލަންގް" އެވެ. މޮޅުވީ ތިން ލަނޑުން ޕަރުސެބަޔާ ސުރަބަޔާ އެވެ. އިދިކޮޅު ޓީމަށް ޖެހުނީ ދެ ގޯލް އެވެ.

އިރުމަތީ ޖާވާގެ ފުލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ސްޓޭޑިއަމްގެ ސެކިޔުރިޓީއަށް ރޭގައި އެއްވެސް ކަމެއް ނުކުރެވުނެވެ.

އެހާ ގިނަ ބަޔަކު ކުއްލިއަކަށް ދަނޑަށް އަރައިގެންފާނެ ކަމަށް އަމަން ބަލަހައްޓަން ތިބި އޮފިސަރުންނަށް ވިސްނާލެވިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނެ އެވެ.

ފުލުން ބުނި ގޮތުން ސަޕޯޓަރުން ހުއްޓުވަން ފުލުހުންނަށް ވެސް އަމަލުކުރެވުނީ ގޯސްކޮށެވެ. ހަމަނުޖެހުން އިތުރުވި ސަބަބަކީ އެއީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދަނޑުގައި ސަޕޯޓަރުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގުމަށްފަހު ނުކުމެގެ ފިލަން ދުވި މީހުން ސްޓޭޑިއަމްގެ ދޮރުބުޑަށް ވެެއްޓި ތޮއްޖެހުމުގެ ސަބަބުން އެތައް ބަޔަކު ބަނޑުވަތަށް ވެއްޓި އަދި އެމީހުންގެ ގައިމައްޗަށް ފައިން އެރުމުގެ ސަބަބުންވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.