ވާހަކަ

އިޙްސާސްވޭ

( 29 ސެޕްޓެމްބަރ 2022 އާ ގުޅޭ )

"އިވާން..." ކަންފަތަށް އިވުނު ނަމާއެކު އައިރިކްއަށް އެ ނަން ކިޔާލެވިއްޖެއެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. ހުއްޓުމާއެކު ވަގުތުން ފަސްއެނބުރި މާޔަލްގެ ޢާއިލާއާ ދިމާއަށް އޭނާ ބަލާލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. އެ ޢާއިލާގެ ކައިރިއަށް އަންނަނީ ކާކުތޯ ބެލުމަށެވެ. އެހިނދު އިސްކޮޅުން ދިގު ޒުވާނަކު އައިރިކްގެ ގާތުން އަޅާފައި އައިސް އެ ޢާއިލާގެ ކައިރީ މަޑުކޮށްލައިފިއެވެ.

"ދޮންބޭ، ކެޗް!." ފެނުނު ޒުވާނާއާ އައިރިކްގެ ނަޒަރު ވަކިކޮށްލެވުނީ އައިތަންގެ އަޑަށެވެ. އެހިނދު އައިރިކްއާ ދިމާއަށް އައިތަން އެއްލީ ކާރުގެ ތަޅުދަނޑިއެވެ. އެ ހިފަން އައިރިކްއަށް ދެއަތް ދިއްކޮށްލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އޭނާއަށް ވިސްނާލެވުނީ ކާރުގެ ތަޅުދަނޑީގައި ހިފުނު ފަހުންނެވެ. ނިކަން އަވަހަށް އައިތަންއަށް ބަލާލިއެވެ. އަޖައިބުވެފައި ހުރި މީހަކުހެން އޭނާ ބަލަން ހުއްޓެވެ. ހައިރާންކަމުގެ ތެރެއިން ލުއި ހިނިތުންވުމެއް އައިތަންގެ ތުންފަތުން ފާޅުވެލިއެވެ. އޭނާ އައިސް އައިރިކްގެ ގާތުގައި ހުއްޓުނެވެ.

"އައި ނިއު އިޓް. ކޮންއިރަކުން ފެށިގެން." އައިތަން ބުންޏެވެ.

އައިރިކް ވަކި އެއްޗެއް ނުބުނެ އެނބުރި ހިނގައިގަތީއެވެ. އެހެންވިޔަސް ލޮލުކޮޅަށް ބޭބެ ގޮސް އޮބާލަންދެންހެން އައިތަންއަށް ހުރެވުނީ ހިނިއައިސްފައެވެ. އައިރިކްގެ ހަރަކާތްތައް އައިތަންއަށް ފާހަގަކުރެވުނީ ހޮސްޕިޓަލް ތެރެއިންނެވެ. ބޭބެ ނުވިސްނާ ހުރި ވަގުތެއްގައި އޭނާ ކުއްލިއަކަށް ކާރުގެ ތަޅުދަނޑި އެއްލީ ހީވާހީވުން ޔަގީން ކުރުމަށެވެ. މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ. އައިރިކްގެ ލޮލަށް ފެންނަން ފަށައިފިކަމެވެ. ނޭނގެނީ ކޮންއިރަކުން ފެށިގެންކަމެވެ. މަންމައާއި ބައްޕައަށް އެ ޚަބަރު ލިބުމުން އުފާވާނޭވަރު އައިތަންއަށް ލަފާކުރެވެއެވެ. ނަމަވެސް އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑުވެލިއެވެ. މާޔަލް އޮތް ހާލު ހިތަށް އެރުމުންނެވެ.

"އައިތަން." ފަހަތުން ރަޒާ އައިސް އައިތަންގެ ކަނާތް ފަރާތުން ކައިރިވެލައި ކޮނޑުގައި އަތް ބާއްވާލިއެވެ.

"އަހަންނަށް އެނގޭ ވަރަށް ގިނަ ވާހަކަދައްކަން ރަޒާ ބޭނުންވެފަކަން ތިހުންނަނީ. މާޔަލްއަކީ ރަޒާގެ ވައިފްގެ ކޮއްކޮ. އެ ފެމެލީއަކީ ރަޒާގެ ވެސް ފެމެލީ... އިހަށް މާޔަލްގެ ހާލު އެނގެން ދެން މަޑުކޮށްލަންވީނު. އޭގެ ފަހުގައި ރަޒާގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބު ދޭނަން." އައިތަން ބުންޏެވެ.

މާޔަލް ހޮސްޕިޓަލަށް ގެންދެވިއްޖެކަން އައިތަންއަށް އެނގުނީ ބައްޕަ ގުޅީމައެވެ. އޭނާ ވެސް ހުރީ ހާސްވެފައެވެ. މާޔަލްގެ ހާލު އޭނާއަށް އެނގޭތީއެވެ. ހަމައެއާއެކު ސުވާލު ވެސް އުފެދިފައެވެ. އައިރިކްއާއި މާޔަލްއާ ދެމެދު މިފަހަކަށް އައިސް ކޮންމެވެސް ކަހަލަ ހިތްހަމަނުޖެހުމެއް އޮންނަހެން އައިތަންއަށް ހީކުރެވެނީއެވެ. އައިރިކްއާއެކު ދުވަސް ހޭދަވާގޮތް މާޔަލް ކިޔާދެއެވެ. އެހެންވިޔަސް އައިރިކްގެ ބައެއް ކަންކަން މާޔަލް ޚިއްޞާ ނުކުރެޔޭ އައިތަންގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ.

* * * * *

ބޭލި ގަމީސް އަތަށް ލައިގެން އައިރިކްއަށް ހުރެވުނެވެ. އެ ގަމީހުގައި ހިކިފައިވި ލޭގެ ތައްގަނޑަށް އޭނާގެ ނަޒަރު ހުއްޓިފައި ވިއެވެ. އައިރިކްގެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ. އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާއޭ މިފެންނަނީ އައިރިކްއަށް ޤަބޫލުކުރެވުނެވެ. މާޔަލް މިހާރު އެ އޮތް ހާލަތައް ދާން މެދުވެރިވީ އައިރިކްގެ ސަބަބުން ކަމެވެ. މާޔަލް ގެއްލިދާނެކަމުގެ ބިރު ހިތުގައި ބޮޑުވާން ފެށުމުން އައިރިކްއަށް ކެތްކުރާން ދަތިވީއެވެ. އޭނާ ކުރާ އިޝާރާތްތަކުން މާޔަލްއަށް ހިލަމެއްނުވެއެވެ. ގެއްލިފައި ހަނދާންތައް މާޔަލްއަށް އެނބުރި ނާންނޭ ހީވުމުން އައިރިކް އިހުނަށްވުރެ ވެސް ކަންބޮޑުވެ ހާސްވީއެވެ. އޭނާގެ މަތިން މާޔަލް ހަނދާންނައްތާ އެހެން މީހެއްގެ ހައްޤަކަށްވަންދެން ބަލަން ހުންނާނެހާ ކެތްތެރިކަމެއް އޭނާގެ ނެތެވެ.

"މާޔާ..." ހިތުގައި އަޅަމުންދިޔަ ވޭނާއެކު އައިރިކްއަށް ގޮވާލެވުނެވެ.

ހެދުން ބަދަލުކޮށްލައިގެން އައިރިކް ނިދާކޮޓަރިން ނުކުތެވެ. އޭރު އެބައިގަ ހުރި ސޯފާތަކުން ސޯފާއެއްގައި އިސާކާއި ޝަބްނަމް ތިއްބެވެ. އަތުގައި އޮތް ކަޅުއައިނު އޭނާގެ ލޮލުގައި އަޅާލިއެވެ. އައިރިކްއަށް ގޮވާލުމާއެކު އިށީންނަން އައުމަށް އިސާކު ބުނެލިއެވެ. އޭނާ އައިސް މަންމައާއި ބައްޕަގެ ވައަތް ފަރާތުގައި ހުރި ސޯފާގައި އިށީނެވެ.

"ކީއްވެ ބައްޕަމެން ކައިރީ ނުބުނީ؟." އިސާކު އަހާލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އައިރިކް އިނީ ހިމޭންވެފައެވެ. ބައްޕަ އެ އިޝާރާތްކުރަނީ ކޮންކަމަކަށްކަން ބުނާކަށް އައިރިކްއަކަށް ނޭނގެއެވެ.

"އައިތަން ދެންމެ ގުޅި. ބުނީ ދަރިފުޅަށް މިހާރު ފެނެޔޭ. އެއީ ތެދެއްތަ؟." ކެތްނުވެގެން ޝަބްނަމަ ވާހަކަދެއްކި ކަހަލައެވެ. އިރުކޮޅަކު އިސްޖަހާލައިގެން އިނުމަށްފަހު އައިރިކް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. މިއަދު އޭނާއަށް އުޅެވުނު ގޮތުން ކޮންމެ މީހަކަށް ވެސް އޭނާގެ ލޮލަށް ފެންނަކަން ނަގައިގަންނަން އުނދަގުލެއްނުވާނެއެވެ. އެވަރު އައިރިކްއަށް ވިސްނެއެވެ. އެހެން އެވީ މާޔަލްގެ ސަބަބުންނެވެ. މާޔަލް ވެއްޓުމުން އޭނާގެ ބުއްދި ހަމައިން ނެއްޓީއެވެ.

"ކޮންއިރަކު؟." ޤަބޫލުނުކުރެވިފައި އިން ފަދައަކުން ޝަބްނަމް އަހާލިއެވެ.

"އޮފީސް ދަތުރު ނިންމާފައި އައިފަހުން. އެ ފަހަރު ޑަކްޓަރަށް ދެއްކިއިރު ލޮލަށް ފެންނަން ފަށައިފި. އެކަމަކު މި ލޮލަށް އެކަނި ފެންނަނީ. އަނެއް ލޮލަށް ދުވަހަކުވެސް ނުފެންނާނެ." އައިރިކް ލޮލުގައިވީ އައިނު ނަގައި މަންމައަށް ބަލާލުމާއެކު ދައްކާލީ ކަނާއަތު ލޮލެވެ. ފެނުމުގެ ފުރުޞަތު އޮތްކަމަށް ޑަކްޓަރުން ވެސް ބުނެފައިވަނީ އެ ލޮލެވެ.

އައިރިކް އެންމެފަހުން ޑަކްޓަރަށް ދިޔައީ ރިސޯޓު އެނބުރި އައިފަހުންކަން ޝަބްނަމްއާއި އިސާކަށް ވެސް އެނގެއެވެ. ޢާއިލާގެ މީހަކު އޭނާއާއެކު ދާން އައިރިކް އެއްބަހެއް ނުވިއެވެ. ޑަކްޓަރު ފައިރޫޒަށް އިތުބާރު ކުރެވޭތީ އައިރިކްގެ އެހީތެރިޔަކަށް ހުރީ އޭނާއެވެ. އެ ދުވަހު ޑަކްޓަރަށް ދައްކާފައި އައިސް އައިރިކް ބުނީ އަދި ލޮލަށް ނުފެންނަ ކަމަށެވެ. އުންމީދުގެ ކުލަވަރެއް އައިރިކްގެ ފުށުން އެމީހުން ނުދެކެއެވެ. އައިރިކްގެ ހަރަކާތްތަކުން ވެސް އޭނާގެ ލޮލަށް ފެންނަކަން ފާހަގައެއް ނުކުރެވުނެވެ. އެކަމަކު މިއަދު އެކަމާ އެމީހުން ތިބީ ޝައްކު އުފެދިފައެވެ. އަދި މިހާރު އެ ޝައްކު ފިލައި ހަޤީޤަތް ސާފުވެއްޖެއެވެ. ޝަބްނަމް ﷲ އަށް ޙަމްދުކުރިއެވެ. އުފަލުން ގޮސް އިންތަނުން ތެދުވެގެން އައިސް އައިރިކްގެ ގާތުގައި އޭނާ އިށީނެވެ. ދަރިފުޅުގައި މުލައްދަނޑީގައި ފިރުމާލަމުން އެ ކޮނޑުގައި ޝަބްނަމް ބޯއަޅާލިއެވެ.

"މަންމަ އުންމީދު ކަނޑައެއްނުލަން. ހިތުގައި ވަރަށް ބޮޑަށް އޮތް... އިރާދަކުރެއްވިއްޔާ އަދި އަހަރެންގެ ދަރިފުޅަށް ފެންނާނެއޭ." ޝަބްނަމް އިނީ ޖަޒުބާތުގައި ޖެހިފައެވެ. ދަރިފުޅުގެ ދިރިއުޅުމަށް އައިސްފަވާ އަނދިރި ދުވަސްތައް ނިމުމަކަށް އައީމައެވެ.

"ރިކް، މިއަދު ކިހިނެއްވީ؟... ބައްޕަ ކިޔާދީބަލަ މާޔާއަށް ވީގޮތް." އިސާކު އަހާލިއެވެ. އެއާއެކު ޝަބްނަމްއާއި އައިރިކްގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.

