ވާހަކަ

އިޙްސާސްވޭ

( 2 އޮކްޓޯބަރު 2022 އާ ގުޅޭ )

"ރިކް..." މާޔަލް އަތް ދަމާލައިގެން އޮވެ ގޮވާލިއެވެ. އެހިނދު އިވާންގެ ހުރިހާ ސަމާލުކަމެއް އައިރިކްއާއި މާޔަލްއަށް ހުއްޓިއްޖެއެވެ. ފަހަރަކު މީހަކަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. މާޔަލްގެ ޢާއިލާއަށް ހައިރާންކަމެއް ލިބުނެވެ. މިވަނީ ކިހިނެއްކަމެއް ނަގައިގަންނާކަށް އެމީހުންނަކަށް ނޭނގުނެވެ.

މާޔަލްގެ އަތުގައި ހިފާލީ އިވާންއެވެ. އާމާލްއަށް ބަލާލާފައި މާޔަލްއަށް ރޮވެނީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. ތަދުވަނީތޯ ނޫނީ އުނދަގުލެއްވަނީތޯ އިވާން ސުވާލުކުރިއެވެ. އެ ކަންބޮޑުވުމުގައި އާމާލް ބައިވެރިވިއެވެ. މާޔަލް ދެ ފަރާތަށް ބޯހޫރާލިއެވެ. އޭނާ ދެން މަޑުމަޑުން ދެ ލޯ މަރާލީއެވެ. ކުރިޔަށް ފިޔަވަޅު އަޅާލެވުނު އައިރިކްއަށް މާޔަލްގެ އެނދުގެ ފައިލާކޮޅުން ފަޑީގައި ދެ އަތުން ހިފަހައްޓާލައިގެން ހުއްޓެވެ. އެމީހުންގެ ތެރެއިން އޭނާއަށް މާޔަލްގެ ގާތަށް ދިއުމުގެ ފުރުޞަތެއް ނެތޭ ހީވެފައެވެ. ޚާއްޞަކޮށް އިވާން އެތަނުގައި ހުރީމައެވެ. އައިރިކް ގަޔާނުވިޔަސް އެ ނުރުހުން ފާޅުކުރެވޭކަށް ނޯންނާނެއެވެ. މާޔަލްއާއި އިވާންގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުންނެވެ. އެންމެން ވެސް އިވާންކަން އިސްކުރާނީ އައިރިކްއަށް އެނގެއެވެ. އެހެންވިޔަސް މިވަގުތު އައިރިކް ބޭނުމީ ހަމަ ކުޑަ ވަގުތުކޮޅެކެވެ. މާޔަލްގެ ހާލު އޮޅުންފިލާނީ އޭނާއާއި އައިރިކްއާ ދެމެދު ވާހަކަދެއްކިގެންނެވެ.

"ޑަކްޓަރު އަތުވެއްޖެ." ކުއްލިއަކަށް އެ ކޮޓަރިއަށް ވަން ރަޒާ ބުނެލިއެވެ.

ޑަކްޓަރު އައިސް މާޔަލް ބަލަންދެން އާމާލް ނޫން އެންމެން އެ ކޮޓަރިން ނުކުތެވެ. ދެއަތް އުރާލައިގެން ފާރުގައި ލެނގިލައިގެން އައިރިކް ހުއްޓެވެ. ޖީންސުގެ ދެ ފަރާތުން ޖީބަށް ދެ އަތް ކޮށްޕާލައިގެން އިވާން ހުރީ ކޮޓަރީގެ އެއްފަރާތުގައި މަޑުކޮށްލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އައިރިކްއަށެވެ. ކުރިމަތީ ހުރި ފާރުގައި ލެނގިލައިގެން އައިރިކް ހުރިއިރު ކޮންމެވެސް ޚިޔާލަކަށް އޭނާ ގެއްލިފައި ހުރި ކަހަލައެވެ. އިވާން މަޑުމަޑުން އައިސް އައިރިކްގެ ކައިރީ ހުއްޓިލިއެވެ. ސަލާމްގޮވާލުމާއެކު އިވާންއޭ ބުނެ ތާރަފްވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. އޭނާގެ ސަލާމް ބަލައިގަތުމާއެކު އައިރިކް ބޯޖަހާލީއެވެ.

"ކުރީން ދިމާވިތަ؟." އިވާނަށް އެ ސުވާލުގެ ޖަވާބު އެނގިހުރެ ވެސް ކުރިއެވެ.

"ނޫން." އައިރިކް ނިކަން އަވަހަށް ބުންޏެވެ. އޭނާ އިވާންއާ ވާހަކަދައްކަން ބޭނުންނުވާ ކަހަލައެވެ.

"ރިކްތަ ކިޔަނީ؟." އިވާން އަހާލިއެވެ.

"އައިރިކް" އަމިއްލަ ނަން އައިރިކް ބުންޏެވެ. އިރުކޮޅަކަށް އިވާން ހިމޭންވެލިއެވެ. މިފަހަރު އޭނާ ވެސް އައިރިކް ފަދައިން ދެއަތް އުރާލުމާއެކު ފާރުގައި ބުރަކަށި ޖައްސާލިއެވެ. ދެ ޒުވާނުންގެ މޫނުމަތިން ވެސް ފެންނަނީ އެއްކަހަލަގެ ކުލަވަރެވެ. އެކަކުއަނެކަކާ ގަޔާނުވެފައި ތިބިހެންނެވެ.

"އަހަރެމެން މެރީ ކުރަން މިއުޅެނީ ނެކްސްޓް މަންތްގަ. މާޔަލް ޖޮބަށްދާކަށް ބޭނުމެއްނުވޭ. އޭނާގެ އަމިއްލަ ބިޒްނަސްގަ ވަގުތު ހޭދަކުރަން ވިސްނަނީ. އަސްލު ތެދަށް ބުނާނަމަ، އެކަކުވެސް މައްޔު ޖޮބަށްދާން ޤަބޫލެއްނޫން. އެކަމަކު ޕްރެޝާނުކުރާންވެގެން މައްޔު އެދޭގޮތަކާ ރުހިގެން ތިބީ. ޝީ އިޒް ޓޫ ވީކް... މައްޔު އެނބުރި އޮފީހަށް ދެން ނުނިކުންނާނެ."

"ޝީ އިޒް ނޮޓް ވީކް، އެހެން މީހުން މާޔާއަށް ކަންކަމުގައި ގޮތް ނިންމާދޭކަށް ނުޖެހޭނެ. ޝީ ވިލް މޭކް ހާ އޯން ޑިޒިޝަންސް." އައިރިކްއަށް ވާހަކަދެއްކީ ދަތްކުނޑިވިކާލައިގެން ހުރެއެވެ.

"މާޔަލް... ހާ ނޭމް... އިޒް... މާޔަލް." އައިރިކްއާ ދިމާއަށް އެނބުރިލުމާއެކު ކޮންމެ ބަހެއް ވަކިވަކިން އަތުރާލާފަދައިން އިވާން ބުނެލިއެވެ.

ހަތަރުކަޅި އަމާޒުވެ އެކަކުއަނެކަކުގެ ލޮލަށް ބަލަން އައިރިކްއާއި އިވާން ވަގުތުކޮޅަކަށް ތިއްބެވެ. ފުރަތަމަ ނަޒަރު ވަކިކޮށްލީ އައިރިކްއެވެ. އޭނާއަށް ހަޤީޤަތުގައި އިވާންއާ ޖަދަލު ކުރުން މުހިންމެއްނޫނެވެ. އޭނާއަށް މުހިންމީ މާޔަލްއާއި އޭނާގެ ގުޅުމެވެ. އެ ގުޅުމަށް ފުރުޞަތު އޮތީ މާޔަލްގެ ހަނދާންތައް އެނބުރި އައިސްގެންނެވެ. އޭރުން އެ ދެމެދުގައި އޮތް އިޙްސާސްތައް އޭގެ އަމިއްލަ ބަސްމޮށުންތެރިކަމެއް ޚިޔާރުކުރާނޭކަން ޔަގީނެވެ. މާޔަލްއަށް އޭނާގެ ހިތާއި ފުރާނަ ޚިޔާރުކުރި ހަޤީޤީ ލޯތްބަކީ ކޮބާކަން ބުނެދޭނެއެވެ.

ޑަކްޓަރާއި ނަރުސްކުއްޖާ މާޔަލް އޮތް ކޮޓަރިން ނުކުތެވެ. އެއާއެކު އަނެއްކާވެސް އެންމެން އެ ކޮޓަރިއަށް ޖަމާވެއްޖެއެވެ. ލޯ ހުޅުވައިގެން އޮންނަން ބޭނުންވިޔަސް މާޔަލްއަށް ލިބިފައިވާ ވަރުބަލިކަން އެކަމަށް އެއްބާރުލުމެއް ނުދިނެވެ. އޭނާވަނީ ވަރަށް ވަރުދެރަވެފައެވެ. މަންމަގެ އަތުގައި ހިފާލަން އުޅުމުން އިނގިލިތަކުގައި ވެސް މާޔަލް ބޭނުންވީ ބާރެއް ނެތްކަން އިޙްސާސް ވިއެވެ. ޑަކްޓަރު އެނބުރި ދިޔައީ ވަރަށް ގިނަ ވާހަކަ އާމާލްއާ ދައްކާފައެވެ. "ފިޒިއޯ"ގެ އެހީތެރިކަން މާޔަލްއަށް ބޭނުންވާނޭކަން ޑަކްޓަރު ބުނިއިރު މާޔަލް ވެސް އޮތީ އަޑު އަހާށެވެ. އޭނާގެ ދިރިއުޅުން މިހިސާބަށް ދަށަށް ހިނގައިދާނޭކަމަށް އުންމީދެއް ނުކުރެއެވެ.

"މައިރް، ދަރިފުޅުމެން ދާންވީނު ގެއަށް." މާޔަލްއަށް ނިދިފައި އޮތުމުން އާމާލް ވާހަކަދެއްކިއެވެ.

ރަޒާ ވެސް މައިރާގެ ގާތުން އެދުނީ ގެއަށް ދާށެވެ. ހެނދުނުން އަންނާނީ ކަމުގައި ބުނެއެވެ. މަލަކް ވެސް މަޒްހަރާއެކު ގެއަށް ފޮނުވާލީއެވެ. ކޮލެޖަށް ނުގޮސް މަލަކް ހުރީ އޭނާގެ ބޮލެއްގަ ރިއްސާތީއެވެ. އަމިއްލަ ދިރިއުޅުމުގައި އޭނާއަށް ގޯހެއް ހެދުނީއެވެ. ފިކުރުބޮޑުވީ ވަރުން ގޭގައި މަޑުކޮށްލަން އޭނާ ގަސްދުކުރީއެވެ. އެހެންވިޔަސް އަމިއްލަ ހަޔާތަށް ބިންދާލަން ތައްޔާރުވަމުން އަންނަ ބަދުނަސީބުގެ ބިޔަ ރާޅާ މެދު ވިސްނާނޭ ވަގުތެއް އޭނާއަކަށްނުވިއެވެ. މާޔަލް ހޮސްޕިޓަލަށް ގެނެވުނު ޚަބަރާއެކީ އޭނާ ވެސް މަންމަމެންނާއެކީ ހޮސްޕިޓަލަށް އައީ ކަންބޮޑުވެފައި ހުރެއެވެ. ކިޔެވުމުގެ އެންމެ ފަހު ދުވަސްކޮޅަށްވާއިރު ފަރުވާކުޑަކޮށްގެން ވާކަށް ނޯންނާނޭކަން ޚުދު މަލަކްއަށް ވެސް ވިސްނެއެވެ.

ބޮޑުކޮޓަރިއަށް ވަން އައިރިކްގެ މޫނުމަތިން ފާޅުވަނީ އިންތިހާ މާޔޫސްކަމެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑާއެކު އައިރިކްއަށް ބަލާލެވުނެވެ. ސޯފާގައި ޝަބްނަމް އިނެވެ. މަންމަ އެއިނީ އޭނާގެ އިންތިޒާރުގައިކަން އައިރިކްއަށް އެނގުނެވެ. ލަސް ހިނގުމެއްގައި އޭނާ އައިސް މަންމަ ކައިރީ އިށީނދެއްޖެއެވެ.

"މާޔާ ކިހިނެއް." ޝަބްނަމް އަހާލިއެވެ.

"ގޯހެއްނޫން... އެކަމަކު ރަނގަޅެއް ވެސް ނޫން." ދުރު ބަލަހައްޓައިގެން އިނދެ އައިރިކް ބުނެލިއެވެ.

"ކާންވީނު." ޝަބްނަމް އަހާލިއެވެ. އެއާއެކު މަޑުމަޑުން އައިރިކް ބޯހޫރުވާލީއެވެ. އޭނާ އެއްވެސް ކަމެއް ކުރާ ހިތެއް މިވަގުތު ނެތެވެ. ހިތުގެ ހަޤީޤީ އެދުން ފުރިހަމަނުވެ ނުތަނަވަސްވެފައިވާ ހިތަކާއެކު އެނބުރި ގެއަށް އަންނަން ޖެހުނީމައެވެ.

"ރިއާ ވެސް އެބައުޅޭ ބަނޑުގަ ރިއްސާތީ." ޝަބްނަމް ބުންޏެވެ.

"ހާދަ އަވަހަށް." އައިރިކްއަށް ބުނެވުނެވެ. އައިތަންގެ އަނބިމީހާ ބަލިވެ އިންކަން އެނގުނީ އިހަށް ދުވަހު ވިއްޔާއެވެ. ވީއިރު އަދި އޭނާ ވިހަން ކައިރި ވެސް ނުވާނެކަން އައިރިކްއަށް އެނގެއެވެ.

