އިންޑިއާ

ރާއްޖެ-އިންޑިއާ ސޮއިކުރި ސިއްހީ އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ރުހުންދީފި

ރާއްޖެއާއެކު އިންޑިއާއިން ސޮއިކޮށްފައިވާ "ސިއްހީ ދާއިރާ އާއި ބެހޭ އެއްބަސްވުމަށް" އިންޑިއާގެ ކެބިނެޓުން އިއްޔެ ރުހުން ދީފި އެވެ.

ރާއްޖެއިން އިންޑިއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި އެއްބަސްވުމަށް ކެބިނެޓުން ރުހުން ދީފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗެއާ ކުރައްވާފައިވާ ބައްދަލުވުމެއްގައި ކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ޓްރެއިނިން ހެދުމަށް ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްދޭ އެހެން އޮފިޝަލުން އަދި ސިއްހީ ދާއިރާގެ އެހެނިހެން މަސައްކަތްތެރިން ފޮނުވުމާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ތަރައްގީކުރުމަށް އަދި ސިއހީ ދާއިރާގެ ތަފާތު ދިރާސާތައް ކުރުން ހިމެނެ އެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ ބަޔާނަކާއި ހަވާލާދީ އެނޫހުގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ބޮޑު އެއްބާރުލުމެއް އުފެއްދުމަށް މަގުފަހިވާނެ ކަމަށާއި ހާއްސަކޮށް ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލާތާއި ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެބަޔާނުގައި ވާ ކަމަށް އޮކޮނޮމިކް ޓައިމްސް އިން ހަބަރުކުރެ އެވެ.

މި އެއްބަސްވުމުގައި އޮއިކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.