ދުނިޔެ

ޗާލްސް ރަސްގެފާން ކޮޕް ސަމިޓަށް ވަޑައިނުގަންނަވާނެ

ޗާލްސް ރަސްގެފާން ތިނެއް (ކުރިމަތީގައި) އަދި ވަލީއަހުދު ވިލިއަމްސް -- ރާނީ އެލިޒަބަތުގެ ޖަނާޒާގައި ވައިވެރިވެ ވަޑައިގަންނަވަނީ
0%
0%
0%

އިންސާނުންގެ އަމަލުތަކުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ބަހުސްކޮށް ސިޔާސަތު ކަނޑައެޅުމަށް އދ. އިން ބާއްވާ ސަމިޓް -- ކޮޕް27 ގައި ޗާލްސް ރަސްގެފާން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ބަކިންގްހަމް ޕެލަސްއިން އިއުލާންކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗާލްސް ރަސްގެފާން މިގޮތަށް ނިންމެވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް އެދިވަޑައިގަތުމުގެ މަތިންނެވެ.

ބަކިންގްހަމް ޕެލަސްގައި ދެ ބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ލިޒް ވަނީ ރަސްގެފާންގެ ކިބައިން މިކަމަށް އެދިވަޑައިގެންފައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޗާލްސް ރަސްގެފާނަކީ ތިމާވެއްޓަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށް ވެއެވެ. މިދިޔަ އަހަރު ކޮޕްސަމިޓް -- ކޮޕް26 ގައި ބައިވެރިވެ ވަޑައިގެން ތަގުރީރު ވެސް ކުރެއްވި އެވެ. އެއިރު ޗާލްސް ހުންނެވީ އިނގިރޭސި ވަލީއަހުދުގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ކޮޕް ސަމިޓް އޮތީ ސްކޮޓްލެންޑްގެ ގްލާސްގޯގަ އެވެ. އޭގެ ކުރީ އަހަރު -- 2020 ގައި ކޮވިޑާ ހެދި ކޮޕް ސަމިޓް ވަނީ ކެންސަލްކޮށްފަ އެވެ.

މި އަހަރު ކޮޕް ސަމިޓް އޮންނާނީ މިސްރުގެ ރިސޯޓް ރަށް ޝަރުމުޝައިޚްގަ އެވެ. ތާރީޚަކީ 6-18 ނޮވެމްބަރު، 2022 އެވެ.

ކޮޕް27 އަށް ވަޑައިގަތުމަށް ޗާލްސް ރަސްގެފާނަށް ދައުވަތު އޮތީ ދެއްވާފަ އެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ސަރުކާރުން ރަސްގެފާނަށް ވިސްނައި ދެއްވާފައި އޮތީ ރަސްކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ވަޑައިގަތުން އަދި އަވަސް ކަމަށެވެ.

ބޮޑުވަޒީރު ލިޒް ޓްރަސް މިގޮތަށް އެދިވަޑައިގެންނެވި ނަމަވެސް މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ޗާލްސް ރަސްގެފާނާއި ބޮޑުވަޒީރާ ދެމެދު ނުތަނަވަސްކަން އުފެދޭނެ އެވެ.

އެހެން ނަމަވެސް، ޚަބަރުތައް ބުނާ ގޮތުން ޗާލްސް ރަސްގެފާން ސަމިޓަށް ވަޑައިނުގެން ގައުމުގައި މަޑުކުރެއްވުން މައްސަލައެއް ނޫން ކަމަށް ރަސްގެފާން ބޮޑުވަޒީރަށް ދެންނެވި އެވެ.

އަދި ދެބޭފުޅުންގެ މަޝްވަރާތައް އޮތީ ވަރަށް އެކުވެރި އަދި ނުތަނަވަސް ކަމެއް ނެތް މާހައުލެއްގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުން އޮތީ ބަކިންގްހަމް ޕެލަސްގައި ސެޕްޓެމްބަރު ނުވައެއްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910