ބޮލީވުޑް

ޖާޔާ ބުނަނީ އަމީތާބު "މުސްކުޅި" ވެއްޖޭ

ފިލްމުތަކުންނާއި ޓީވީ ޝޯތަކުން އަމީތާބު ބައްޗަން ފެންނައިރު އޭނާއަކީ ވަރަށް ހަމަޖެހޭ އުފާވެރި މިޒާޖެއްގެ މަޖާ މީހެއްގެ ގޮތުގައި ފެނެ އެވެ. ނަމަވެސް އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން ބުނާ ގޮތުގައި ގޭގައި އުޅޭއިރު އަމީތާބަކީ ވަރަށް ގޯސް މިޒާޖެއްގެ ވެރިއެކެވެ. ޚާއްސަކޮށް ޖާޔާގެ އެކުވެރިން އެ ގެޔަށް ޒިޔާރަތްކުރާ ފަހަރު ފަހަރު އަމީތާބު އުޅެނީ ވަރަށް "ފޫހި" ފާޑަކަށް ރުޅިގަދަކޮށްލައިގެން ރުންކުރުވެގެން ކަމަށް ޖާޔާ ބުންޏެވެ.

ޖާޔާ އިތުރަށް ބުނި ގޮތުގައި އަމީތާބު މިހާރު އުޅެނީ އުމުރުން ދުވަސްވުމުން ގިނަ މީހުން އުޅޭ ގޮތަށެވެ. ރުޅިއައުމާއި، ރުންކުރުވުމާއި، އަނގަ ގަދަވުން ފަދަ ކަންކަން އޭނާއަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

ޖާޔާ މި ވާހަކަތައް ކިޔައިދީފައިވަނީ މާމަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާގެ ޕޮޑްކާސްޓް ޝޯ "ވަޓް ދަ ހެލް ނާވްޔާ" ގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ.

ނާވްޔާ ހޯސްޓްކުރާ މި ޝޯގައި ބައްޗަން އާއިލާގެ ތިން ޖެނެރޭޝަނުގެ އަންހެނުން ބައިވެރިވެފައި ވެއެވެ. އެއީ ޖާޔާ އާއި އޭނާގެ އަންހެން ދަރިފުޅު އަދި ނަވްޔާގެ މަންމަ ޝްވޭތާ ބައްޗަން އަދި ނަވްޔާ އެވެ.

އެމީހުން މި ޝޯގައި ދެއްކި ވާޙަކަތަކުގައި އެއްބަސްވީ ގޮތުގައި ޖާޔާގެ އެކުވެރިން އެ ގެޔަށް ޒިޔާރަތްކުރުމުން ގޭގައި ދިރިއުޅޭ އެހެން އެންމެން ވަރަށް އުފާވާ ކަމަށެވެ. ނަމަވެސް އަމީތާބު އުޅެނީ ވަރަށް "ގްރަމްޕީ" ވެގެން އެހެން މީހުން ހިތްހަމަނުޖެހޭ ޒާތަކަށެވެ.

"އަހަރެންގެ އެކުވެރިން އަންނައިރަށް އަމީތާބު ބުނާނެ އަހަރެން މިދަނީ މައްޗަށޭ. އަހަރެން މިތާކު ނީންނާނަމޭ. އެ ކަހަލަ އަނގަތަކެއް ތަޅާފަ ހިނގައިދާނެ،" ޖާޔާ ބުންޏެވެ.

އަމީތާބު މުސްކުޅިވެގެން ގޮސް އަނގަ ގަދަ ކުރިޔަސް ޖާޔާ އެހެން ނޫޅޭކަމަށް ނަވްޔާ އެއްބަސްވި އެވެ. ނަވްޔާ ބުނާ ގޮތުގައި ޖާޔާ އަކީ ވަރަށް "ކޫލް މާމަ"އެކެވެ.

މިއަހަރުގެ އޮކްޓޯބަރު 11 އަށް އަމީތާބަށް 80 އަހަރު ފުރޭނެ އެވެ.