އަހުމަދު މަހްލޫފު

ކެސިނޯ އަޅަން ތާއީދެއް ނުކުރަން: މަހުލޫފް

ކެސިނޯ އަޅަން ތާއީދު ނުކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ކެސިނޯ އަޅަން ވަކާލާތު ނުކުރާ ކަމަށާއި އެކަމުޔެ ޝައުގުވެރިކަމެއްވެސް ނެތް ކަމަށެވެ.

"އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން." މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ލައިސަންސް ނުދެނީ ކީއްވެތޯ މިނިސްޓަރު މަހުލޫފުއާ ސުވާލު ކުރައްވާފަ އެވެ.

މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށާއި އެކަމުގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ. އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.

"ބަރާބަރަށް ރާވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއްވެސް އެތަންތާންގައި [ރިސޯޓްތަކުގައި] ޖަހާ" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކެސިނޯ ހިންގުމުގެ ހުއްދަދޭ ވުޒާރާއަކީ ޔޫތު މިނިސްޓްރީ ނޫން ކަމަށާއި ރިސޯޓުތައް ބެލުމުގެ ޒިންމާ އޮތް ވުޒާރާއަކުން އެކަމުގައި ވާހަކަދައްކާނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ކެސިނޯ ހިންގުމުގެ ހުއްދަ ދިނުމަށް ޖާބިރު ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ.