މުހައްމަދު އަޒުހާން

ހަށިގަނޑު އިތުރަށް ޔަގީންކުރަން ޕޯސްޓްމޯޓަމް ހަދަނީ

Oct 2, 2022

ހުޅުމާލެއިން މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާންގެ ހަށިގަނޑުތޯ ޔަގީންކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ މައުލޫމާތު މިރޭ ހިއްސާކުރުމަށް ހުޅުމާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑް ސްޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާތީ އަޒުހާންގެ އާއިލާއަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

މިއަދު ފެނުނު ހަށިގަނޑު އޮތީ "ހައިލީ ޑިކޮމްޕޯސް ސްޓޭޖެއް"ގައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މަރުގެ މި މައްސަލައިގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބަލަމުންދާނެ ކަމަށެވެ. ނަމަވެސް އަދި އެއްވެސް މީހަކަށް ތުހުމަތު ނުކުރާ ކަމަށް ވިދާޅުވި އެވެ.

ހަށިގަނޑު ފެނުނު ސަރަހައްދުން އަޒުހާންގެ ފޯނު ފެނިފައި ނުވާ ކަންވެސް ފުލުހުން ޔަގީންކޮށްދެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ހަށިގަނޑު ފެނުނު ސަރަހައްދު ބެލީ ސީސީޓީވީ ފުޓޭޖުން ލިބުނު މައުލޫމާތަށް ބުރަވެގެނެންނެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ މޭނާ ކެފޭ ސަރަހައްދުގައި ހުރި ކެމެރާއަކުން އަޒުހާން ފެނިފައިވާއިރު އެހެން ކެމެރާއަކުން އަޒުހާން ފެނިފައި ނުވާތީ އެ ސަރަހައްދު ބެލީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރު 5:45 ހާއިރު ހުޅުމާލެ ނިރޮޅުމަގު، ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުންނެވެ.

ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފަތިހު 04:53 ހާއިރު، ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން އަޒުހާން ކާރަކަށް އަރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަން ފުލުހުން ހާމަކުރީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ފުލުހުން އޭރު ބުނި ގޮތުގައި އަޒުހާން އަރާފައިވަނީ ހުދުކުލައިގެ ކާރަކަށެވެ.

ފުލުހުން ފަހުން ހާމަކުރި ގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުންނެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.