"އެމީހުން އެކްސިޑެންޓެއްގެ ވާހަކަ ދެއްކި، އެއީ ކޮންއެކްސިޑެންޓެއް، މާޔާ ބަލިކަން ދަރިފުޅު ކައިރީ ބުނިތަ؟. މާޔާއާ މެދު މަންމަ ވަރަށް ސުވާލު އުފެދޭ." ޝަބްނަމް ވާހަކަދެއްކިއެވެ.

"މާޔާ މިގެއަށް ގެނައިއިރު އެއީ ކާކުތޯ ބައްޕަ ނުބަލަންތަ؟." އައިރިކްގެ ނަޒަރު ހުރީ އިސާކަށް ހުއްޓިފައެވެ.

"ބައްޕަ... ބައްޕައެއްނޫން މާޔާ ގެނައީ. އައިތަން ހޯދި ކުއްޖެއް އެއީ. އެއީ ރަނގަޅު ކުއްޖެއްކަން އައިތަން ޔަގީންކަން ދިން. ދަރިފުޅު މާޔާގެ އެހީތެރިކަން ބަލައިނުގެންނަމަ އެކުއްޖާ ބެހެއްޓުމުގެ ވިސްނުމެއް ބައްޕަގެ ނެތް. މާޔާ އައުމުން ދަރިފުޅަށް ބަދަލުތަކެއް އައި... ރަނގަޅު ބަދަލުތަކެއް، މާޔާއާ މެދު ބައްޕަ ހިތްހަމަޖެހުނީ އެހެންވެ. އެކުއްޖާގެ ހިތްހެޔޮ ގޮތެއް ހުރޭ. އެކަމަކު އޭނާއާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ނޭނގޭ. ދިރިއުޅޭ ތަނާއި ކިޔަވައިގެންކަން ވެސް އެނގޭ ހުރީ. އައިރިކްއާއި މާޔާ... މިދެން ބައްޕައަށް ހީވެފައި އޮތް އެއްޗެއްވީމަ މިއަހާލަނީ. ރިކްއަށް މާޔާ ކަމުދަނީތަ؟. އެކަހަލަ ގުޅުމެއް ދަރިފުޅުމެން މެދުގައި އުފެދުނީތަ؟." އިސާކު ވާހަކަދެއްކިއެވެ.

"ހުޅުމާލޭގައި އެރޭ ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އަންހެންކުއްޖަކީ މާޔާ." އައިރިކް ބުންޏެވެ.

"ރިކް..." ތީ ހަމަ ތެދެއްހޭ އަހާ ފަދަ އަސަރުތައް ޝަބްނަމްގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. އޭނާ މަންމައަށް ބަލާލުމާއެކު ބޯޖަހާލީ ޤަބޫލުކުރާށޭ ބުނާ ފަދައިންނެވެ.

"ސުބްޙާނައްﷲ... އައިތަންއަށް އެނގޭތަ؟. މިގެއަށް އޭނާ އައީ ކޮންބޭނުމަކު؟." ކުއްލިއަކަށް ޝަބްނަމްގެ ޠަބީޢަތް ގޯސްވާންފެށިއެވެ.

"މަންމާ. އަހަންނަށް މާޔާއަކީ ވަރަށް މުހިންމު މީހެކޭ ބުނީމެންނު. މާޔާދެކެ މަންމަ ރުޅިއައިސް ބްލޭމްކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ވެސް މާޔާއަށް އެކަމުގައި ބްލޭމެއް ނުކުރަން. އަހަންނަށް އެނގޭ... ފުރިހަމަ ޔަގީންކަން އެބައޮތް މާޔާ އަހަންނަށް ދެރައެއްނުދޭނެކަން. އަހަރެން ވެސް މާޔާއަށް ދެރަވާނޭކަމެއް ދުވަހަކުވެސް ނުކުރާނަން. ހަޤީޤަތް އެނގެން އަހަރެން ބޭނުން، މައްސަލައަކީ މާޔާ ހަނދާންނެތުން. އޭނާގެ ބޮލަށް ލިބުނު ގެއްލުމުގައި އޭނާ ހަނދާނެއްނެތް އެކްސިޑެންޓްގެ މަތިން. މިއަދު..." އައިރިކް ފުރިހަމަނުކޮށް ހުއްޓާލިއެވެ.

