ކްރިމިނަލް ކޯޓް

ކޯޓަށް ފެން ވަދެ ގެއްލުންތަކެއް ލިބުމުން ޝަރީއަތްތަކެއް ކެންސަލް

Oct 4, 2022

ވިއްސާރަ އާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ފެނުގެ އަސަރުކުރުމާ ގުޅިގެން މިއަދު ހެނދުނު ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ތާވަލްކުރި ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، ސާވާ ރޫމަށް ވެސް ފެނުގެ އަސަރުކުރުމާ ގުޅިގެން ސާވާ ރޫމުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދުގެ ހެނދުނަށް ތާވަލްކުރި މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމަށް ތާވަލްކުރި ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފައިވާ ކަމަށްވެސް ކޯޓުން ޔަގީންކޮށްދެ އެވެ.

ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލްކޯށްފައިވާ އަޑުއެހުންތައް ކުރިއަށްދާ ކަމުގައިވެސް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

ވިއްސާރަ އާއި ގުޅިގެން މީގެކުރިންވެސް ކްރިމިނަލް ކޯޓުގައި ތާވަލްކުރި ބައެއް އަޑުއެހުންތައް ކެންސަލްކޮށްފައިވެ އެވެ

ކްރިމިނަލް ކޯޓު މިވަގުތު ހިންގަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ފުރަގަހުގައި ހުންނަ އެސްޓީއޯގެ ކުރީގެ ހެޑް އޮފީސް ހިންގި އިމާރާތުގަ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަށް ކޯޓުގެ ހުރިހާ ކަމެއް 2015 ވަނަ އަހަރު ބަދަލުކުރީ ޖަސްޓިސް ބިލްޑިންގައި ކޯޓު ހިންގަމުން ދަނިކޮށެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާ އަދި ވާރޭވެހޭ ދުވަސްތަކުގައި އާންމުކޮށް ސީލިންގުން ފެން ފޭބުން ފަދަ ކަންކަން ދިމާވާ އިމާރާތެކެވެ. އެކަމަކު ކްރިމިނަލް ކޯޓު ހިންގަން އަދި އެކަށީގެންވާ އިތުރު އިމާރާތެއް ލިބިފައި ނުވާ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ.