ދުނިޔެ

އަދިވެސް އިތުރު މިސްކިތްތައް ބަންދުކުރަން ޖެހޭ: މާރިން

ފްރާންސްގައި މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި އިމަނުއެލް މެކްރޮންއާ ވާދަކުރައްވައި، ދެވަނަ ބުރުގައި ފޭލިވެ ވަޑައިގެންނެވި -- ނެޝަނަލް ރެލީ ޕާޓީގެ ލީޑަރު، މާރިން ލުޕެން އެދިވަޑައިގަންނަވާ ގޮތަކީ ފްރާންސްގައި މިހާރު ހުރި މިސްކިތްތައް ވެސް ބަންދުކުރުން ކަމަށް ވިދާޅުވެއްޖެ އެވެ.

މެކްރޮން ސަރުކާރުން މިސްކިތް ބަންދުކުރާ ވަރު މާމަދު ކަމަށްވެސް މާރިން ލުޕެން ވިދާޅުވި އެވެ.

ފްރާންސްގައި ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 24 މިސްކިތް ވަނީ ބަންދުކޮށްފަ އެވެ. އެ މިސްކިތްތައް ބަންދުކުރީ އިންޓިރިއާ މިނިސްޓަރު ޖެރަލްޑް ޑާމަނިން ކުރެއްވި އަމުރަށެވެ.

ލުޕެން ވިދާޅުވި ގޮތުގައި އެހެރަ ތަނުން މިސްކިތެއް، މިތަނުން މިސްކިތެއް ބަންދުކުރުމުން، މިސްކިތް ބަންދުކުރެވުނީ ކަމަކަށް ނުވާނެ އެވެ.

ފްރާންސްގައި ބޮޑު ކަންތައްގަނޑެއް ހިނގާދިއުމުން މިސްކިތުގެ އިމާމަކު ބަންދުކުރުމަކީ ހަރުކަށި ފިކުރު ނައްތާލުން ނޫން ކަމަށް ލުޕެން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަރުކަށި ފިކުރަށް ގޮވާލައި ޕްރޮމޯޓްކުރާ ހުރިހާ މީހުން ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

މާރިން ލުޕެންގެ ނަޒަރުގައި ހަމަ ހުރިހާ މިސްކިތެއް ބަންދުކުރަންވީތޯ ސުވާލު ކުރުމުން ވިދާޅުވީ އެ މީހުންގެ ކިބައިން ހަރުކަށިކަން ފާޅުވާނަމަ ގައުމުން ވެސް ބޭރުކުރަންވީ ކަމަށެވެ.

ބައިބައިވުމަށް ގޮވާލާ ފިކުރުތަކާ ދެކޮޅަށް ފްރާންސްގައި މިދިޔަ އަހަރު ފާސްކުރި ގާނޫނުގެ ދަށުން މުޅިންހެން ފިޔަވަޅު އަޅާފައި ވަނީ މުސްލިމުންނަށެވެ. މުސްލިމުންނަށް އުނދަގޫކޮށް ބައެއް ސަރަހައްދުތަކުގައި އުޅެން ވެސް ވަނީ ދަތިކޮށްފަ އެވެ.

މިއަހަރުގެ އޭޕްރީލްގައި ފްރާސްގައި އޮތް ރިޔާސީ އިންތިހާބުގައި މެކްރޮންއާ ވާދަކުރައްވައި ފުރަތަމަ ބުރުގައި ލުޕެންއަށް ލިބިވަޑައިގެންފައިވަނީ 24.5 ޕަސެންޓް އެވެ. މެކްރޮން ގޮނޑި ދިފާއުކުރެއްވީ ފުރަތަމަ ބުރުގައި 28 ޕަސެންޓް -- ދެވަނަ ބުރުގައި 58.2 ޕަސެންޓް ވޯޓުންނެވެ.

ލުޕެންއަށް ރައީސްކަން ލިބިވަޑައިގަތް ނަމަ މުސްލިމުންނާ މެދު ފްރާންސް ދެކޭ ގޮތް ބަދަލުކުރައްވައި ހަރުކަށި ކުރައްވާނެ ކަމަށް އޮތީ ވިދާޅުވެފަ އެވެ.