މާޔަލްއާއި އައިރިކް ވަނީ އެކްސިޑެންޓްގެ ކުރީން ދިމާވެފައިކަން އައިރިކް ހާމަކުރިއެވެ. އެ ދެމެދުގައި ގުޅުމެއް އުފެދިފައިވާކަން އޭނާ އެއްބަސްވިއެވެ. އެކަމަކު އެކްސިޑެންޓްގެ ފަހުން މާޔަލް ވަނީ އޭނާގެ މަތިން ވެސް ހަނދާންނެތިފައިކަން އައިރިކް ބުނީ ހިތްދަތިކަމާއެކުއެވެ. އޭނާ އެންމެ ބޭނުންވަނީ މާޔަލް އޭނާގެ މަތިން ހަނދާންވުމަށެވެ. އެ ދެމެދުގައި އޮތް ގުޅުން މާޔަލް ހަނދާނަށް އައުމަށެވެ.

"ހޮސްޕިޓަލަށް ދާން މިވަގުތު ބޭނުމީ." ހިމޭންކަމުގައި ވަގުތުކޮޅަކަށް ވިސްނަން އިނދެފައި އައިރިކް ބުންޏެވެ.

"އައިތަންއާއި ރިކް އެކީ ބައިތިއްބައިގެން މިވާހަކަ ދައްކަން ބައްޕަ ބޭނުން." އިސާކު ބުންޏެވެ. އެއާއެކު އައިރިކް އެއްބަސްވާކަން ދެއްކީ ބޯޖަހާލުމަކުންނެވެ.

ސޯފާއިން އައިރިކް ތެދުވިއެވެ. މާޔާއަށް ވާގޮތެއް އަންގަން އައިރިކް ކައިރީ އިސާކު އެދުނެވެ. ބައްޕަ ކައިރީ އާނއެކޭ ބުނެފައި އައިރިކް ނުކުތީ ކާރަށް އަރާށެވެ. އަތުގައި އޮތް އައިނު ލޮލަށް ހެޔޮވަރުކޮށްލުމާއެކު ހަބީބަށް އޭނާ ގޮވިއެވެ. ކާރުގައި ހަބީބާއެކު އައިރިކް މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ.

* * * * *

"ކުރީން ބައްދަލުވިތަ؟." އައިތަންއާ ސަލާމްކޮށްލަމުން އިވާން އަހާލިއެވެ.

"ހަނދާނެއްނުވޭ." އައިތަން ބުންޏެވެ.

އިވާންއަކީ މާޔަލް އިންނަން އުޅޭ ޒުވާނާކަން އައިތަން ކައިރީ ބުނީ ރަޒާއެވެ. އައިރިކް ވަދެގެން އަންނަތަން ފެނުމުން ބޭބެއާ ބައްދަލުކުރާން އައިތަން އަވަސްވެލިއެވެ. މާޔަލްގެ ޚަބަރަކީ ކޮބާތޯ އޮޅުން ފިލުވަން އައިރިކް ބޭނުންވާނޭކަން އެނގޭތީ އަވަހަށް އެ މަޢުލޫމާތު ބޭބެއަށް އޭނާ ފޯރުކޮށްދިނެވެ.

"ރޫމަކަށް ޗޭންޖުކުރަން އެއުޅެނީ. ފަހުން ޑަކްޓަރު އަދި ބަލަން އަންނާނެކަމަށްވަނީ." އައިތަން ބުންޏެވެ.

އައިރިކް ވަކި އެއްޗެއް ނުބުނެ ހުރީއެވެ. އޭނާގެ ނަޒަރު އިވާނަށް ހުއްޓިފައި ހުރި ގޮތް އައިތަންއަށް ފާހަގަވިއެވެ. އެހެންވެ އެއީ ކާކުކަން އައިރިކް ކައިރީ އައިތަން ބުންޏެވެ. އޭނާ ހައިރާންވީ އައިރިކްގެ މޫނުން ގަޔާނުވިކަމުގެ އަސަރު ފާޅުވެލުމުންނެވެ.

"މާޔާ ހަނދާންނެތްކަން އަހަންނަށް އެނގޭ. އޭނާއަށް ކިޔާދޭން ނޭނގޭނެކަން އެނގެނީ އެހެންވެ. ދެން ކިހިނެއް އައިތަން އޭނާ ހޯދީ. މާޔާއަކީ ކާކުކަން އެނގިގެންތަ އަހަރެންގެ ކައިރިއަށް ގެނައީ. އެކަމުގެ ގަސްދަކީ ކޮބާ؟." އައިރިކްގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ. އެންމެންނާ ދުރަށް އައިރިކްގެ ވައަތު މުލައްދަނޑީގައި ހިފާލުމާއެކު އައިތަން ހިނގައިގަތެވެ. އެހެންމީހުންނަށް އަޑުނީވޭނެ ހިސާބެއްގައި އައިތަން މަޑުކުރިއެވެ. ދެން ބޭބެއާ ނަޒަރު ސީދާކޮށް ވާހަކަދައްކަން ފެށިއެވެ.

"ސޮރީ... އެއީ މާޔަލްއަށް ގެއްލުމެއްދޭން ކުރިކަމެއްނޫން. ފުރަތަމަ އެ އަންހެންކުއްޖާދެކެ ވަރަށް ރުޅި އާދެވުނު. ދޮންބެ އުޅޭ ގޮތް ފެނިފަ، ދޮންބެއަށް އެހާލު ޖެއްސީ އޭނާވީމަ. އެކަމަކު މަޑުމަޑުން މާޔަލް އެނގެންފެށީމަ ޔަގީންވި އެ އަންހެންކުއްޖާ މީހަކަށް އެވަރުގެ ބޮޑު އަނިޔާއެއް ގަސްދުގައެއް ނުދޭނެކަން. އަހަރެން ބުނެގެން މާޔަލް ދޮންބެގެ ކައިރިއަށް އައީ. އަހަރެން އޭނާ ކައިރިން އެދުނީ ދޮންބެއަށް އެހާލު ޖެއްސީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ އެއީކަން. އޭނާ ހަނދާންނެތަސް އެހާބޮޑު ކަމެއް ހިނގީމަ ވަރަށް ގިލްޓީވެފަ ހުންނަނީ. ތެދަށް ބުނަންޏާ އެ ގިލްޓީ ފީލިންގްސްގެ ފައިދާ އަހަރެން ނެގީ. އެކަމަކު މާޔަލް އައިމަ ދޮންބެއަށް އައި ބަދަލުން އަހަރެންނަށް ޤަބޫލުކުރެވުނީ އަހަރެންގެ އެ ނިންމުން ރަނގަޅުކަމުގަ... އެންޑް ލުކް އެޓް ޔޫ. މިހާރު ދޮންބެއަށް ފެނޭ." އައިތަން ހިނިތުންވެލިއެވެ.

"މާޔާގެ ނަން ބޭނުންކުރީ ކީއްވެ؟." އައިރިކްގެ ފުށުން އަދިވެސް ފާޅުވަނީ ސީރިއަސްކަމެވެ.

"މަންމަމެންނަށް މާޔަލް އެނގިދާނެތީ. ދޮންބެއާއެކު އެކްސިޑެންޓްވި މީހަކީ ކާކުކަން ދޮންބެ ވެސް ބަލާފައޭ އޮންނާނީ ހިތަށް އެރީ. އެހެންވެ މާޔަލް ކައިރީ ބުނީ އަސްލުނަންނޫން ނަމެއް ބޭނުންކުރާން. މާޔަލް ބޭނުންވީ ނަން އެއީ. ސޮރީ ދޮންބޭ." އައިތަން ބުނެލިއެވެ.

"އެ އެކްސިޑެންޓަކީ އަހަރެމެންގެ ފުރަތަމަ ބައްދަލުވުމެއްނޫން. މާޔާގެ ހާލު ރަނގަޅުވީމަ އަހަރެމެން ވާހަކަދައްކަން އެބަޖެހޭ. ބައްޕައާއި މަންމައާއެކު. ތި އެންމެންނަށް މާޔާއަކީ ކާކުކަން އެނގެން ޖެހޭ." އައިރިކްގެ ހިތުގައި ރިއްސާލިއެވެ.

