މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ތެލުން ވައްކަންކުރި އެމްޕީއެލްގެ މުވައްޒަފުން ވަކިކޮށްފި

ކޮވިޑްގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް ފިއުލް ސަޕްލައިގެ މުވައްޒަފުންތަކަކާއި ގުޅިގެން ތެލުން ވައްކަންކޮށް ހިންގި ބޮޑު ހިޔާނާތުގައި، ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އެމްޕީއެލްގެ ސީއިީއޯ ޝާހިދު އަލީ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި 2020 ވަނަ އަހަރު ފެންމަތިވި މިމައްސަލައިގެ ގެއްލުން އެތައް މިލިއަން ރުފިޔާއަށް އަރާ ކަމުގަ އެވެ. ހިޔާނާތް ވެފައިވަނީ ކުރިން ހީކުރެވުނު އަދަދަށްވުރެ މާބޮޑު އަދަކަށް ކަމަށާއި އަދި މި ހިޔާނާތް ހިންގާފައިވަނީ ހަމައެކަނި 2020 ވަނަ އަހަރު އެކަނި ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު އެކަނިވެސް ހިޔާނާތުގެ މިއަމަލުގެ ތެރެއިން އަށް މިލިއަން ރުފިޔާ ވަނީ ގެެއްލުންވެފަ އެވެ.

"ދެން އޭގެ ކުރީ އަހަރުތަކުގައި މިކަމެއް ހިނގާފައި ހުރިތޯ ބަލަމުން ދިޔައިރު 2018 އިން ފެށިގެން މިކަން ހިނގާފައި ހުރިކަން ފާހަގަކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްޕީއެލް ތެރޭގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްފަހު ޖިނާއީ ބައިތައް ތަހުގީގުކުރަން އެކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ފުލުހުން މިހާރުވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތެލުގެ ވައްކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގު ރިޕޯޓް ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރު ވިޔަނުދޭން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު ވާނީ އަޅާފައި" އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް ފިއުލް ސަޕްލައިގެ މުވައްޒަފުންތަކަކާއި ގުޅިގެން ތެލުން ވައްކަންކޮށް ހިންގި ބޮޑު ހިޔާނާތުގެ ހާއްސަ އޮޑިޓެއް އެމްޕީއެލްގެ އޮޑިޓަރުން ހެދުމުގެ އިތުރުން އޮޑިޓާ ޖެނަރަލް ވެސް ވަނީ އޮޑިޓެއް ހަދާފަ އެވެ. ނަމަވެސް އެ ރިޕޯޓްތައް އަދި އާންމުކޮށްފައެއް ނުވެ އެވެ.