ރާއްޖޭގެ ކަނޑުގެ އަޑި ދިރާސާކުރުމަށް ކުރިއަށްގެންދާ ސާވޭގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކަނޑުގެ 270 މީޓަރު އަޑިއަށް ޑައިވްކުރައްވައިފި އެވެ.
ކަނޑުގެ އަޑިއަށް ޑައިވްކުރުމަށް ހާއްސަ އުޅަނދު "އޮމެގާ ސީމާސްޓާ 2" ގައި މިނިސްޓަރު ޝައުނާ އިއްޔެ ހެނދުނު ވަނީ ކ. ތުމްބަފުށީގެ ބޭރުން ކަނޑަށް ޑައިވް ކުރައްވާފަ އެވެ.
މިނިސްޓަރާއެކު އެ ޑައިވްގައި ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރާއި ސަބްމާސިބަލްގެ ޕައިލެޓް ބެރީ މެކްގޮވަން ބައިވެރިވި އެވެ.
ޑައިވްގައި ކަނޑުއަޑީގެ 270 މީޓަރު ފުނަށް ގޮސް "އޮމެގާ ސީމާސްޓާ 2" ގެ ބޮކިތައް ވަނީ ދިއްލާލާފަ އެވެ.
ކަނޑުގެ އެކި ދިރުންތަކުގެ އިތުރުން ކަނޑު އަޑިން ކުނި ފެނިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ޑައިވްގައި މިޔަރާއި ކަޅުބިލަމަހާއި މަންޓާ ރޭގެ އިތުރުން ބޯވަ ފަދަ ދިރުންތައް ފެނިވަޑައިގެންނެވި ނކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު އަދި ހަނދާނުން ފޮހެލަން އެންމެ ދަތި ތަޖުރިބާ އެވެ.
"ރާއްޖޭގައި އަޅުގަނޑުމެންނަށް ރަށްރަށުގައި މި ފެންނަނީ ރާއްޖޭގެ ވަރަށް ކުޑަ ބައެއް. ކަނޑުތަކުގެ އަޑީގައި މިވާ ބަގީޗާތަކާއި އަދި ތަންތަން ހަގީގަތުގައި ބުނެދޭންވެސް ނޭނގޭ" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
ކަނޑުގެ އަޑި ދިރާސާކުރުމަށް ކުރިއަށް ގެންދާ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގެންނެވުމުން ނެކްޓޮން މިޝަންގެ ފަރާތުން ވަނީ ދިރާސާގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.