މަޒްހަރާއި އެ ޢާއިލާގެ އެކަކުވެސް ހޮސްޕިޓަލުން ދާކަށް ބޭނުމެއްނުވިއެވެ. އެމީހުންނާއެކު އިވާންގެ އިތުރުން އައިތަންއާއި އައިރިކް ވެސް ތިއްބެވެ. ހޮސްޕިޓަލްގެ ކޮޓަރިއަށް ބަދަލުކުރި ވަގުތު އައިރިކްއަށް މާޔަލްގެ މޫނު ފެނިލިއެވެ. ހީވަނީ ފުންނިންޖެއްގައި މާޔަލް އޮތް ހެންނެވެ. ދަރިފުޅު ކައިރިން އެންމެ ހިނދުކޮޅަކަށް ވެސް ދުރަށް ނުދަނީ އާމާލްއެވެ. އެ ކޮޓަރިއަށް ފަހަރަކު މީހަކު ވަދެފައި ނުކުމެވެ. އައިރިކް ފާރަވެރިވެ ހުރެވުނީ އިވާންގެ ހަރަކާތްތަކަށެވެ. އެއީ ހުތުރު ޒުވާނެއްނޫނެވެ. ދިވެހީންގެ ތެރެއިން އާންމުކޮށް ނުފެންނަ ކުލައެއްގެ ކަޅިއެއް ހުރުމުން ފުރަތަމަ ވެސް އަޅައިގަންނަނީ އެ ދެ ލޮލުގައެވެ. މާޔަލްގެ ޢާއިލާއާ އެ ޒުވާނާ ގާތް މިންވަރު އައިރިކްއަށް ފާހަގަވިއެވެ. އިރުއިރުކޮޅުން ދަތްކުނޑިވިކާލެވެނީ އެ ސަބަބާ ހުރެއެވެ.

އިޝާ ނަމާދުކޮށްލައިގެން ހޮސްޕިޓަލްގެ މިސްކިތުން މަޒްހަރާއެކު އައިރިކް ނުކުތެވެ. ރޭގަނޑުގެ ކެއުން އެ ޢާއިލާއަށް ހަމަޖައްސައިދޭން އައިރިކް އިސްނެގިއެވެ. އެހެންނަމަވެސް މަޒްހަރު އެ ދައުވަތު ގަބޫލެއްނުކުރިއެވެ. އައިރިކްއާއި އައިތަން ވެސް މިހާރު ތިބޭނީ ވަރުބަލިވެފައިކަން ބުނެ މަޒްހަރު އެދުނީ އެ ދެބެން ގެއަށް ދިއުމަށެވެ. އަދި ނަންބަރު ދެނިކޮށް މާޔަލްގެ ހާލު އަންގާނަން ކަމެވެ. މަޒްހަރު ފަޓުލޫނު ޖީބުން ފޯނު ނެގީ އައިރިކްގެ ނަންބަރު ނޯޓުކުރުމަށެވެ. އެ ފޯނަށް ކޯލެއް އައީ ހަމަ އެވަގުތެވެ. މަޒްހަރު ފޯނުކޯލު ނަގައި ކަންފަތުގައި ފޯނު ޖައްސާލައިގެން ހުއްޓެވެ.

"އަލްޙަމްދުލިއްﷲ..." ފޯނުކޯލުގައި ހުރެ މަޒްހަރު ބުންޏެވެ. އެއާއެކު ރަނގަޅު ޚަބަރެއް މަޒްހަރަށް ލިބުނީކަން އައިރިކް ޔަގީން ކުރިއެވެ. އަދި އެ ޚަބަރަކީ މާޔަލްއާ ގުޅުން ހުރި ޚަބަރަކަށްވާން އައިރިކްގެ ހިތް އެދެމުންދިޔައެވެ.

"މައްޔު ލޯ ހުޅުވާލައިފި." ފޯނު ތިރިކޮށްލި ގޮތަށް މަޒްހަރު ބަލާލީ އައިރިކްއަށެވެ. ހިނިތުންވެ ހުރެ އޭނާ ވާހަކަދެއްކިއިރު އެ ދެ ލޮލުގެ ތެރެއިން ކަރުނައިގެ ތެތްކަން ފާޅުވެއެވެ.

މަޒްހަރާއި އައިރިކް ހަރުކޮށް ހިނގާފައި އައީ މާޔަލް އޮތް ކޮޓަރިއަށެވެ. އެ ކޮޓަރިތެރެއަށް އެންމެން ޖަމާވެފައި އޮތުމުން އައިރިކް ނުކުތީއެވެ. ނުކުމެ ކޮޓަރީގެ ފާރުކައިރީ އޭނާ މަޑުކޮށްލިއެވެ. އޭނާގެ ތުންފަތަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވެފައި ވިއެވެ. ހިތްއަވަސްވަމުން ދިޔައީ މާޔަލްއާ ބައްދަލުވާނޭ އިރަކަށެވެ. އައިތަންއާއި ރަޒާގެ އިތުރުން އިވާން ވެސް ކޮޓަރިން ނުކުމެއްޖެއެވެ.

"އައި ތިންކް ސީ އިޒް އޯލްރައިޓް." އައިރިކް ކައިރީ އައިތަން ބުންޏެވެ.

ރަޒާއާއެކު އައިތަން އެއްފަރާތްވެލުމުން އައިރިކްއާއި އިވާން އެކަނިވިއެވެ. ދެ މީހުން އެކަކުއަނެކަކަށް ބަލާލިއެވެ. ނަޒަރު ވަކިކޮށްލުމާއެކު އައިރިކް ދުރަށް ހިނގައިގަތެވެ. އެއީ ކާކުތޯ އަހާލާނޭ ފުރުޞަތެއް އަދި އިވާނަށް ނުލިބެއެވެ. އައިތަންއަކީ މާޔަލް މަސައްކަތްކުރާ އޮފީހުގެ ވެރިއެއްކަން އެނގިފައި އޮތުމުގެ އިތުރުން އޭނާ ވާހަކަދެއްކި ގޮތުން އެ ގޮތް ނޭނގޭ ޒުވާނަކީ އައިތަންގެ ބޭބެކަން އިވާނަށް އޮޅުންފިލިއެވެ.

"ދޮންބެ. ދާން ޖެހިއްޖެ... ރިއާގެ ކަމެއްގަ. އޯކޭތަ." ހަލުވިކޮށް އެނބުރި އައި އައިތަން ބުނެލިއެވެ. އައިރިކް ހަމައެކަނި ބޯޖަހާލީއެވެ.

މާޔަލްގެ ނިތްކުރީގައި މަންމަ ބޮސްދިނުމުން ހިނިތުންވެލިއެވެ. އޭނާއަށް އިޙްސާސް ކުރެވެނީ ވަރުބަލިކަމެވެ. ހަށިގަނޑު ހިއްލާލާނޭހާ ވަރުވެސް އޭނާގެ ނެތެވެ. މައިރާއާއި މަލަކް ހިނިތުންވެލައިގެން މާޔަލްއަށް ބަލަން ތިއްބެވެ. އޭނާގެ ބޮލުގައި އެނދުގެ އަނެއްފަރާތުގައި ހުރި ބައްޕަ ފިރުމާލިއެވެ. މާޔަލްގެ ލޯ ކޮޓަރިތެރެ ހޯދާލިއެވެ.

"އިވާން އެބަހުރި ބޭރުގަ." މައިރާ ބުންޏެވެ. އެހިނދު މަލަކް ނިކަން ހަލުވިކޮށް ގޮސް އިވާނަށް ގޮވައިފިއެވެ.

"ކުޑޫ އެބަ ހޯދާ." މަލަކް ބުނެލިއެވެ.

އައިރިކްއަށް އެ މަންޒަރު ފެނުމުން ހިތިގޮތަކަށް ހިންދިރުވާލެވުނެވެ. މާޔަލް އޭނާ ނުހޯދާބާއޭ ހިތަށް އެރިއެވެ. އިވާން ވަންނަން ދިއުމުން އޭނާގެ ފަހަތުން އައިރިން ވެސް ވަނެވެ. މާޔަލް ހޭލާނޭ ވަގުތަކަށް އޭނާ ވެސް އެހެރީ ކެތްމަދުވެފައެވެ.

މަޒްހަރުގެ ކައިރިޔަށް މައިރާއާއި މަލަކް ޖެހިލިއެވެ. އިވާން ވަދެގެން އައިސް މަންމަ ކައިރީ މަޑުކޮށްލިތަން މާޔަލްއަށް ފެނުނެވެ. ހަމައެއާއެކު އެނދުގެ ފައިލާކޮޅުގައި ދުރުގައި އައިރިކް ހުއްޓެވެ. އޭނާ ފެނުމާއެކު މާޔަލްއަށް ރޮވިއްޖެއެވެ. ކަނާއަތްތިލަ މާޔަލް ހިއްލާލީ ނުހަނު ހިތްވަރުންނެވެ.

"ރިކް..." މާޔަލް އަތް ދަމާލައިގެން އޮވެ ގޮވާލިއެވެ. އެހިނދު އިވާންގެ ހުރިހާ ސަމާލުކަމެއް އައިރިކްއާއި މާޔަލްއަށް ހުއްޓިއްޖެއެވެ. ފަހަރަކު މީހަކަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. މާޔަލްގެ ޢާއިލާއަށް ހައިރާންކަމެއް ލިބުނެވެ. މިވަނީ ކިހިނެއްކަމެއް ނަގައިގަންނާކަށް އެމީހުންނަކަށް ނޭނގުނެވެ.
(ނުނިމޭ)