"މިހާ ކުރީކޮޅު ވަރަށް ބަލައިގެން އުޅެންވާނީ. އެކަމަކު އެކުއްޖާ އަޑު އަހާނަމަތާ މީހުން ދޭ ނަޞޭޙަތް. އައިތަން ވެސް ހިޔެއްނުވޭ އެކަމާ އަޅާލާހެން. ބުނި މާދަން ހެނދުނު އަންނާނަމޭ." ޝަބްނަމްގެ މޭގައިވާ މައިވަންތަކަން ޝަކުވާގެ ސިފަ ޚިޔާރުކުރިއެވެ. މަންމަގެ ފައިމަތީ އޮތް ކަނާއަތްތިލައިގެ މަތީ އައިރިކް އަތް ބާއްވާލިއެވެ. މަޑުމަޑުން ފިރުމާލަމުން ވާހަކަދެއްކިއެވެ.

"އައިތަން އުޅޭއިރު އޭނާގެ ޒިންމާދާރުކަމެއް ނެތޭ ހީވިޔަސް، އޭނާ ކަންކަމާމެދު ވިސްނާ... ރިއާއާ މެދު މިހާރު ވަކިން ބޮޑަށް އޭނާ ވިސްނާނެކަން ޔަގީން. އޭނާގެ ޠަބީޢަތް އެއީ ޚިޔާލެއް ފިކުރެއްނެތް މީހަކުހެން އުޅުން. އެކަމަކު އައިތަންއަކީ ހަރުދަނާ ޒުވާނެއް." އައިރިކް ބުންޏެވެ.

ދަރިފުޅާ ކައިރިއަށް އަރިވެލުމާއެކު އައިރިކްގެ ކޮނޑުގައި ޝަބްނަމް ބޯޖައްސާލިއެވެ. ގެއްލިފައިވާ އޭނާގެ ދަރިފުޅު އަނބުރާ ލިބިއްޖެކަމުގެ ފިނިކަން ޝަބްނަމްގެ ހިތުގައި ވިއެވެ. އެ ކުލުންވެރިކަމުގެ އިޙްސާސް ޝަބްނަމްގެ ތުންފަތުގައި ހިނިތުންވުމެއް ކުރަހާލަދީފިއެވެ.

"ވަރަށް ވަރުބަލިވެއްޖެ. މަންމައާ ހެނދުނުން ބައްދަލުކުރާން މިވަގުތު ގޮސްލިޔަސް އެންމެ ރަނގަޅުތަ." އައިރިކް އަހާލިއެވެ. ދަރިފުޅުގެ އަތުގައި ފިރުމާލަމުން ޝަބްނަމް ދުރަށް ޖެހިލިއެވެ. އަދި އަރާމުކޮށްލަން ދާށޭ ބުނެ އައިރިކްއަށް ޝަބްނަމް ހުއްދަދިނެވެ.

އާ ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ފަޒްނާއާއެކު ޝަބްނަމް ބަދިގޭގައި އުޅެއެވެ. ޝަބްނަމްއަށް އެހީތެރިވުމުގައި ގޭގަ ގެންގުޅޭ ކުއްޖަކު ވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެމީހުން ހެނދުނުގެ ނާސްތާއަށް ތައްޔާރުވަނީއެވެ. މުހިންމު ކަންކަން ނިމުމުން ޝަބްނަމް އެނބުރި ކޮޓަރިއަށް ދިޔައެވެ. ދެން އެނބުރި ކާކޮޓަރިއަށް އައީ ކޮންމެ ދުވަހެއްގެ ވެސް އާދަފަދައިން ފެންވަރާލައި ރީތިވެގެންނެވެ. ފިރިމީހާއާއި ދަރީންނާއެކު ހެނދުނުގެ ނާސްތާ ކުރުމަށެވެ. އެކަމަކު މިއަދު އެހެން ދުވަސް ދުވަހާއި ތަފާތެވެ. މިއަދު އައިރިކްއަށް އެހީތެރިވާން ކާމޭޒު ދޮށުގައި މާޔަލްއެއް ނެތެވެ. ހަރަކާތެއް ކުރަން ނޭނގިފައި އައިރިކްއަށް އިނދެވުނެވެ. މާޔަލްއަށް އާދަވެފައިވާ ފަދައަކުންނެވެ. އޭނާއަށް ގޮވާލައި ސުފުރާމަތީ ހުރި ބާވަތްތައް ކިޔާދޭނެ އިރަކަށެވެ. ކޮފީޖޯޑު ނަގައި އަތަށް ލައިދެންނެވެ. ހޫނުވާނޭ ބުނެ އޭނާ ސަމާލުކަމަށް ގެންނާނޭ ވަގުތަކަށެވެ. ޝަބްނަމް ގޮވާލީ އައިރިކް ސައިބޯން ނުފަށާ އިންނާތީއެވެ. އެހިނދު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ފަޒްނާ ހަލުވިކޮށް އައެވެ. އައިރިކްގެ ގާތަށް ތަށިތައް ކައިރިކޮށްލަ ދިނެވެ. އޭނާއަށް އައިރިކްގެ ހިމޭންކަން ވިސްނުނީ ކަހަލައެވެ. މާޔަލް ނާންނައިރު އޭނާއާ ހަމައަށް ހެނދުނުގެ ނާސްތާ ގެނެސްދޭ މީހަކީ ފަޒްނާއެވެ.

"ރިއާ ކިހިނެއް؟." އައިރިކް ސައިބޯން ފެށުމުން ޝަބްނަމްގެ ސަމާލުކަން އައިތަންއަށް ދިނެވެ.

"އަދި ނޭނގެ. ބްލީޑްވާތީ މައްސަލައަކީ. ބެޑްރެސްޓްކުރަން ބުނީ. މާބޮޑަށް ބްލީޑްވާނަމަ ވަގުތުން އަންނާށޭ ބުނީ. ދެ ދުވަސްފަހުން އަނެއްކާ ސްކޭން ހައްދަން ޖެހޭ." އައިތަން ބުންޏެވެ.

"ދޮންބެ، މާޔާ ކިހިނެއް؟." އައިތަން އަހާލިއެވެ.

"ފައި ބުނީ މާޔާގެ މަސަލްތައް ވީކްވީއޭ، ފިޒިއޯއިން އެކަން ރަނގަޅުވާނޭ. އަނެއްހެން ނުރައްކަލެއްނެތްކަމަށް. އެކަމަކު ރައްކާތެރިވުމަށް. ސްޓްރެސްވުން މާޔާއަށް ރަނގަޅެއްނޫން. ސައިބޮއެގެން ހޮސްޕިޓަލަށް ދާނަން." ފަހު ޖުމްލަ އައިރިކް އިއްވާލީ މޭޒުދޮށުގައި ތިބި މަންމައާއި ބައްޕައަށް ވެސް ބަލާލާފައެވެ.

"މާޔާއާ ބެހޭ ގޮތުން ވާހަކަދައްކަން އެބަޖެހޭ." އިސާކު އިނދެފައި ބުންޏެވެ.

އައިރިކް އެދުނީ އައިތަންއާއި މާޔަލް ދިމާވިގޮތެއް ކިޔާދިނުމަށެވެ. އެއަށްފަހު އޭނާގެ ހަޤީޤަތް ޢާއިލާއަށް އައިރިކް ކިޔާދޭން ނިންމިއެވެ. މާޔަލްއާއި އޭނާއާ ދެމެދު އޮތް ގުޅުމާއި އެކްސިޑެންޓް ހިނގި ގޮތެވެ. އެއީ މީގެ ކުރީން އޭނާ އެކަކު ކައިރީ ވެސް ނުދައްކާ އޮތް ވާހަކައެކެވެ.

* * * * *

ސިއްރުތައް އެގޮތުގައި އޮންނާނޭ އިވާން ހީކުރިއެވެ. ނަމަވެސް އޭނާ ވަނީ ހިތްބިރުގަނެވެ. ހަޤީޤަތް ފެންމަތިވާން އުޅޭކަމުގެ ނިޝާންތައް ފާޅުވާން ފަށައިފިއެވެ. ރޭ ހޮސްޕިޓަލުން އެނބުރި ގެއަށް އައިސް އޭނާ ހޭދަކުރީ ހާސްކަމުގައެވެ. ނިންޖަކަށްވާ ކަހަލަ ނިންޏެއް ނުނިދެއެވެ.

"ރިކް... އެއީ އޭނާ... މައްޔުއަށް މާޔާއޭ ކިޔާ މީހާ." އަތުގައި އޮތް ފޯނާއެކީ އިވާންއަށް މުށްބާރުކޮށްލެވުނެވެ.

"އައި ހޭވް ޓު ޑޫ ސަމްތިންގ. ނޯ ޓައިމް ޓު ވޭސްޓް. އޭނާ މައްޔުއަށް ހަޤީޤަތް ކިޔާދިނީތަ؟. ޝިޓް!." އިވާނަށް ބުނެވުނެވެ.

އެނދުމަތިން އިވާން ފުންމައިގެން ތެދުވިއެވެ. ފޯނު ގެންގޮސް އަލަމާރިއަށް ލިއެވެ. ދެން އޭނާ އަވަހަށް ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުތެވެ. އައިރިކް ހޮސްޕިޓަލަށް އަންނާނޭ އޭނާގެ ހިތް ބުނެއެވެ. އެހެންވެ އޭނާއަށްވުރެ ކުރީން ހޮސްޕިޓަލަށް ގޮސް ހުންނަން އިވާން ގަސްދުކުރިއެވެ. މާޔަލްއާއި އައިރިކް އެކަނިވާނޭ ފުރުޞަތެއް ދީގެން ނުވާނޭކަން އޭނާގެ ހިތާއި ސިކުނޑި އެއްބަސްވެއެވެ. މާޔަލްގެ ޢާއިލާއާ ވެސް ވާހަކަދައްކަން އިވާން ނިންމިއެވެ. ކައިވެނި އަވަސްކުރަންވީއެވެ. އަދި މާޔަލްއާ ކައިވެނިކޮށްގެން ރާއްޖޭން ބޭރަށް ދުވަސްކޮޅަކަށް ބަދަލުވުން ރަނގަޅު ޚިޔާލެއްކަމަށް އިވާނަށް ވިސްނުނެވެ. މާޔަލްގެ މިޒާޖު އިވާނަށް އެނގެއެވެ. އޭނާ ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާނޭކަން އިވާނަށް ޔަގީނެވެ. ވީއިރު އެ ދެމެދަށް އިތުރު މީހަކަށް ވަންނާނޭ ފުރުޞަތެއް މާޔަލް ނުދޭނެކަން ގައިމެވެ. ކައިވެންޏަށްފަހު ހުރިހާ ގޮތަކުން އިވާނަށް މާޔަލް ވަފާތެރިވާނެއެވެ. އެވަރު އިވާނަށް ކަށަވަރުވެއެވެ.

އޮފީހަށް ސަލާމް ބުނެފައި އިވާން ޚިޔާރުކުރީ މާޔަލްއެވެ. ޕާކިން ސަރަހައްދުގައި ސައިކަލު ބަހައްޓާލުމާއެކު އިވާން އައިސް ހޮސްޕިޓަލް ތެރެއަށް ވަނެވެ. އެއްފަރާތުގައި ހުރި ލިފްޓަށް އެރިއެވެ. މާޔަލް ބާއްވާފައި އޮތް ފަންގިފިލާއަށް ލިފްޓު ހުއްޓުނުއިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ނަފްސު ކިތަންމެ ވަރަކަށް ތައްޔާރުކުރި ނަމަވެސް ހިސާބެއްގެ ޖެހިލުންވުން ހިތުގައި ވިއެވެ. އުންމީދުކުރާ ގޮތަށް ކަންތައްނުވެދާނެތީ ގަންނަ ބިރު އޮތެވެ.

ކޮޓަރި ކައިރީ މައިރާގެ ދެމަފިރިން ތިއްބެވެ. ޑަކްޓަރު ބަލަން އައިސް އުޅޭ ވަގުތުކަން އިވާން ފެނުމާއެކު މައިރާ ބުނެލައިފިއެވެ. އެތަނުގައި މަޒްހަރު ވެސް އެވަގުތު ހުއްޓެވެ. އިވާން ފެނުމުން ހިނިތުންވެލިއެވެ.

"ބައްޕައާ ވާހަކަދައްކާލަން ބޭނުން." މަޒްހަރުގެ ގާތަށް ޖެހިލައި އިވާން ބުނެލިއެވެ.

"ކިހިނެއްވީ؟" މަޒްހަރަށް އަހާލެވުނެވެ.

"ގުޑްމޯނިން." އިވިގެންދިޔަ ފިރިހެން އަޑުން ފުރަގަސްދީގެން ހުރެވުނު އިވާން އެނބުރިލިއެވެ. މައިރާއާއި ރަޒާއާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އެމީހުންގެ ކައިރީ އައިރިކް މަޑުކޮށްލިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ އިވާނަށް ދަތްކުނޑިވިކާލެވުނެވެ. މަޒްހަރު ގޮވައިގެން އެއްފަރާތްވެލާން އިވާން ނުހަނު ބޭނުމެވެ. ހަމައެއާއެކު މާޔަލްއާ އައިރިކް އެކަނި ބައްދަލުކޮށްފާނެތީ އެތަނުން ދުރަށްދާކަށް ވެސް އިވާން ބޭނުމެއްނޫނެވެ.

"މާޔާ ކިހިނެއް؟." އައިރިކް އަހާލިއެވެ.

"އަލްޙަމްދުލިއްﷲ، ލުކް ބެޓާ... ގައިގަ ވަރު ނުހުންނާތީ އުޅެނީ އެކަމަކު ވާހަކަދައްކާއިރު އެއްވެސް އުނދަގުލެއްނެތް. ރޭ ދަންވަރު ހުން ވެސް މަޑުވާން ފަށާފަ ހުރީ." މައިރާ އޮޅުންފިލުވާ ދިނެވެ. އައިރިކް އެ ވާހަކަތައް އަޑުއަހަމުން މަޑުމަޑުން ބޯޖެހިއެވެ.

"ވާހަކައެއް އަހާލަންތަ؟." އައިރިކް ފެނުނީއްސުރެ އޭނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ރަޒާ ވާހަކަދެއްކިއެވެ. އޭނާއަށް ބަލާލުމާއެކު އައިރިކް ބޯޖަހާލީ އަހާށޭ ބުނާ ފަދައިންނެވެ.

"އައިތަންގެ ފަރާތުން އެނގިފަ އޮތީމަ... ލޮލަށް ނުފެންނަކަން." ދައްކަން އުނދަގޫ ވާހަކައެއް ރަޒާ ބުނެލި ފަދަ އަޅައިގަތުމެއް ހުއްޓެވެ.

"އެކްސިޑެންޓަށްފަހު ރިކަވާވީ އެންމެ ލޮލެއް. ތޭންކް ގޯޑް އެއް ލޯ ވިޔަސް ސަލާމަތްވީމަ." އައިރިކް ބުންޏެވެ. އެހިނދު ރަޒާއަށާއި އައިރިކްއަށް މައިރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ރަޒާ އެ ދެއްކީ އެކަމުގެ ޚަބަރު މައިރާއަށް ލިބިފައިނުވާ ކަމެއްގެ ވާހަކައެވެ.

"މާޔާއާ މީޓުވެދާނެތަ؟." އައިރިކް އަހާލިއެވެ.

"މިވަގުތު ޑަކްޓަރު އެބައުޅޭ." ރަޒާ ބުނެލިއެވެ.

ބޯކޮޅަށް އުސްކޮށްލާފައި ހުރި އެނދުގައި މާޔަލް ހަމަޖެހިލައިގެން އިނެވެ. ގިނަ ވާހަކަތަކެއް ނުދައްކާތީ އާމާލްއަށް ފުރަތަމަ ހީކުރެވުނީ ވާހަކަދެއްކުމުގައި މާޔަލްއަށް ދަތިކަމެއް ހުރީއެވެ. ނަމަވެސް ޑަކްޓަރުގެ ސުވާލުތަކަށް މާޔަލް ދިން ޖަވާބުތަކުން އޭނާގެ ހިތުގައިވީ ކަންބޮޑުވުންތަކަށް ހިސާބެއްގެ ލުޔެއް ލިބިއްޖެއެވެ. ޑަކްޓަރާއެކު ހުރި ދެ ނަރުސްކުދީން ކޮޓަރިން ނުކުތުމުން މާޔަލްގެ ގައިމަތީ އޮތް ފޮތިގަނޑު އާމާލް ރަނގަޅުކޮށްލަ ދިނެވެ. އެންމެން އެތެރެއަށް ވަދެގެން އައެވެ.

"މާއްކޮގެ ބޮސް އެބަހުރި." މައިރާ ބުންޏެވެ.

"ރިކްތަ؟" ކުއްލިއަކަށް މާޔަލްއަށް އަހާލެވުނެވެ. މައިރާއަށް އާނއެކޭ ބުނެވުނު ވަގުތު އިވާން ވާހަކަދެއްކިއެވެ.

"މައްޔު... މީ ރެސްޓްކުރަންވީ ވަގުތު." އިވާން ކުރިޔަށް ޖެހިލިއެވެ. އެހިނދު މާޔަލްގެ ނަޒަރު އިވާންއަށް ހުއްޓުނެވެ. ހިމޭންކަމުގެ ބެލުމަކުން އިވާނަށް ބަލަން މާޔަލް އިނެވެ.

"މަންމާ... ރިކް އެތެރެއަށް ވައްދަބަލަ. އެކަނި ވާހަކަދައްކާލަން ބޭނުން. އެންމެ ރަނގަޅުތަ." ގާތުގައި ހުރި މަންމަގެ އަތުގައި ކަނާއަތް ޖައްސާލައި މާޔަލް ވާހަކަދެއްކިއެވެ. ދަރިފުޅަށް ކުޑަވެސް ނުތަނަވަސްކަމެއް ލިބޭން ނޭދޭތީ އާމާލް ނިކަން އަވަހަށް ބޯޖަހާލިއެވެ.

