ބޮލީވުޑް

ކައިވެނީގެ ކުރިން ޖާޔާއަށް އަމީތާބު ކުރި ޝަރުތު

އަމީތާބު ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަންގެ ކައިވެންޏަށް 2023ގައި 50 އަހަރު ފުރޭނެ އެވެ. އެމީހުން ކައިވެނ ކޮށްފައިވަނީ 1973ގެ ޖޫން 3 ވަނަ ދުވަހު އެވެ. ޖާޔާގެ މާމަގެ ގޭގައި އެމީހުން ކައިވެނިކުރީ ވަރަށް އާދައިގެ ގޮތަކަށެވެ.

ޖާޔާގެ މާމަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާގެ ޕޮޑްކާސްޓް "ވަޓް ދަ ހެލް ނަވްޔާ"ގައި ބައިވެރިވެ ޖާޔާ ވަނީ އަމީތާބާއި އޭނާގެ ލޯބީގެ ވާހަކަތަކާއި އެމީހުންގެ ކައިވެނި ކުރަން އޮތް ތާރީޚަށް ވުރެ މާ ކުރިން ކުރަން މެދުވެރިވީ ސަބަބު ކިޔައިދީފަ އެވެ.

ޖާޔާ ބުނި ގޮތުގައި އެމީހުން ކައިވެނިކުރަން އޮތީ 1973ގެ އޮކްޓޯބަރުގަ އެވެ. ނަމަވެސް ކުއްލިއަކަށް ޖޫން އަށް އަވަސްކުރީ އެވެ. އަދި ކައިވެނީގެ ކުރިން އަމީތާބު އޭނާއަށް ޝަރުތެއް ހުށަހެޅިކަމަށް ވެސް ޖާޔާ ބުންޏެވެ.

"އަހަރެމެން އޮކްޓޯބަރުގައި ކައިވެނިކުރަން ނިންމީ އޭރު ސޮއިކޮށްފައިވާ ގިނަ ފިލްމުތަކެއް ނިންމާލަން. ނަމަވެސް އަވަސްކުރަން ޖެހުނީ. ކައިވެނި ކުރުމުގެ ކުރިން އަމީތާބު އަހަންނަށް ޝަރުތެއް ހުށަހެޅި. އެއީ އޭރު އަހަރެން މަސައްކަތް ކުރަމުން ދިޔަގޮތަށް ހެނދުނު 9.00 އިން ހަވީރު 5.00 އަށް މަސައްކަތް ނުކުރުން. އޭނަ ބުނީ މަސައްކަތް ކުރިޔަސް ހެވޭ. އެކަމަކު ކޮންމެ ދުވަހަކު ޝޫޓިންގަށް ނުދައްޗޭ. ރަނގަޅު މީހުންނާއެކު ރަނގަޅު ޕްރޮޖެކްޓްތައް ޚިޔާރުކޮށްގެން ފިލްމު ކުޅޭށޭ،" ޖާޔާ ކިޔައިދިނެވެ.

ކައިވެނި އަވަސްކުރަން ޖެހުނު ސަބަބު ކިޔައިދެމުން ޖާޔާ ބުނީ އޭނާ އާއި އަމީތާބު އެކުގައި ކުޅުނު "ޒަންޖީރު" ބްލޮކްބަސްޓާއަކަށް ވުމުން އެމީހުން އެންމެން ބޭރު ގައުމަކަށް ޗުއްޓީގައި ދާން ރާވާފައި އޮތް ކަމަށެވެ. އެމީހުން ގަސްތުކޮށްގެން ތިބީ ޗުއްޓީ ނިންމާފައި އައިސް ފިލްމުތަކުގެ މަސައްކަތް ވެސް ކޮށްލާފައި އޮކްޓޯބަރުގައި ކައިވެނި ކުރާށެވެ.

"އަހަރެން ގޮވައިގެން އަމީތާބު ޗުއްޓީއަށް ދާން އުޅޭކަން އެނގުމުން އަމީތާބުގެ މައިންބަފައިން އެކަމާ ދެކޮޅު ހެދި. ބުނީ އަހަރެން ގެންދެވޭނީ ކައިވެނި ކޮށްގެންނޭ. އެހެންވެ ދެ މީހުން އަވަސް އަވަހަށް ކައިވެނިކޮށްލީ،" ޖާޔާ ބުންޏެވެ.

ކައިވެންޏަށްފަހު އަމީތާބުގެ ކެރިއަރު ރޮކެޓެއް ހެން މައްޗަށް އަރައިގެން ދިޔައިރު ޖާޔާ މަޑުމަޑުން ފިލްމު ކުޅުމާ ދިޔައީ ދުރަށެވެ. އަދި ދަރިން ލިބުމަށްފަހު ފިލްމު ކުޅުން މުޅިން ހުއްޓާލައި ހުރިހާ ވަގުތެއް ކުދިންނާއެކު ހޭދަކުރަން ޖާޔާ ނިންމި އެވެ. އަމީތާބު 2014ގައި އޮތް އިންޑިއާ ޓުޑޭ ކޮންކްލޭވްގައި ވާހަކަ ދައްކަމުން މިކަން ފާހަގަކޮށް ޖާޔާއަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަމީތާބު ބުނި ގޮތުގައި ޖާޔާގެ ކިބައިގައި ހުރި އެންމެ ރަނގަޅު އެއް ސިފައެއް ކަމަށް އޭނާ ގަބޫލުކުރަނީ ކެރިއަރަށް ވުރެ ގެޔަށް އިސްކަން ދިނުމެވެ.