ބޮލީވުޑް

ރިޗާ އާއި އަލީ ތިބީ ކައިވެނިކޮށްގެން އެކަން ސިއްރުކޮށްގެން

"ފުކްރޭ"ގެ ދެ އެކްޓަރުން ކަމަށްވާ ރިޗާ ޗައްޑާ އާއި އަލީ ފަޒަލްގެ ކައިވެނީގެ ރަސްމިއްޔާތުގައި އާދިއްތަ ދުވަހު ވަނީ ބާއްވާފަ އެވެ. މި ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމުން އެމީހުން ފޭނުން އެ ފޮޓޯތައް ރީތިވެގެން ތައުރީފުކޮށް ވަރަށް ގިނަ ކޮމެންޓުތައް ވެސް ކޮށްފައި ވެއެވެ. ނަމަވެސް އެމީހުން 2.5 އަހަރު ކުރިން ސިއްރު ސިއްރުން ކައިވެނކޮށްގެން އުޅޭކަން އެއްވެސް މީހަކަށް އޮތީ ކުރިން ނޭނގި އެވެ. އެކަން ހާމަކުރީ މިފަހަރު ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވިފަހުން އެމީހުންގެ ތަރުޖަމާނެވެ.

ތަރުޖަމާނު ބުނި ގޮތުގައި ރިޗާ އާއި އަލީ ވަނީ މީގެ 2.5 އަހަރު ކުރިން ރަސްމީކޮށް ކައިވެނިކޮށް ކައިވެނި ރަޖިސްޓްރީކޮށްފަ އެވެ. އެ ދުވަސްވަރަކީ ކޮވިޑް ޕެންޑެމިކް ފެށުނު ދުވަސްވަރު ކަމުން އެމީހުންނަށް އާއިލާގެ މީހުންނާއި އެކުވެރިންނާއެކު ކައިވެނީގެ އުފާ ހިއްސާ ނުކުރެވި އޮތީ ކަމަށާއި އަލުން ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް އެންމެން ޝާމިލުވާ ގޮތަށް ބޭއްވީ އެހެންވެ ކަމަށެވެ.

ސެޕްޓެމްބަރު 29ގައި ކައިވެނި ކުރުމަށްފަހު ރިޗާ އާއި އަލީ ވަނީ ދިއްލީ، ލަކްނޫ އަދި މުމްބައިގައި ކައިވެނި ޕާޓީތައް ބާއްވާފަ އެވެ.

މީގެ 2.5 އަހަރު ކުރިން ކައިވެނިކޮށް އެ ކައިވެނި ސިއްރުކޮށްގެން ތިބެފައި ކުއްލިއަކަށް އެކަން އިއުލާން ކުރުމުން ރިޗާ އާއި އަލީގެ ފޭނުންނަށް ޝޮކް ލިބުނު ނަމަވެސް އެމީހުން ވަނީ އެ ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އެމީހުން އެއް ގެއެއްގައި މި ފާއިތުވީ 2.5 އަހަރު ދިރިއުޅެފައިވަނީ ކައިވެނިކޮށްގެން އެނގުމުން އުފާ ކުރާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.