ރައީސް އޮފީސް

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ހަރުދަނާކުރަން: ރައީސް

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަކީ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސިއްހީ މަރުކަޒުތަކަށް ސަރުކާރުން އައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

"ސަރުކާރުން މިހާރުވެސް ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި. އެހެން ނަމަވެސް ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ވަނީ ރައީސް ސޯލިހްގެ މިދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ހިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، ބައެއް ހިދުމަތްތަކާއި ވަސީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުހަލާތަކުގައި ހުރި ސިއްހީ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެއްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.