"މައިރް، އޭނާއަށް ގޮވާބަލަ. މަންމަމެން ސައިބޮއެގެން އަންނާނަން. އެގޮތް ރަނގަޅުތަ." އާމާލް ހިނިތުންވުމަކާއެކު މާޔަލްގެ އަތްތިލައިގަ ދެއަތުން ހިފަހައްޓާލައިގެން ހުރެ ބުންޏެވެ. ނިކަން އަވަހަށް ހޫން ލައްވާލުމާއެކު މާޔަލް ބޯޖަހާލިއެވެ. އޭނާގެ ދެ ލޯ ހުޅުވުނީއްސުރެ އައިރިކް ދުށުމަށް އެ ހިތްވަނީ ބޭގަރާރުވެފައެވެ. އައިރިކް ކައިރީ އެތައް ވާހަކައެއް ދައްކަން އޭނާ ބޭނުމެއްވެ.

ނުކެރިފައި ހުރި މީހަކު ފަދައިން މައިރާގެ ފަހަތުން ކޮޓަރިއަށް ވަދެގެން އައިރިކް އައެވެ. މާޔަލް ފެނުމާއެކު އޭނާއަށް އެހެން ދިމާއަކަށް މޫނު އަނބުރައެއް ނުލެވުނެވެ. މާޔަލްގެ ދެ ލޮލުން ކުރީން ނުވާ ދިރިމެއްގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އައިރިކް ފެނުނު ހިނދުން މާޔަލްގެ ތުންފަތް ދެމިލައިފިއެވެ. އެ ލުއިލުއި ހިނިތުންވުން ފެނި އައިރިކްގެ ނަފްސުގައި ހިތްހަމަޖެހުމުގެ ފިނިކަންވީ ލުއި ވައިރޯޅިއެއްގެ ބީހުން އިޙްސާސް ކުރެވިގެން ދިޔަ ފަދައެވެ.

ސުވާލާއި ހައިރާންކަމުގައި އަޖައިބުވެފައި މީހަކު ފަދައިން މައިރާއަށް އޭނާގެ ކޮއްކޮއަށް ބެލެނީއެވެ. ހިނގައިގަންނަން އެނގުނީ ވެސް އޭނާގެ އަތުގައި ރަޒާ ހިފާލުމުންނެވެ. މަންމަމެންނާއެކު އޭގެ ދެމަފިރިން އެ ކޮޓަރިން ނުކުތެވެ. އެހިނދު ހިތާ ދެ ކޮޅަށް އިވާނަށް ވެސް މަޖުބޫރުވީ ނުކުންނާށެވެ.

"ރިކް... ކައިރިޔަށް ނާންނާނަންތަ؟." ދެ ޒުވާނުން އެކަނިވުމުން ވެސް އައިރިކް ހަރަކާތެއް ނުކުރީތީ މާޔަލް ބުންޏެވެ. އެއާއެކު އޭނާ މަޑުމަޑުން އައިސް މާޔަލްގެ ކަނާއަތް ފަރާތުން ކައިރިވެލައި އެތަނުގައި ހުރި ގޮނޑީގައި އިށީނެވެ. މާޔަލް އަތް ދަމާލިއެވެ. އޭނާގެ ހަރަކާތުގައި އުނދަގޫގޮތެއް ހުރިކަން އައިރިކްއަށް ފާހަގަވިއެވެ. މާޔަލް ބޭނުންވީ އައިރިކްގެ މޫނުގައި އަތްލަންކަން އެނގި އަވަސްއަވަހަށް ކުރިއަށް ޖެހިލައި އެ އަތްތިލަ ގެނެސް މޫނުގެ އެއްފަރާތުގައި ޖައްސާލަދީފިއެވެ.

"ސޮރީ..." ހިނިތުންވުމަކާއެކު މާޔަލްގެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ.

"ނޯ... ލަވް ޕްލީޒް... ޑޯންޓް ކްރައި." މޫނުގައިވީ މާޔަލްގެ އަތްތިލަ ގެނެސް އައިރިކްގެ ތުންފަތުގައި ޖައްސާލިއެވެ.

"އައި އޭމް ހޯމް... މާޔާ ކޭމް ބެކް. ޝީ އިޒް ފައިނަލީ ހޯމް." ހެމުން ރޮމުން މާޔަލް ބުނެލިއެވެ. ގޮނޑިން ކުޑަކޮށް ތެދުވެލުމާއެކު އައިރިކްގެ ދެއަތުގެ ތެރެއަށް މާޔަލް ގެނެސްލައިފިއެވެ. ލޯބިން މާޔަލްގެ ކޯތާފަތުގައި އޭނާ ބޮސްދިނެވެ.

"އައި އޭމް ހިއާ... ވެއިޓިން ފޯ ޔޫ... ވެލްކަމް ބެކް ލަވް." ލުއި ހީނލުމާއެކު މަޑުމަޑުން އައިރިކް ބުންޏެވެ.
(ނުނިމޭ)