ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް މީހުން ބިނާ ކުރަން ޕްރޮފެސަރު ހަސަން އުގައިލްގެ ކޮންސަލްޓެންސީ ހޯދަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ޕްރޮފެސަރު ހަސަން އުގައިލްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އުގައިލް އާއެކު ބޭއްވި ބައްދަލުވުމަކީ ސައިންސާއި، ޓެކްނޮލޮޖީ އަދި ބައޯމެޓްރިކް ސައިންސް ގެ ބޭނުން ހިފައިގެން އުފައްދާ ހައްލުތަކުގެ ޒަރީއާއިން ފުލުހުންދޭ ހިދުމަތްތައް ހަރުދަނާކޮށް އަވަސްކުރުމާއި، ހަދަރުކުޑަ ނިޒާމްތައް ތައާރަފްކުރުމަށް ކުރެވެން ހުރި ކަންކަމުގައި އުގައިލުގެ ކޮންސަލްޓޭޝަން ހޯދުން ކަމަށެވެ.
އުގައިލްގެ ކޮންސަލްޓެންސީ ހޯދައިގެން މަސައްކަތްތައް ކުރިޔަށް ގެންދާނެ އަދި ތަރައްގީކުރާނެ ދާއިރާތަކަކާއި، ފުލުހުންގެ މުއައްސަސާއިން ކަނޑައަޅާ މުވައްޒަފުންނަށް އުގައިލުގެ އިރުޝާދުގެ ދަށުން ތަމްރީނު ދިނުމާއި ކަނޑައެޅޭ ކުދި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރިއިރު ފޮރެންސިކް ދާއިރާ އާއި އައިސީޓީޑީ ދާއިރާ އަދި އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަން ބަލައި މުވައްޒަފުންނަށް ތަމްރީންނު ދެވިގެން މަސައްކަތްކުރަން ގޮތްތަކެއް ކަނޑައެޅުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރި އެވެ.
މި މަޝްވަރާތަކުގައި އުގައިލްގެ ފަންނީ އެހީ ހޯދަން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމް ކުރުން ވެސް ހިމަނާފައިވެއެވެ.